ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވާހަކަ ދެއްކި މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ އިއްތިހާދުންނެވެ. އެ އިއްތިހާދުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް މިއަދު ފޮނުވި ސިޓީގައި ބުނީ ޖާބިރު ދެއްކި ގައިރު ދީނީ ވާހަކައަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އިންކާރު ކުރައްވާފައިވާ ކަމަށާއި ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް މުހައްމަދު ރަޝީދު އިބްރާހިމް ވެސް ޖާބިރުގެ އެވާހަކަތައް ކުށްވެރި ކޮށްފައިވާ ކަމަށެވެ.

"ހަމައެފަދައިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކުގައި ހިމެނޭ އިސްތިސްނާ ދީފައިވާ ކަންތައްތަކުގެ ތެރޭގައި، އިސްލާމް ދީނުގެ އަސްލަކާ ހިލާފު އެއްވެސް ވާހަކައެއް ދެއްކުން ނުހިމެނޭކަމީ މިމައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމެއް ކަމުގައި ވެސް ދެކެން." ސިޓީގައި ބުންޏެވެ.

އެ ސިޓީގައި އިތުރަށް ބުނީ، ގައިރު ދީންތަކަށް ޖާގަ ދޭން ޖާބިރު ގޮވާފައިވާތީ، އޭނާ ހައްޔަރުކޮށް އޭނާގެ މައްސަލަ ތަހުގީގުކޮށް ދައުވާކޮށްދިނުމަށް އެދޭ ކަމަށެވެ.

ގައިރު ދީން ތަނަށް ޖާގަ ދޭން ޖާބިރު ގޮވާލި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީންވެސް އަންނަނީ ބަލަމުންނެވެ.

އެ މައްސަލަ ބަލަމުން އަންނައިރު، ޖާބިރު މިއަދުވެސް ވަނީ އެހެން ގައުމުތަކުގެ މީހުން ރާއްޖޭގައި އެމީހުންގެ ދީން ޕްރެކްޓިސް ކުރަން ހުއްދަދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ހެއްކާބެހޭ ބިލުގެ ބަހުސްގައި ވާހަކަ ދައްކަމުން ޖާބިރު ވިދާޅުވީ، "އެހެން ގައުމުތަކުގެ މީހުން މިރާއްޖޭގައި އެމީހުންގެ ދީން ސީދާ ޕްރެކްޓިސް ކުރާށޭ، އެ އޮންނަނީ ގުރުއާނުގައޭ ލިޔެފައި،" ކަމަށެވެ.