އިންޑިއާ އިން ފުރައިގެން ރާއްޖެއަށް ދަތުރުކުރަމުން އަންނިކޮށް ހާލުގައި ޖެހުނު އާގުބޯޓުގެ ފަޅުވެރީން ބޭރުގެ އެހެން ބޯޓަކަށް ނަގައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މިދިޔަ ހޮނިހިރު ދުވަހު އިންޑިއާގެ ޓުޓިކޮރިން އިން ފުރައިގެން މާލެ ދަތުރުކުރި "އެމްއެސްވީ އަނާއި ވައިލަންކަނެ އަރޮކިއާ" ބޯޓު، ޅ.އަތޮޅުގެ އިރުން 130 ނޯޓިކަލް މޭލު ބޭރުން އަޑިއަށް ދާ ކަމުގެ މައުލޫމާތު ލިބިގެން ކޯސްޓްގާޑު އެސަރަހައްދަށް ދާން ދަތުރު ފެށި ކަމަށެވެ. ހާދިސާގެ މައުލޫމާތު ލިބުނީ އިއްޔެ ހަވީރު 16:57 ގައެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މިއަދު "ވަން" އަށް ވިދާޅުވީ އެ ބޯޓުގައި ތިބި ފަޅުވެރިން މިހާރު އެހެން ބޯޓަކަށް ނަގާފައިވާ ކަމަށެވެ. އަދި މީހުން ނެގި ބޯޓުން އަޑިއަށް ދާ ބޯޓަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނާތީ، ކޯސްޓްގާޑު އަނބުރާ މާލެ އައިސްފައިވާ ކަމަށެވެ.

އޮފިސަރު ވިދާޅުވީ މި ބޯޓާ ގުޅޭ އިތުރު މައުލޫމާތެއް މިހާރު އެންއެންޑީއެފަށް ނޭނގޭ ކަމަށެވެ. އަދި ފަޅުވެރީންގެ ހާލު ވެސް ނޭނގޭ ކަމަށް ވިދާޅުވި އެވެ.

އަޑިއަށް ދާ ކަމަށް މައުލޫމާތު ލިބުނު ބޯޓަކީ ތަރުކާރީ އާއި މޭވާ ހިފައިގެން ދަތުރު ކުރަމުން އައި ބޯޓެކެވެ. މި ބޯޓުގައި ނުވަ ފަޅުވެރިން ތިބި ނަމަވެސް އެ މީހުންނަކީ ކޮން ގައުމެއްގެ ބައެއްކަން އަދި ނޭނގެ އެވެ.

އެނގިފައިވާ ގޮތިގައި ބޯޓުގައި ތިބި ފަޅުވެރިން ނަގާފައިވަނީ ލަންކާ އިން ފުރައިގެން ރާއްޖެއަށް ދަތުރު ކުރަމުން އައި ބޯޓަކުންނެެވެ.