އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ބަންގުލަދޭޝް އަންނަ ބުރާސްފަތި ދުވަހު ކުޅެން އޮތް މެޗަށް ޓިކެޓު ގަތުމަށް ގިނަ އަދަދެއްގެ ބަޔަކު ކިޔޫ ދަމާލައިފިއެވެ.
އެ މެޗުގެ ޓިކެޓު ގަތުމަށް ރާއްޖޭގެ ސަޕޯޓަރުންނާ އެއްވަރަށް ބިދޭސީ ސަޕޯޓަރުންވެސް ކިޔޫގައި ޖެހިފައިވާއިރު، ބިދޭސީންނަށް ހޯމް ޓިކެޓު ނުވިއްކާތީ ބައެއް ބަންގުލަދޭޝް ރައްޔިތުން ވަނީ ހިތްހަމަ ނުޖެހުންވެސް ފާޅު ކޮށްފައެވެ. އެ ހިތްހަމަ ނުޖެހުންތަކާއެކު އެފްއޭއެމް އިން އަންގާފައި ވަނީ ދިވެހީންނަށް ވިއްކާ ހޯމް ޓިކެޓަށް ބިދޭސީންނަށް ދަނޑަށް ނުވަދެވޭނެ ކަމަށާއި، ދަނޑަށް ވައްދާއިރު، ބިދޭސީން ނަމަ ދަނޑަށް ވަންނަން ވޯކް ޕާމިޓު ނޫނީ ވިސާ ދައްކަން ޖެހޭނެ ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕްގައި މެޗު ބަލަން ދަނޑަށް ވަދެވޭ ސަޕޯޓަރުންގެ އަދަދަކީ 5000 އެވެ. މީގެ ތެރެއިން ހޯމް ޓީމުގެ މެޗުތައް ކުޅޭއިރު އަވޭ ޓީމަށް ވިއްކަން ނިންމާފައިވަނީ 350 ޓިކެޓެވެ. ބަންގުލަދޭޝް އާއި ރާއްޖެ ކުޅޭ މެޗުގައި ބިދޭސީންނަށް ވިއްކި އަވޭ ޓިކެޓުތައް ވަނީ ކުޑައިރުކޮޅެއްގެ ތެރޭގައި ވިކި ހުސްވެފައެވެ.
ދިވެހީންނަށް އެފްއޭއެމް އިން ޓިކެޓު ވިއްކަނީ އައިޑީކާޑާއެކު ވެކްސިން ކާޑު ދެއްކުމުންނެވެ. އެންމެފަހުން ރާއްޖެއިން ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި ގިނަ އަދަދެއްގެ ދިވެހީން ދަނޑަށް ވަދެފައިވާއިރު، އެ މެޗަށް ވަނީ ފުލްކޮށް ޓިކެޓު ވިކި ހުސްވެފައެވެ. މެޗުގައި ދިވެހީންގެ ފޯރި ގަދަކޮށް ފެނިގެން ގޮސްފައިވާއިރު، ރަސްމީކޮށް ޓީމަށް ސަޕޯޓުކުރާ ސަޕޯޓާސް ގްރޫޕުތަކުން މިހާރުވެސް އަންނނަީ މެޗުގެ ފޯރިއަށް ތައްޔާރުވަމުންނެވެ.
ދިވެހިރާއްޖެ އާއި ބަންގުލަދޭޝް ކުޅޭ މެޗު އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޮންނައިރު، މެޗު ފަށާނީ 9:00 ގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު