ޚަބަރު

ރައީސް ޔާމީން: އަޅުގަނޑު ވަނީ ފްރޭމްކޮށްފައި، މުޅި މައްސަލައަށް ދައުލަތުން ވަނީ އަތްބާނައި މަކުނުވާ ފުރުވާފައި

މުހައްމަދު އިޝާން

ދައުލަތުން ވަނީ އެ މަނިކުފާނު ފްރޭމްކޮށް މުޅި މައްސަލައަށް އަތްބާނާއި މަކުނުވާ ފުރުވާފައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މިއަދު ސްޕްރީމް ކޯޓުގައި ބޭއްވި އެ މަނިކުފާނުގެ އިސްތިއުނާފީ ޝަރީއަތުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ ހައްގުތައް ގެއްލިފައިވާ ކަމަށާއި، އެމަނިކުފާނު ފްރޭމު ކޮށްފައިވާ ކަމަށާއި ފްރޭމްކުރުމުގެ މަސައްކަތް ކްރިމިނަލް ކޯޓުގެ މަރުހަލާއިން ފެށިފައިވާ ކަމަށެވެ އަދި ވިދާޅުވީ، އެ މަނިކުފާނުގެ މުޅި މައްސަލަ "މަކުނު ވާ ފުރާފައި" އޮތްކަމަށް ސިފަ ކުރައްވައި، އެ ވާތައް ސާފު ކުރައްވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވެސް އެކަންކަން ސާފުވާން ޖެހޭ ކަމަށެވެ.

ފަނޑިޔާރުން "ނިޔާގެ މުގުރު ނަންގަވާއިރު" ވިސްނާވަޑައިގަންނަވަން ޖެހޭ ކަންކަން ހުރިކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެގޮތުން ގިނަ ދުވަސްތަކެއް ވަންދެން ޖަލު ހުކުމް ތަންފީޒު ކުރައްވާފައިވާކަން ފާހަގަކުރައްވައި ޔާމީނު ވަނީ އެމަނިކުފާނުގެ ޝުއޫރުތައް އަޑުއައްސަވައިލެއްވުމަށް ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. ނަމަވެސް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، ކޯޓުން މައްސަލަ ނިންމުމުގައި ބަލަނީ ގާނޫނަށް ކަމަށާއި، ޝުއޫރުތަކާއި ޖަޒުބާތު ތަކަށް ރިއާޔަތް ނުކުރައްވާނެ ކަމަށެވެ.

ޔާމީންގެ އިސްތިއުނާފީ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. ރައީސް ޔާމީނުގެ ފަރާތުން 22 އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވާއިރު، ދެ ފަރާތުން ވެސް ވަނީ އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ވާހަކަ ދައްކައިފައެވެ. އިސްތިއުނާފީ ނުކުތާތަކުގެ އިތުރުން ޔާމީން ވަނީ ތިން ކަމެއް ހުށަހަޅުއްވައިފައެވެ.

އެއީ ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމުގެ އަމުރެއް ނެރެދެއްވުމާއި، ކަފާލާތުގެ ދަށުން ދޫކޮށްލެއްވުމުގެ އިތުރުން، އާ ހެކިތަކެއް ހުށަހެޅުއްވުމެވެ. މި ކަންކަމަށް ތަފުސީލީ ގޮތެއްގައި ދެ ފަރާތުން ވަނީ އިއްޔެ ވާހަކަ ދައްކައިފަ އެވެ. މިއަދު ވަނީ އެ ތިން ކަމަކަށް ކޯޓުން ގޮތެއް ކަނޑައަޅައިފައެވެ.

އެގޮތުން ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމާއި، ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމަވާފަ އެވެ. އާ ހެކިތައް ބަލައިނުގަތުމަށް ވެސް ވަނީ ނިންމަވާފަ އެވެ. އެހެންނަމަވެސް، ހުކުމުގައި ހިމެނޭ ޖޫރިމަނާ ފައިސާ ހޯދުން ފަސްކޮށްދިނުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރެދެއްވާފައިވެ އެވެ.