ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހދ. ނޮޅިވަރަންފަރު ސްކޫލުގައި ފޮތް ކިއުމަށް ހާއްސަކޮށް ރީޑިން ޕާކެއް ހަދައިފިއެވެ.

މި ރީޑިން ޕާކު ހަދާފައިވަނީ އެ ރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއްކަމަށްވާ ނޮޅިވަރަންފަރު ޔޫތް ޑިވެލޮޕްމަންޓުންނެވެ.

ބީއެމްއެލުން މިއަދު ބުނީ މި ޕްރޮޖެކްޓްގެ މަގުސަދަކީ ދަރިވަރުންނާއި ރަށުގެ ރައްޔިތުން ފޮތް ކިއުމަށް ޝައުގުވެރިކަން އުފެއްދުމާއި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމުކުރުން ކަމަށެވެ.

"މިތަނުގައި ބެހެއްޓިފައިވާ ފޮތް ހަރުގަނޑުތަކަކީ މޫސުމީ ބަދަލުގެ ސަބަބުން ގެއްލުން ނުވާނެހެން ހެދިފައިވާ ފޮތް ހަރުގަނޑުތައް. އަދި މިތަނުގައި ހުރިހާ އުމުރެއްގެ ކުދިންނަށް ހާއްސަ ފޮތް ބެހެއްޓިފައިވޭ. މި ސަރަހައްދު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އިށީނުމަށް ބެންޗާއި، އުނދޯލި އަދި ގޯލިފަތި ވަނީ ބަހައްޓާފައި،" ބީއެމްއެލުން ބުންޏެވެ.

ކޮމިއުނީ ފަންޑުގެ ދަށުން ރޮޕޯސަލް ކާމިޔާބު ކުރި ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓްގެ ފަރާތުން މުހައްމަދު އާސިފް ވިދާޅުވީ ރީޑީން ޕާކުގެ ސަބަބުން ރަށަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ.

"ރީޑިން ޕާކުގެ ސަބަބުން މުޅި ރަށަށްވެސް ނުހަނު ބޭނުންތެރި މަގުސަދެއް ހާސިލުވެގެންދާނެ. ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނެވެރިން ހިމެނޭހެން މި ރަށުގެ އާބާދީގެ 80 ޕަސެންޓް ރައްޔިތުން ސްކޫލް ބޭނުންކުރަމުން ދިއުމުގެ ސަބަބުން ރީޑިން ޕާކް ގާއިމުކުރެވިފައިވަނީ. އެކަމަށް ވަރަށް އެކަށީގެންވާ ތަނެއްގައި. މި ޕްރޮޖެކްޓް ނިންމުމަށް ބީއެމްއެލުން ވެދެއްވި އެހީތެރިކަމަށްޓަކައި ޝުކުރު ދަންނަވަން،" އާސިފް ވިދާޅުވިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. އެގޮތުން ކޮންމެ ކުއާޓާއެއްގައި ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50،000 ރުފިޔާ ކަނޑައަޅައެވެ. އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ހާއްސަ ކުރެވިގެން ކޮންމެ އަހަރަކުވެސް ކޮމިއުނިޓީ ފަންޑުގެ ދަށުން އެއް މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ބީއެމްއެލުން ފޯރުކޮށްދެއެވެ.