ޚަބަރު

މަހްފޫޒަށް ހަމަލާދިން މައްސަލަ: ސިއްރު ހެކިވެރިޔާއަށް އެއްވެސް ކަމެއް ހަނދާނެއްނެތް!

މުހައްމަދު އިޝާން

ރައީސް މުހައްމަދު ނަޝީދުގެ ކުރީގެ ގާނޫނީ ވަކީލު މަހްފޫޒު ސައީދަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިޔާ އެ ހާދިސާއާ ގުޅުންހުރި އެއްވެސް ކަމެއް މިހާރު ހަދާނުގައި ނެތް ކަމަށް ބުނެފިއެވެ.

މަހްފޫޒަށް ހަމަލާދީފައި ވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހަތަރު ވަނަ ދުވަހު ހަވީރު 5:00 އެހާކަންހާ އިރު މާވެޔޮ މަގުގައި ހުންނަ ވާދީ ފްރެޝް ފިހާރަ ކައިރިންނެވެ. މަހުފޫޒަށް ހަމަލާދީފައި ވަނީ ޖީއެން ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. ހަމަލާދިނީ އޭނާ ފޯނު ކޯލެއް ކުރަން ސައިކަލްގައި އިށީންދެގެން އިންވަގުތުއެވެ. ހަމަލާ ދީފައިވަނީ އޭނާގެ ބޮލަށެވެ.

އެ ހަމަލާއާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ، ރ. އިނގުރައިދޫ، ކަރަންކާގެ، ހުސެއިން ޝަފްރާޒް އިބްރާހިމް، މާލެ، މއ. ދަފްތަރު 6201 ފިރާޒް ޖައުފަރު، މާލެ، ހ. ސެނާ، ހާލިދު ނަފީއުގެ އިތުރުން ހުޅުމާލެ 11270 އަހުމަދު ރާއިދުއެވެ.

ހުސެއިން ޝަފްރާޒް އިބްރާހިމުގެ މައްޗަށް ދައުލަތުން ކުރަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުނުކަމުގެ ދައުވާއެވެ. ދެން ތިބި މީހުންގެ މައްޗަށް ކުރަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމާއި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގައި ބައިވެރިވިކަމުގެ ދައުވާއެވެ. މި މައްސަލައިގައި ދައުލަތުން ދައުވާކުރާ އަހުމަދު ރާއިދު ފިލައިގެން އުޅެނިކޮށް ހައްޔަރުކުރީ ސްރިލަންކާގައި ހުންނަ ސޯސަން ވިލާއިންނެވެ.

މިއަދު ކުރިމިނަލް ކޯޓުގައި އޮތީ ދައުލަތުން ހުށަހަޅާ ހެކި ހުށަހެޅުމެވެ. މިއަދުގެ ޝަރީއަތުގައި ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިޔާ ބުނީ އޭނާ މިހާރު އެއްވެސް ކަމެއް ހަދާން ނެތް ކަމަށެވެ. އަދި އޭނާ ހެކިބަސް ދޭން ހާޒިރުކުރެވުނު މައްސަލައިގެ ހާދިސާ ހިނގިގޮތް ކިޔައިދޭން ވަނީ އެދިފައެވެ.

ދައުލަތުން ހާދިސާ ހިނގިގޮތް ކިޔައިދޭން އުޅުމުން ދައުވާލިބޭ ހުރިހާ މީހުންގެ ދިފާއީ ވަކީލު އަލީ ޝާހު ވިދާޅުވީ، ދައުލަތަށް އެގޮތަށް ހާދިސާ ހިނގިގޮތް ކިޔައި ނުދެވޭނެ ކަމަށެވެ. ދައުލަތުން ހާދިސާ ކިޔައި ދިނުމަކީ "ހެކިވެރިޔާގެ އަނގައަށް ހެކިބަސް ލުން" ކަމަށް ޝާހު ވިދާޅުވިއެވެ. މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ޝާހުގެ ވާހަކައަށް ތާއިދުކުރައްވައިފައެވެ.

އެއަށްފަހު ދައުލަތުން ވަނީ ޝަރީއަތުގައި ތިބި އެންމެން މީގެ ކުރިން ފެނުނުތޯ ސިއްރު ހެކިވެރިޔާއާ ސުވާލުކޮށްފައެވެ. ސިއްރު ހެކިވެރިޔާ ބުނީ ހަނދާނެތް ކަމަށެވެ. ދެން ދައުލަތުން އެހީ މީހެއްގެ ގަޔަށް ވަޅި ޖެހި މަންޒަރު ފެނުނުތޯއެވެ. އެ ސުވާލަށް ވެސް ސިއްރު ހެކިވެރިޔާ ބުނީ، ހަނދާނެތް ކަމަށެވެ. އަދި ދައުލަތުން ވަނީ މީހެއްގެ ގަޔަށް ވަޅި ޖަހައިގެން އުޅުނު ހަދާނެއްވޭތޯ ސުވާލުކޮށްފަ އެވެ. މިފަހަރު ވެސް ސިއްރު ހެކިވެރިޔާ ބުނީ، ދައުލަތުން އެބުނާ ކަހަލަ ކަމެއް ހަދާންނުވާ ކަމަށެވެ.

