ރައީސް އޮފީހުގެ ގޭޓު ކުރިމައްޗަށާއި ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒު ތެރެއަށް ކުޑަކަމުދިޔަ މީހާއަކީ ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހެއް ކަމަށް އޭނާ ކޯޓުގައި ބުނެފިއެވެ.

ފުލުހުން އިއްޔެ ވަނީ އޭނާ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް ޖަހައިފައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓްގައި ބޭއްވި ބަންދު މަޖިލީހުގައި އޭނާ ބުނީ، އޭނާ އަކީ ނަފުސާނީ ބައްޔެއް ކަމަށްވާ ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހެއް ކަމަށެވެ.

ރައީސް އޮފީހުގެ ގޭޓު ކައިރިއަށާއި ހުކުރު މިސްކިތުގެ އިތުރުން އިސްލާމީ މަރުކަޒުގައި މަގުރިބް ނަމާދު ކުރަން ބަޔަކު މީހުން ތިއްބާ އިމާމުގެ ކުރިމައްޗަށް އަރާ މީހަކު ކުޑަކަމު ދިޔަ ކަމަށް ބުނާ މައްސަލަ ބަލަން ފެށިކަން ފުލުހުން ފުރަތަމަ ހާމަކުރިއިރު، ފުލުހުން ވިދާޅުވެފައި ވަނީ، އެކަން ކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށެވެ.

އަދި އެފަދަ މައްސަލަތަކުގެ ވަށައިގެންވާ ކަންކަން، ގުޅުންހުރި އިދާރާތަކުގެ ބައިވެރިވުމާއެކު ބަލައި ފުރިހަމަ ތަހުގީގެއް ހިންގަމުން ގެންދާކަމުގެ ޔަގީންކަން ފުލުހުން ވަނީ އިއްޔެ ދީފައެވެ.