މެންޗެސްޓާ ޔުނައިޓެޑުގެ 9.5 މިލިއަން ހިއްސާ ވިއްކާލުމަށް އެ ކްލަބުގެ ވެރިން ކަމަށްވާ ގްލޭޒާސް އާއިލާ އިން ޖަހައިފިއެވެ.

ގްލޭޒާސް އާއިލާގެ ދެ ބޭފުޅުން ކަމަށްވާ ކެވިން ގްލޭޒާ އާއި އެޑްވާޑް ގްލޭޒާގެ ނަން މަތީގައި ނިއުޔޯކް ސްޓޮކް އެކްސްޗޭންޖުގައި ވިއްކާލަން ޖަހައިފައިވާ ޔުނައިޓެޑުގެ ހިއްސާގެ އަގަކީ 137.12 މިލިއަން ޕައުންޑެވެ. އެ ހިއްސާ ވިއްކާލުމަށް ޖަހައިފައި ވަނީ ކްލަބަށް އޭގެން ފައިދާއެއް ނުކުރާނެ ގޮތަކަށެވެ. އެ ހިއްސާއަކީ ސީދާ ގްލޭޒާސްގެ ހިއްސާއިން ވިއްކާލާ ހިއްސާ އެވެ.

ގްލޭޒާސް އިން ހިއްސާ ވިއްކަން ޖަހާފައި ވަނީ ވެރިންނާ ދެކޮޅަށް މީގެ ފަސް ވަރަކަށް މަސް ކުރިން ސަޕޯޓަރުން އަޑު އުފުލުމާ ގުޅިގެން ކަމެއް ޔަގީންކޮށް ބުނާކަށް ނޭނގެއެވެ. ޔުނައިޓެޑުގެ ކަންކަން ގޯހުން ގޯހަށް ދާ ކަމަށް ބުނެ، މިދިޔަ ސީޒަންގައި ލިވަޕޫލާ ދެކޮޅަށް އެޓީމުން ކުޅެން އޮތް މެޗެއްވެސް ސަޕޯޓަރުން ވަނީ ދަނޑަށް އަރައި ހުއްޓުވާފައެވެ.

ޔޫރަޕުގެ ގަދަ ބާރުތައް ކަމަށް ބުނާ ކްލަބުތަކުން އުފައްދަން މަސައްކަތް ކުރި ޔޫރަޕިއަން ސުޕަ ލީގުގެ ތެރޭގައިވެސް އެފަހަރު ޔުނައިޓެޑުން ވަރަށް ބޮޑަށް ހަރަކާތްތެރިވެފައިވާއިރު، އެކަމުގައި ޔުނައިޓެޑުގެ ފަރާތުން އިސްކޮށް އުޅެފައި ވަނީ ކޯ ޗެއާމަން ޖޯލް ގްލޭޒާއެވެ. ޖޯލްއާއެކު އެ ވާހަކަތަކުގައި ޔުނައިޓެޑުގެ ވައިސް ޗެއާމަނަކަށް އޭރު ހުރި އެޑް ވުޑްވާޑުވެސް ބައިވެރިވެފައިވާއިރު، ސަޕޯޓަރުންގެ ބޮޑެތި ނުރުހުންތަކާއެކު ވުޑްވާޑް ވަނީ ސީޒަނަށްފަހު މަގާމުން އިސްތިއުފާ ދީފައެވެ.

މިދިޔަ މާޗު މަހުގައިވެސް އަވްރަމް ގްލޭޒާ ވަނީ 70 މިލިއަން ޕައުންޑަށް ވާ ވަރަށް ޔުނައިޓެޑްގެ ހިއްސާ ވިއްކާފައެވެ. މިހާރު ވިއްކަން ޖަހާފައިވާ ހިއްސާއަކީ ގްލޭޒާސް އާއިލާއިން ޔުނައިޓެޑުގައި ހިއްސާވާ އަދަދުގެ 8 ޕަސެންޓް ހިއްސާ އެވެ. އެ ހިއްސާ ވިއްކާލި ނަމަވެސް ޔުނައިޓެޑުގެ 69 ޕަސެންޓް ހިއްސާ އޮންނާނީ ގްލޭޒާސް އަތުގަ އެވެ. ބެލެވޭ ގޮތުގައި މިހާރު ވިއްކަން ޖަހައިފައިވާ ހިއްސާ ވިކޭނީ މާކެޓް އަގަށްވުރެ ދަށް ކޮށެވެ. އެއީ ގިނަ އަދަދެއް ވިއްކަން ޖެހުމުންނެވެ.

ސަޕޯޓަރުންގެ ވާހަކަތަކައް އިޖާބަ ދިނުމަށް ގްލޭޒާސް އިން މަސައްކަތްތަކެއް ކުރަމުންދާއިރު، ކޯ ޗެއާމަން ޖޯލް ގްލޭޒާ ވަނީ ދެފަހަރަކަށް ސަޕޯޓަރުންގެ ފޯރަމްތަކަށް ގޮސް ޖަވާބުދާރީވެސް ވެފައެވެ. އަދި މިދިޔަ ޓްރާންސްފާ ސީޒަންގައި ރަނގަޅު ޓްރާންސްފާތަކެއްވެސް ޔުނައިޓެޑުގެ ބޯޑުން ވަނީ ހަދާފައެވެ. އޭގެ ތެރެއިންވެސް ކްރިސްޓިއާނޯ ރޮނާލްޑޯ އަނބުރާ އެ ކްލަބަށް ގެންދިޔުން ވަރަށް ބޮޑަށް ފާހަގަކޮށްލެވެއެވެ.