ޚަބަރު

ޒުވާން ޑިޕްލޮމެޓުން އުފެއްދުމުގެ ޕްރޮގްރާމް ނޮވެމްބަރުގައި ފަށަނީ

ޑިޕްލޮމެޓުންގެ އާ ޖީލެއް އުފައްދަން ފައްޓަވާ ޕްރޮގްރާމް އަންނަ މަހު ފަށްޓަވާނެ ކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޝާހިދު އެގޮތަށް ވިދާޅުވީ، ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިސްކަންދަރު ސްކޫލުގެ ދަރިވަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. ދަރިވަރުންނާ ބައްދަލުކުރައްވައި ޝާހިދު ވިދާޅުވީ، އެމަނިކުފާނުގެ ރިޔާސަތުގައި ޒުވާނުންނަށް ފުރުސަތު ފަހިކޮށްދިނުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށާއި އެ މަސައްކަތުގެ ދަށުން ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީ ޔޫތު ފެލޯޝިޕް ޕްރޮގުރާމެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ވެސް ފައްޓަވާފައިވާ ކަމަށެވެ.

އެ މަސައްކަތުގެ ބޭނުމަކީ، އެކި ގައުމުތަކުގައި ތިބި ޒުވާނުންގެ ތެރެއިން ގައުމުތަކުގެ ޒުވާން ޑިޕްލޮމެޓުންނަށް ފުރުސަތު ހޯއްދަވައިދެއްވުން ކަމަށާއި، އދ. ގެ މަޖިލީހުގެ މަސައްކަތްތައް ހިނގާ ގޮތް ދަސްކުރުމަށް އެއް އަހަރު ދުވަހު އެމަނިކުފާނާ އެކުގައި އެ ކުދިން މަސައްކަތް ކުރާނެ ކަމަށެވެ. އދ. ގެ ނިޒާމުގެ ތެރެއަށް އެ ޒުވާނުން ހޭލުންތެރި ކުރުވައި, މަލްޓިލެޓަރިޒިމަށް ވަރުގަދައަށް ވަކާލާތު ކުރާ ބަޔަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. މި ޕްރޮގުރާމުގެ ދަށުން ނޮވެމްބަރު މަސް ނިމުމުގެ ކުރިން، ފުރަތަމަ ގްރޫޕް ނިއުޔޯކަށް ގެންދެވޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ގައުމެއްގެ ސަރުކާރަކުން ނިންމާ ނިންމުމެއްގެ އަސަރު އެންމެ ބޮޑަށް ކުރާނީ ޒުވާނުންނަށް ކަމަށް ވުމުން އދ ގެ ރައީސްގެ ހައިސިއްޔަތުން ކޮންމެ ގައުމަކަށް ވެސް ދަތުރުކުރައްވާއިރު ޒުވާނުންނާ ބައްދަލުކުރައްވައި ޒުވަނުންގެ އަޑު އައްސަވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. ރާއްޖޭގެ ޒުވާނުން އެމަނިކުފާނަށް ފޮނުވާފައިވާ ސިޓީތައް ލިބުނު ކަމަށާއި، އެ ސިޓީތައް ވިދާޅުވި ކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، ޒުވާނުން އެ ސިޓީގައި ފާހަގަކޮށްފައި ހުރި ކަންބޮޑުވުންތައް އުފަލާއެކު ބަލައިގަންނަ ކަމަށާއި، ތިމާވެއްޓާ ގުޅިގެން ފާހަގަކޮށްފައި ހުރި ކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އދގެ އާއްމު މަޖިލީހާއި ސަލާމަތީ މަޖިލިސް އިސްލާހުކުރުމުގެ މަސައްކަތް އެމަނިކުފާނުގެ ރިޔާސަތުގައި ކުރައްވާނެ ކަމަށާއި، އެންމެ ފުރަތަމަ އެކަމަށް އިސްނެގި 10 ގައުމުގެ ތެރޭގައި ވެސް ރާއްޖެ ހިމެނޭ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އދ. އިސްލާހުކުރުމާ ގުޅޭ ގޮތުން އިއްޔެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ޝާހިދުއާ މަޝްވަރާކުރައްވައިފަ އެވެ.