މިއަދުގެ ދުނިޔޭގައި، ގައުމުތައް އަޅުވެތި ކުރުމަށް، ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ކެހިވެރި މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށް ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސިޔާމް މިހެން ވިދާޅުވީ، ގައުމީ ދުވަހާ ގުޅިގެން ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.

އެގޮތުން މިއަދުގެ ދުނިޔޭގައި ގައުމުތައް އަޅުވެތިކުރުމަށް ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ކުރަމުންގެންދާ އެންމެ ބޮޑު މަސައްކަތަކީ އިގްތިސޯދީ ގޮތުން ގައުމުތައް އަޅުވެތިކުރުމުގެ ކެހިވެރި މަސައްކަތްތައް ކަން، ކޮންމެ ދިވެހި ދަރިޔަކުވެސް ހަނދާންކޮށް މި ލޮބުވެތި ގައުމުގެ ފުދުންތެރިކަން އިތުރުކުރުމަށް ހީވާގިކަމާއެކު ގަދައަޅައި މަސައްކަތްކުރާ އުފެއްދުންތެރި ދަރިއަކަށް ވުމަށް ކޮންމެ ފަރުދަކުވެސް އަޒުމު ކަނޑައަޅައި މަސައްކަތްކުރުމަށް ސިޔާމް އިލްތިމާސް ކުރެއްވި އެވެ.

ގައުމީ ދުވަހުގެ އުފަލުގައި މިނިވަންކަމުގެ ރޫހު އާލާކޮށް، އެ ރޫހު ދިރުވަން ގަދައަޅައި މަސައްކަތް ކުރުމަށް ސިޔާމް ހެ ހިތޯބުގައި ގޮވާލައްވައިފައި ވެއެވެ.

"ހަމަ އެހެންމެ، ދިވެހިންގެ މިނިވަންކަން ގެއްލިގެންދިޔަ އެންމެހައި ހާދިސާތަކުން އިބުރަތް ލިބިގަނެ، ބޮޑެތި ބާރުތަކުގެ ކުރިމަތީގައި، ބޮޑުތަކުރުފާނާއި އެ ތަކުރުފާނުގެ އެންމެހައި ބައިވެރިން ނެރުއްވި ހިތްވަރާއި، ގައުމަށްޓަކައި ވެ ވަޑައިގެންނެވި މަތިވެރި ގުރުބާނީއަކީ މިއަދުގެ ދިވެހި ދަރީންގެ އަޒުމު ކަމުގައި ހެދުން މުހިންމު" ސިޔާމް ވިދާޅުވި އެވެ.