ވާނުވާ ނުވަތަ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހައްލު ހޯދުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުގެ މަގުސަދު ހާސިލު ވަމުން ނުދާ ކަމަށް ހައިކޯޓުން ބުނެފި އެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރާ މައްސަލައަށް ހައްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވެސް ވަނީ މަސައްކަތްކޮށްފަ އެވެ. ޕީޖީ ޝަމީމު ވަނީ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އާއެކު ޝަރީއަތް ނިމެންދެން ބަންދުކުރުމާ ބެހޭ ޖިނާއީ އިޖުރާތުގެ ބައި އިސްލާހު ކުރުމަށް ވެސް މަސައްކަތް ކުރައްވައިފަ އެވެ. ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ ސަބަބުން ޝަރީއަތް ދިގުލައި އެތައް އަހަރުތަކެއް ޖަލުގައި ތިބެން ޖެހުމުން ގައިދީންނާއި ހިއުމަން ރައީޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވަނީ އެތައް ފަހަރަކު ކަންބޮނޑުވުން ފައުޅުކޮށްފަ އެވެ.

އަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ އިދާރާއަކުންނާއި މުއައްސަސާތަކުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރާ މައްސަލައަށް ހައްލު ގެނައުމަށް މަސައްކަތްކޮށްފަ އެވެ. އެގޮތުން ޝަރީއަތް ނިމެންދެން އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ކޮންމެ 30 ދުވަހަކުން ބަންދު ރިވިއު ކުރުމަށް ހުށަހަޅަން ސިޔާސަތަށް ބަދަލު ގެނަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުގައި ޝަރީއަތް ނިމެންދެން ބަންދު ކުރާ ކޮންމެ މީހެއްގެ ވެސް ބަންދު ކޮންމެ 30 ދުވަހަކުން ރިވިއު ކުރަން ޖެހޭނެ ކަމަށް އިސްލާހުކޮށް ކަނޑައެޅި އެވެ.

އެ އިސްލާހުގެ ނަތީޖާ ހާސިލު ނުވާ ކަމަށް ގިނަ ވަކީލުންތަކެއް ބުނެފައިވަނިކޮށް ހައި ކޯޓުން ވެސް ބުނީ، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހައްލު ހޯދުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުގެ މަގުސަދު ހާސިލު ވަމުން ނުދާ ކަމަށެވެ.

އިސްތިއުނާފަށް ހައިކޯޓަށް ހުށަހެޅުނު ކޯޓު އަމުރެއްގެ މައްސަލަ ބެއްލެވުމަށްފަހު އިއްވެވި ރައުޔުގައި ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ، ޖިނާއީ އިޖުރާއަތަށް ގެނައި އިޖުރާއާތުގެ ހަގީގީ މަގުސަދަކީ، ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތައް އަވަސް ކުރުން ކަމަށެވެ. އަދި ޝަރީއަތުން މައްސަލައިގެ ގޮތެއް ކަނޑައެޅުމުގެ ކުރިން ބަންދުގައި ހުރި މީހާ ބަންދުކުރި ހާލަތު ބަދަލުވެފައި ވޭތޯ ނުވަތަ ނޫންތޯ ބެލުމެވެ. ނަމަވެސް އެގޮތަށް އެ މަގުސަދު ހާސިލު ވަމުންދާ ތަން ނުފެންނަ ކަމަށެވެ.

މިފަދަ މައްސަލަތައް އެންމެ ގިނައިން ހުށަހެޅޭ ކްރިމިނަލް ކޯޓުގެ މައްސަލަތަކާއި ގާޒީންގެ އަދަދަށް ބަލާއިރު މިއީ ގޮންޖެހުން ބޮޑުކަމެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ވެސް ފާހަގަކޮށްފައިވާކަން ފަނޑިޔާރު ސަމީރު ވިދާޅުވި އެވެ. ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައިގަނޑު ޝަކުވާއަކީ ސިއްހީ ފަރުވާ ނުލިބުން ކަމަށް ވެސް ފަނޑިޔާރު ސަމީރު ވިދާޅުވި އެވެ.

ފަނޑިޔާރު ސަމީރު އިތުރަށް ވިދާޅުވީ ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ސިއްހީ ކަންކަން ބެލެހެއްޓުމަކީ ފަނޑިޔާރުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވާތީ, އެކަމުގައި ފަނޑިޔާރު އިތުރަށް ކުރަން ޖެހޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އެކަމުގެ ހައްލު ހޯދަން ޖެހޭނީ ޖަލު ބަލަހައްޓާ ފަރާތުން ކަމާއި ޝަކުވާ ވެސް ހުށަހަޅަން ޖެހޭނީ ކޯޓަށް ނޫން ކަމާއި އެކަމާ ބެހޭ މުއައްސަސާތަކަށް ކަމަށް ފަނޑިޔާރު ސަމީރު ވަނީ ވިދާޅުވެފަ އެވެ.

ފަނޑިޔާރު ސަމީރު އެގޮތަށް ރައުޔެއް ނެރުއްވައިފައި ވަނީ، ރާއްޖެއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރުމުގެ ސަބަބުން، ޝަރީއަތް ނިމެންދެން ބަންދުކުރި މީހެއްގެ މައްސަލައިގަ އެވެ. ޑްރަގް އެތެރެ ކުރި މީހާއަށް ދަތުގެ ފަރުވާ ފޯރުކޮށް ދިނުމަށް އެކަށީގެންވާ ވަރަށް ކަރެކްޝަނުން މަސައްކަތް ނުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލައިފަ އެވެ. އޭރު އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގެ އެ އަމުރު ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހު ހައި ކޯޓުން ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލު ކުރާނެ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.