ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ނާޒިލް، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމަށް، ޖިންސީ ފުރައްސާރައަކަށް ވާފަދަ އަމަލެއް ކުރެއްވި ކަމަށް ތުހުމަތުކޮށް، އެމައްސަލަަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެނގިފައިވާ ގޮތުގައި އަސްލަމަށް ރުޅިވެރިކަން ދެއްކުމުގެ ގޮތުން ނާޒިލް ޖިންސީ ފުރައްސާރައަކަށްވާ ފަދަ އަމަލެއް ކުރައްވައި އޭނާގެ ކުރިމަތި ފަރާތަށް އިޝާރާތްކޮށް "މި ވީޑިއޯ ކޮށްބަލާށޭ" ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އުފެދުނު ހިޔާލުތަފާތުވުމަކާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ނާޒިލް އެގޮތަށް ޖިންސީ ފުރައްސާރަކުރުމުން އެ މައްސަލަ ބަލައިދޭން ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސަައިން ޝަމީމް (އަނދުން ހުސައިން)އެވެ.

މިކަމާ ގުޅިގެން އަސްލަމް "ވަން" އަށް ވިދާޅުވީ، މިވަގުތަށް އެއްވެސް ކޮމެންޓެއް ދޭން ބޭނުން ނުވާ ކަމަށެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "ވަން" އަށް ވިދާޅުވީ މެމްބަރެއްގެ ސިޓީއެއް މަޖިލީހަށް ލިބިފައިވާ ކަމަށާއި މެމްބަރުން ހުށަހަޅުއްވާ މައްސަލަތައް އޮންނަ އުސޫލުން ބަލަމުން ގެންދާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ނާޒިލް ޖިންސީ ފުރައްސާރައިގެ އަމަލެއް ހިންގާފައި މިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ނާޒިލް، ވޯޓް ފޮއްޓެއް ކައިރީ ޝައްކުވާ ގޮތަކަށް އުޅުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް އަސްލަމް ފޮނުއްވުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާގެ ރައީސް ކަމަށް ނާޒިލް ވާދަކުރެއްވިއެވެ. ނަމަވެސް އެ އިންތިހާބުގައި އޭނާގެ މައްޗަށް ކުރި ހޯދީ އައްޑޫ މޭޔަރު އަލީ ނިޒާރުގެ ކޮއްކޮ އަންސާރު މޫސާއެވެ. އެ އިންތިހާބުގައި އަސްލަމް ތާއީދު ކުރެއްވީ އަންސާރަށެވެ.