މިހާ ހިސާބުން ދައުލަތަށް ވަނީ ސިއްރު ހެކިވެރިޔާގެ ނިޔަތާމެދު ސުވާލު އުފެދިފައެވެ. އެހެންވެގެން ދައުލަތުން ވަނީ، ސިއްރު ހެކިވެރިޔާ ކޯޓަށް ހާޒިރުވީ ހެކިބަސް ދޭންތޯ އައްސަވައިފައެވެ. ޖަވާބުގައި ސިއްރު ހެކިވެރިޔާ ބުނީ، ހެކިބަސް ދޭން އެގޭނީ އޭނާ ހެކިބަސް ދޭން ހާޒިރުކުރި މައްސަލަ އެގިގެން ކަމަށެވެ. ސިއްރު ހެކިވެރިޔާ ފުލުހުންނަށް ބަޔާނެއް ދިންތޯ ދައުލަތުން ސުވާލުކުރުމުން ބުނީ، އާއްމު ގޮތެއްގައި ފުލުހަށް އެކިއެކި މައްސަލަތަކުގައި ބަޔާންދޭ ކަމަށެވެ.

މާރާމާރީއަކާ ގުޅިގެން ފުލުހަށް ހާޒިރުކޮށް ނޫނީ ސިއްރު ހެކިވެރިޔާއާ އަމާޒުނުވާ ތުހުމަތެއްގެ މައްސަލެއްގައި ބަޔާންދިނިންތޯ ދައުލަތުން އެހުމުން އޭނާ ބުނީ، ފުލުހުންނަށް ބަޔާނެއް ނުވަތަ ހެކިބަހެއް ދިންކަން ހަދާންނުވާ ކަމަށެވެ.

ދެން ދައުލަތުން އެދުނީ ސިއްރުހެކިވެރިޔާ ދީފައިވާ ބަޔާނުގައި ހުރި އޭނާގެ ސޮޔާއި ފިންގާޕްރިންޓު ކޮންފާމް ކޮށްދިނުމަށް ގާޒީ އަރިހުން އެދިފައެވެ. އެކަން އެގޮތަށް ކުރުމަށް ގާޒީ ވަނީ އިޒުނަ ދެއްވައިފައެވެ. ސިއްރުހެކިވެރިޔާއަށް އެ ބަޔާނުގެ ވަކި ބައެއް އަދި އޭނާގެ ސޮއި ވަނީ ދައްކައިފައެވެ. ސޮޔާއި ބަޔާނުގައި އޮތް އައިޑީކާޑު ނަމްބަރާ ބެހޭގޮތުން ދައުލަތުން ސުވާލުކުރުމުން ސިއްރުހެކިވެރިޔާ ބުނީ، 2015 ވަނަ އަހަރު ބޭނުންކުރި ސޮއި މިހާރު ބޭނުން ނުކުރާ ކަމަށެވެ. މިހާރު ބޭނުން ކުރަނީ އާ ސޮޔެއް ކަމަށްވުމުން އަދި ގިނަ އަހަރުތަކެއް ވެފައިވުމުން އޭރު ބޭނުންކުރި ސޮއި ނޭނގޭ ކަމަށެވެ. އައިޑީކާޑުގެ ނަމްބަރު ރަނގަޅުކަމަށް އޭނާ ބުންޏެވެ.

ދައުލަތުން އެހާ ހިސާބުން ވަނީ ސިއްރުހެކިވެރިޔާއާ ކުރާނެ އިތުރު ސުވާލެއް ނެތްކަމަށް ވިދާޅުވެފައެވެ. ދިފާއުން ވެސް ބުނީ، ކުރާނެ ސުވާލެއް ނެތް ކަމަށެވެ.

ދިފާއުއަށް ވާހަކަ ދައްކަވަން ލިބުނު ފުރުސަތުގައި ޝާހު ވިދާޅުވީ، ދައުލަތުން ހުށަހަޅާ ހުރިހާ ހެކިން އެއް ދުވަހަކު ހާޒިރުކޮށް، ދިފާއުން ސުވާލުކުރަން ބޭނުންވާ ކަމަށް މީގެ ކުރިން އެދިފައިވާނެ ކަމަށެވެ. އެގޮތަށް އެދުނީ އެއް ހެކިވެރިޔާ ދައްކާ ވާހަކަތަކާ ގުޅިގެން އަނެއް ހެކިވެރިޔާއާ ސުވާލުކުރަން ޖެހޭތީ ކަމަށެވެ. އަދި ވިދާޅުވީ މި މައްސަލަ ނުނިމި މިހާ ލަސްވެގެން މިދަނީ ދައުލަތަށް ހެކިވެރިން ހާޒިރު ނުކުރެވޭތީ ކަމަށެވެ. މިހާރު އުސޫލުގައި ބަޔާންކޮށްފައިވާ ވަރަށް ވުރެ ގިނަ ފަހަރު ދައުލަތަށް ހެކިވެރިން ހާޒިރުކުރުމަށް ފުރުސަތު ދިނުމުގެ ސަބަބުން ދައުވާ ލިބޭ މީހުންނަށް މިއީ އިންސާފުވެރި ޝަރީއަތެއް ކަމާމެދު ސުވާލު އުފެދޭ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.

އޭގެ ރައްދުގައި ދައުލަތުން ވިދާޅުވީ، ހެކިވެރިން ހާޒިރުކުރުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުންދާ ކަމަށެވެ. އަދި ބައެއް ހެކިވެރިން ހެކިބަސް ދޭން ދެކޮޅު ހަދަމުންދާތީ ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.