ޚަބަރު

ޔާމީނަށް މިވަގުތު ކަފާލާތު މުހިންމެއް ނޫން: ޖަމީލް

އައިޝަތު ނިއުޝާ

1

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކަފާލާތު މިވަގުތު މުހިންމު ނޫން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލެވެން ނެތް ކަމަށް މިއަދު ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެގޮތަށް ހުކުމް ކުރެއްވީ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މިއަދު ސްޕްރީމް ކޯޓުގައި ބޭއްވި ރައީސް ޔާމީނުގެ ޝަރީއަތަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ ތެރެއިން ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ޖަލުގައި ހޭދަކުރައްވާފައިވުމުން، ކަފާލާތުގެ މުއާމަލާތް މިހާރު ކެނޑިފައިވާ ކަމަށެވެ.

"އަޅުގަނޑުގެ މުވައްކިލަށް ކަފާލާތު މިވަގުތު މުހިންމެއް ނޫން. ސަބަބަކީ މިހާރު އެމަނިކުފާނު ޖަލު ހުކުމުގެ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ހޭދަކުރައްވައިފި. އެހެންވީމައި 600 އެތަށް ދުވަހެއް ހޭދަ ކުރައްވައިފި ޖަލުގައި. އެހެންވީމަ ކަފާލާތުގެ މުއާމަލާތް ކެނޑިއްޖެ." ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ހައި ކޯޓުގެ މަރުހަލާގައި ކަފާލާތަށް އޭރު އެދުނީ އެކަން މުހިންމުވުމުން ކަމަށާއި އެކަމަށް ވަގުތު ނަގާނެކަންވެސް އޭރު އެނގޭ ކަމަށެވެ. އަދި އެ މަރުހަލާގައި ހައިކޯޓުގެ ފަނޑިޔާރުން ވަރަށް ބޮޑަށް އިތުރުފުޅެއް ހެއްދެވި ކަމަށާއި އަދި އޭރު ކޯޓުގެ ފަނޑިޔާރުން ވިދާޅުވީ ވަރަށް އަވަހަށް މައްސަލަ ނިންމާތީ ޔާމީނަށް ކަފާލާތު ދެވެން ނެތް ކަމަށެވެ. ނަމަވެސް މައްސަލަ ނިމިގެން ދިޔައީ އަހަރެއްހާ ދުވަސް ފަހުން ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

"ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކަފާލާތު ދިނުމުގައި ބަލާ އެއް ކަމަކީ ކަފާލާތަކީ އިސްތިއުނާފީ ހައްގާއި ގުޅިފައިވާ ހައްގަކަށްވާތީ، އިސްތިއުނާފު ދިގުދެމިގެންދާ ކަމުގައިވާނަމަ، މީ ހަމަ ވަރަށް މުހިންމު ތަންކޮޅެއް. އެމީހާ ޖަލުގައި އެމީހާގެ ހުކުމް ބަދަލުވެގެން އަތުވެއްޖެއްޔާ ދެން އެމީހާ ޖަލުގައި ހޭދަކުރި މުއްދަތު ކޮމްޕެންސޭޓް ކުރާނީ ކިހިނެތްތޯ،" ޖަމީލް ވިދާލުވިއެވެ.

ސުޕްރީމް ކޯޓުގައި މިހާތަނަށް ހިނގައި ދިޔަ ޝަރީއަތްތަކަށް ބަލާއިރު، މިއަދު ސުޕްރީމް ކޯޓުގައި ނިންމާލި ރައީސް ޔާމީނުގެ އިސްތިއުނާފުގެ އަޑުއެހުންތަކަކީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ދިގު އެއް އަޑު އެހުން ކަމަށެވެ. އެގޮތުން ރައީސް ޔާމީނަށް ކޮށްފައިވާ ދައުވާއަކީ ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައިގެން ކޮށްފައިވާ ދައުވާއެއް ކަމަށާއި ހާއްސަކޮށް މަނީ ލޯންޑްރިން އަކީ ކޮބައިކަން މުޅިރާއްޖެއަށް އޮޅުވާލަން ދައުލަތުން މަސައްކަތް ކުރައްވާ ކަމަށްވެސް ޖަމީލް ތުހުމަތު ކުރައްވާފައިވެއެވެ.

"މަނީ ލޯންޑްރިންގައި މިއުޅެނީ މައިގަނޑު ގޮތެއްގައި ތިން ކަމެއް. އެއީ އިނގިރޭސި ބަހުން މި ކިޔަނީ ޕްލޭސްމެންޓް ކުރުން. ދެން މިއުޅެނީ ލޭޔަރިން ކުރުން. ދެން މިއުޅެނީ އިންޓަގްރޭޓް ކުރުން. މި ލޭޔަރިންއަކީ އޮޅުވާލުމަށްޓަކައި ކަންތައްތައް ކުރުން. އަދި އިންޓަގްރޭޓް ކުރުމަކީ އަނބުރާ އޭތި ގެނެސްގެން ސައްހަ ތަންތަނަށް ދައުރުކުރުން. ޕްލޭސްމެންޓަކީ ރަނގަޅު ދިމާލުގައި ރަނގަޅު ފައިނޭންސް އިންސްޓިޓިއުޝަން ތަކަށް އެފައިސާ ތައާރަފު ކުރުން. މި ފައިސާއަކީ ފެންނަން ހުރި ފައިސާއެއް. އެހެންވީމަ މިއަކު ސުވާލެއްވެސް ނެތް ލޭޔަރިންގެ ސުވާލެއްވެސް." ޖަމީލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިންސާފުވެރިކޮށް މި މައްސަލަ ނިންމައިފިނަމަ، ރައީސް ޔާމީން މިނިވަން ވެގެންދާނެ ކަމަށެވެ. އަދި އެގޮތަށް މައްސަލަ ނިމިގެންދާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއްވެސް އެބައޮތް ކަމަށް ވިދާޅުވިއެވެ.

ޔާމީންގެ ފަރާތުން ހުށަހެޅި ކަފާލާތުގެ މައްސަލައިގެ އަޑުއެހުންތަށް އިއްޔެ ނިންމާލާފައިވާ އިރު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު ރައުޔުގައި ވިދާޅުވީ، ކަފާލާތުގެ ދަށުން ޔާމީން ދޫކޮށްލެވެން ނެތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އެގޮތަށް ދެކެވަޑައިގަންނަވަނީ ހަމަހަމަކަމާއި އިންސާފުން ޝަރީއަތް ކުރިއަށް ގެންދިއުމަށް ގާނޫނުގައި ބަޔާންކޮށްފައިވާތީ ކަމަށާއި، އަދި ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ކަފާލާތުގެ ދަށުން ދޫކޮށްލުމަކީ އަސާސީ ހައްގެއްގޮތުގައި ބެލެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ހުކުމް ފަސްކޮށް ދިނުމާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައިގެ ރައުޔުވެސް ފަނޑިޔާރު މަހާޒް އަލީ ޒާހިރު އިއްވެވިއެވެ. ފަނޑިޔާރު މަހާޒު ވިދާޅުވީ، ކުރިމިނަލް ކޯޓުން ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރާނެ ތަނެއް އޮތް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ. އެ ރައުޔަށް ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު ޑރ. މުހުއްމަދު އިބްރާހީމްވެސް ވަނީ ތާއީދުކުރައްވައިފައެވެ.