ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ނިންމަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުރުމުން، ކޮމިޓީ މަަސައްކަތްތަކަށް ވަގުތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

ދިހައެއްޖަހާކަންހާއިރު ޖަލްސާ ނިންމަވައިލައްވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވިދާޅުވީ، ކޮމިޓީތަކުގައި 31 ބިލެއް އެބަ އޮތް ކަމަށެވެ. އޭގެ ތެރޭގައި މަޖިލީހުގެ މިދައުރު ނިމުމުގެ ކުރިން ނިންމަން ޖެހޭ މުހިއްމު ބިލުތަކެއް އެބަހުރި ކަމަށްވެސް އީވާ ވިދާޅުވިއެވެ.

އެހެންކަމުން ކޮމިޓީތަކުގެ މަސައްކަތްތަކަށް ވަގުތު ދިނުމަށް މިއަދުގެ ޖަލްސާ ނިންމަވައިލެއްވީ ކަމަށް އީވާ ވިދާޅުވިއެވެ.

މީގެ ކުރިން އީވާ ވަނީ ކޮމިޓީގައި ކުރިއަށް ގެންދާ މަސައްކަތްތަކުގެ ސްޕީޑް އަވަސް ކޮށްދެއްވުމަށް ކޮމިޓީތަކުގެ މުގައްރިރުންގެ ކިބައިން އެދި ވަަޑައިގެންފައެވެ.

އީވާ ވިދާޅުވީ، މަޖިލިސްގެ މިއަހަރުގެ ދައުރު ނިމުމުގެ ކުރިން، ކޮމިޓީތަކުގައި ހުރި ބިލްތަކުގެ ތެރެއިން ގިނަ ބިލުތައް ނޮވެމްބަރުގެ ނިޔަލަށް ފާސްކުރަން ޖެހޭ ކަމަށެވެ. އަދި މި ދައުރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ފޮނުވަން ކަނޑައަޅާފައިވާ ބިލުތައް، މަޖިލީހާ ހަމައަށް އަދި އައިސްފައި ނުވާތީ، މަސައްކަތްތައް އަވަސްކޮށްގެން ބި ބިލުތައް ފާސް ކުރަން ޖެހޭ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.