ހައިކޯޓަށް މައްސަލައެއް ހުށަހެޅުމާއެކު, އެ މައްސަލައިގެ ތަފްސީލު އެ ކޯޓުގެ ވެބްސައިޓުން ފެންނަން ހުންނަ ގޮތް ހަދައި, އާ ވެބްސައިޓް ލޯންޗުކޮށްފި އެވެ.

އާ ވެބްސައިޓް ލޯންޗުކޮށްފައި ވަނީ، އިއްޔެ ފާހަގަކުރި ހައިކޯޓުގެ 41 ވަނަ އަހަރީ ދުވަހު އެވެ. ވެބްސައިޓުގައި ވަނީ ހައިކޯޓުގެ ރަޖިސްޓްރީގެ ނަމުގައި އާ ކެޓަގަރީއެއް ހިމަނައިފަ އެވެ.

ހައިކޯޓަށް ހުށަހަޅާ އަދި ބަލަން ފަށާފައި ނުވާ މައްސަލަތަކުގެ ތަފްސީލު އެ ކެޓަގަރީގައި ލިބެން ހުންނާ ކަމަށް އެ ކޯޓުން ބުނެއެވެ. މައްސަލަތައް އޮތް މަރުހަލާވެސް އެނގެން ހުރެ އެވެ. މީގެ ކުރިން ހައި ކޯޓުން ވެބްސައިޓަށް ލަނީ އެ ކޯޓުގެ ތާވަލާއި ގަޒިއްޔާތަށް ނިމުނު ގޮތުގެ އިތުރުން އަމުރުތަކެވެ. އަދި ރަޖިސްޓްރާގެ ނިންމުންތަކެވެ.

އާ ވެބްސައިޓުން ކޯޓުގެ ތަފާސްހިސާބުތައް ލައިވްކޮށް ފެންނަ ގޮތަ ވަނީ ހަދައިފަ އެވެ. މީގެ އިތުރުން ހުއްދައިގެ މައްސަލަތަކާއި ރަޖިސްޓްރާގެ ނިންމުންތައް އަދި އެ ނިންމުން ރިވިއުކޮށް ނިންމި ގޮތުގެ މައްސަލަތައް ވެސް ވެބްސައިޓްގައި ގަވައިދުން އަޕްޑޭޓް ކުރާ ގޮތަށް ވަނީ ހަދައިފަ އެވެ.

ވެބްސައިޓުން މައުލޫމާތު ހޯދުމަށް ފަސޭހައަކަށް ގަޒިއްޔާ ނަންބަރު, ދައުވާ ކުރާ ނުވަތަ ލިބޭ ފަރާތުގެ ނަން, މައްސަލައިގެ ބާވަތް, ނިންމި ކޯޓު އަދި ކީވޯޑްތަކުން ސާޗު ކުރެވޭ ގޮތް ވެސް ވަނީ ހިމަނާފަ އެވެ. މީގެ ކުރިން ސާޗުކުރަން ޖަހަން ޖެހެނީ ހަމައެކަނި މައްސަލައިގެ ބާވަތެވެ.