ކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯ ބެންޗުން ފެށުމުން ފާގަސަންގެ ފާޑުކިޔުން

މެންޗެސްޓާ ޔުނައިޓެޑުން އެންމެފަހުން އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 ގައި ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމެނުމުން އެއީ ކޯޗަކު ކަންކަން ކުރަން ޖެހޭ ގޮތް ނޫން ކަމަށް އެކްލަބުގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން ބުނެފިއެވެ.

މެންޗެސްޓާ ޔުނައިޓެޑަށް އެތައް ދުވަހެއް ވަންދެން ކޯޗުކަން ކޮށްދީ، އެ ކްލަބާއެކު އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރި ކޯޗު، ފާގަސަން އެވަޓަން މެޗަށް ގޮސް، ޔުނައިޓެޑުގެ ސަޕޯޓަރު އަދި ޔޫއެފްސީ ޗެމްޕިއަން ހަބީބު ނުރްމަގޮމެޑޯވްއާ ދެކެވުނު ވާހަކައެއްގައި ފާހަގަކޮށްފައިވަނީ "މެޗަކަށް ނުކުންނައިރު ޓީމުގައި ތިބި އެންމެ މޮޅެތި ކުޅުންތެރިން ފުރަތަމަ 11 އަށް ނެރެން ޖެހޭނެ،" ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ޔުނައިޓެޑުން އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމިފައިވާ އިރު، ރޮނާލްޑޯ ދަނޑު މައްޗަށް ނެރެފައި ވަނީ މެޗުގެ 57 ވަނަ މިނެޓުގައެވެ. ހަބީބު ކޮށްފައިވާ އިންސްޓާގްރާމް ޕޯސްޓެއްގައި ބުނެފައިވާ ގޮތުން ފާގަސަން ބުނެފައި ވަނީ ރޮނާލްޑޯ ބެންޗުން ފެށުމުން އެވަޓަންގެ ހިތްވަރު އާވެގެން ދިޔަ ކަމަށެވެ.

މެޗަށްފަހު ރޮނާލްޑޯ ފެނިގެން ދިޔައީ ވަރަށް ބޮޑަށް މާޔޫސްކޮށެވެ. ރޮނާލްޑޯ ނުރުހުމުގައި ދަނޑުން ފައިބައިގެން ދިޔަތަން މެޗަށްފަހު ފެނިގެން ގޮސްފައިވެއެވެ.

މި ސީޒަންގައި މިހާތަނަށް ޔުނައިޓެޑަށް ހަތަރު ގޯލު ޖަހައިދީފައިވާ ޕޯޗުގަލް ފޯވަޑް ރޮނާލްޑޯ ބެންޗުގައި ބައިންދައިގެން މެޗަށް ނުކުތުމަށް ނިންމި ނިންމުން ސޮލްސްޖާ ވަނީ ދިފާއު ށްފައެވެ. ސޮލްސްޖާ ބުނެފައިވަނީ ތަޖުރިބާކާރުންނަށް ވުރެ، ރޮނާލްޑޯއާއި އޭނާއާ ދެމެދު ކަންކަމުގައި އޮންނަ ގުޅުން ބޮޑުވެފައި، ކަންކަން އޮންނަ އަންޑަސްޓޭންޑިން ބޮޑުވާނެ ކަމަށެވެ.

ސޮލްސްޖާ ބުނެފައިވަނީ އުމުރުން 36 އަހަރުގެ ރޮނާލްޑޯއަކީ މިހާރު ކުޑަކުއްޖެއް ނޫން ކަމަށާއި، އޭނާއަކީ ޕްރޮފެޝަނަލް އެތުލީޓެއް ކަމަށް ވުމުން އެފަދަ ނިންމުމެއްގައި ގަބޫލު ނުކުރެވޭނެ ކަންތައްތަކެއް ނުހުންނާނެ ކަމަށެވެ.

ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް ގެންދަން އެންމެ ބޮޑު ރޯލެއް އަދާކުރީ ފާގަސަންއެވެ. ރޮނާލްޑޯ ޔުނައިޓެޑަށް ގޮސް ސަޕޯޓަރުންނަށް ދިން ފުރަތަމަ މެސެޖާއެކުވެސް އޭނާ ބުނެފައިވަނީ ޔުނައިޓެޑަށް އެނބުރި ދިއުން ހާއްސަވާނީ ފާގަސަންއަށް ކަމަށެވެ. ފާގަސަންއަކީ ރޮނާލްޑޯ ފުރަތަމަ ޔުނައިޓެޑަށް ގެންދިޔަ ކޯޗެވެ. އުމުރުން 18 އަހަރުގައި ފާގަސަން، ރޮނާލްޑޯ ޔުނައިޓެޑަށް ގެންދިޔައީ ސްޕޯޓިން ލިސްބަންއިންނެވެ.