ޚަބަރު

ޓްރާންސްޕޯޓުގެ ބިޑް ކޮމިޓީގެ މެމްބަރުންނަށް ދައުވާކުރަން ފޮނުވައިފި

އަލީ ޔާމިން

ޓްރާންސްޕޯޓް އޮތޯރިޓީގެ ބިޑް ކޮމިޓީގެ މެމްބަރުންނަށް ދައުވާ ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ފޮނުވައިފިއެވެ.

އޭސީސީން މިއަދު ބުނީ އެ މެމްބަރުންނަށް ދައުވާކުރަން ފޮނުވާފައިވަނީ ރާއްޖޭގައި މެޝިން ރީޑަބަލް ނަންބަރު ބޯޑު ބޭނުންކުރުމަށްޓަކައި، އެ ނަންބަރު ބޯޑުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިދިޔަ އަހަރުގެ ޑިސެމްބަރުގައި ކޮށްފައިވާ އިއުލާނާ ގުޅިގެން ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބައެއް ބިޑުތައް ބާތިލުކުރުމަށްފަހު ވަކި ފަރާތަކަށް ބިޑު އެވޯޑްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެ ހުށަހެޅި މައްސަލައިގައި ކަމަށެވެ.

ދައުވާ ކުރަން ފޮނުވާފައިވަނީ ޓްރާންސްޕޯޓުގެ ބިޑު ކޮމިޓީގެ މެންބަރުން ކަމުގައިވާ ޝިމާޒް އަލީ އާއި ހަމަދު އަބްދުލްގަނީ އާއި އަލީ އިކްރާމާއި މުހައްމަދު ނިޒާރު އާދަމާއި މަރްޔަމް ސަމާހަތު އަދި މަރްޔަމް ތަސްލީމާގެ މައްޗަށެވެ.

މި މައްސަލައިގައި އެމީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ.

އޭސީސީން ބުނީ ރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުތަކުގައި ބޭނުންކުރުމަށް މެޝިން ރީޑަބަލް ނަމްބަރު ބޯޑު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައިވާ އިއުލާނަށް ބިޑް ހުށަހަޅާފައިވަނީ ތިން ކުންފުންޏަކުންނެވެ. އަދި އެ މިނިސްޓްރީގެ ބިޑު ކޮމިޓީން އެ ޕްރޮޖެކްޓް ހަވާލުކުރުމަށް ނިންމާފައިވަނީ ބިޑް އިވެލުއޭޝަން ކްރައިޓީރިއާ އެއްގޮތަށް ޕޮއިންޓް ދިނުމުން އިވެލުއޭޝަނުން ދެވަނަ އަށް ދިޔަ ވަސާޖިއޯއަށް ކަމަށް ބުންޏެވެ.

ވަސާޖިއޯ އަށް ބިޑު އެވޯޑު ކުރުމަށް ބިޑް ކޮމިޓީން ނިންމާފައިވަނީ، އިވެލުއޭޝަނުން އެންމެ މަތިން ޕޮއިންޓް ލިބުނު އެސްއެމްއީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅާފައި ނުވާތީ އެކުންފުނީގެ ބިޑު ބާތިލުކުރުމަށްފަހުގައެވެ.

އޭގެއިތުރުން ވަސާޖިއޯ ބިޑާއެކު ހުށަހެޅި ސާމްޕަލް ނަންބަރު ބޯޑުތަކަށްވުރެ އަނެއް ދެ ކުންފުނިން ހުށަހަޅާފައިވާ ސާމްޕަލް ބޯޑުތަކުގެ ކޮލިޓީ ދަށް ކަމަށާއި މައުލޫމާތު ކަރުދާހުގެ އެނެކްސް އެކެއްގައި ބަޔާންކުރާ، ސާމްޕަލް ނަމްބަރު ބޯޑުތަކުގައި ހުންނަންޖެހޭ ޝަރުތުތަކާ އެއްގޮތަށް ސާމްޕަލް ނަންބަރު ބޯޑު ހުށަހެޅީ ހަމައެކަނި ވަސާޖިއޯއިން ކަމަށްވާތީ ކަމަށް ބުނެއެވެ. އެހެންނަމަވެސް، އެސްއެމްއީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅަންޖެހޭ ކަމަށާއި ބިޑާއެކު ހުށަހަޅަންޖެހޭ ސާމްޕަލް ނަމްބަރު ބޯޑުތަކުގެ ވަރުގަދަ މިނާއި ކޮލިޓީއަށް ބެލޭނެކަމަކަށް ވެސް މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިނުވެއެވެ.

ބިޑު ހުށަހެޅި ތިން ކުންފުނިންވެސް ހުށަހެޅި ސާމްޕަލް ނަންބަރު ބޯޑުތަކުގައި މައުލޫމާތު ކަރުދާހުގެ އެނެކްސް އެކެއްގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ކަމަށް އޭސީސީން ބުންޏެވެ. އަދި އިއުލާނާ ގުޅޭ އެންމެހާ ލިޔުންތައް ބިޑުތަކާ އެކު ބިޑު ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށާއި ބިޑު އެވޯޑު ކުރުމުގައި އެ ލިޔުންތަކާ މައުލޫމާތު ކަރުދާހަށް ބިޑު ކޮމެޓީން ބަލާފައިނުވާ ކަމަށްވެސް އޭސީސީން ބުންޏެވެ..

"ވުމާއެކު އިއުލާނާއެކު އާންމުކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިނުވާ ކަންތައްތަކަކަށް ބަލައި، އިވެލުއޭޝަނުން ދެވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް އެ ބިޑު އެވޯޑުކޮށްފައިވަނީ އެފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް ހޯދައިދިނުގެ މަގުސަދުގައިކަން ތަހުގީގަށް ސާބިތުވޭ." އޭސީސީން ބުންޏެވެ.

އޭސީސީން އިތުރަށް ބުނީ، ފިނޭންސް މިނިސްޓްރީން އެ މައްސަލަ ބަލައި، ޕްރޮޖެކްޓް ކުރިއަށް ގެންދަންވާނީ ނޭޝަނަލް ޓެންޑާ ބޯޑުންކަމަށް ޓްރާންސްޕޯޓަށް އަންގާފައިވާ ކަމަށެވެ. އަދި ވަސާޖިއޯއާއެކު ގާއިމުކޮށްފައިވާ އެ އެއްބަސްވުން 15 އެޕްރީލް 2021 ގައި ޓްރާންސްޕޯޓުން ބާތިލުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.