ޕްރޮފެޝަނަލް ރެކްރޫޓިން އެޖެންސީތައް ބޭނުންކޮށްގެން ނޫނީ، ސަރުކާރުގެ ވަޒީފާތަކަށް ބިދޭސީން ނުގެނެވޭގޮތަށް މިމަހުގެ ތެރޭގައި ގަވާއިދު އިސްލާހުކޮށް ނިމޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ، ރާއްޖޭގެ އެކި ވަޒީފާތަކަށް ބިދޭސީން ގެނައުމުގައި އެޖެންސީތަކަށް ދިމާވާ އެކި މައްސަލަތަކާބެހޭ ގޮތުން، އެފަދަ އެޖެންސީތަކުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހެޅި ޕެޓިޝަނުގައި ހިމެނޭ ކަންކަމާބެހޭގޮތުން މިއަދު ކޮމިޓީއަށް މައުލޫމާތު ދެއްވަމުންނެވެ.
އެ ފަރާތްތަކުން ކޮމިޓީއަށް ހުށަހަޅާފައިވާ ޕެޓިޝަނުގައި، ބިދޭސީން ވަޒީފާއަށް ގެނައުމުގައި އަމިއްލަ ފަރާތްތަކުން އެޖެންސީތަކުގެ ބޭނުން ނުހިފައި އަމިއްލައަށް މީހުން ގެނައުމާއި ސަރުކާރުގެ ވަޒީފާތަކަށް މީހުން ގެނައުމުގައިވެސް އިދާރާތަކުން އެގޮތަށް މަސައްކަތް ކުރަމުން ދިއުމުގެ އިތުރުން ވަޒީފާއަށް ގެންނަ ބިދޭސީން އަތުން އެޖެންސީއަށް ފީއެއް ނެގޭގޮތަށް ހަމަޖެހިފައިނެތުމުގެ މައްސަލަ ވަނީ ފާހަގަ ކޮށްފައެވެ. އަދި ހިއުމަންޓްރެފިކިންގެ މައްސަލަ އެޖެންސީތަކުގެ ބޮލުގައި އަޅުވަމުންދާކަން ވެސް އެ ޕެޓީޝަނުގައި ފާހަގަ ކޮށްފައިވެއެވެ. މީގެ އިތުރުން ބިދޭސީ މުވައްޒިފުންގެ ކަންކަން ނިންމުމުގައި މިނިސްޓްރީން އެޖެންސީތަކާ މަޝްވަރާ ނުކުރާ ކަމަށްވެސް ޕެޓިޝަނުގައިވެއެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ސަރުކާރަކީ ވިޔަފާރީގެ އުސޫލުން ކަންކަންކުރާ ތަނެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ވަޒީފާތަކަށް ބިދޭސީން ގެނައުމުގެ މަސައްކަތް އެޖެންސީ މެދުވެރިކޮށްގެން ނޫނީ ނުކުރެވޭގޮތަށް އާ ގަވާއިދު ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
އެމަސައްކަތް ކުރަމުންދަނީ އެޖެންސީތަކާ މަޝްވަރާ ކުރައްވައިގެން ކަމަށާއި މިމަހު 15 ގައި އެގޮތަށް ގަވާއިދު ހަދައި ނިންމައިލެވޭނެ ކަަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތަށް ހަމަޖެހިގެންދާއިރު އެކައުންޓެބަލް ކުރެވޭނެ ވަރުގަދަ މެކެނިޒަމެއް ގާއިމް ކުރާނެ ކަމަށެވެ. ނަމަވެސް އަމިއްލަ ވިޔަފާރިތަކަށް ބިދޭސީން ގެނައުން އެޖެންސީތަކަށް މަޖުބޫރު ކުރުވުގެ ވިސްނުމެއްނެތް ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
އެޖެންސީތަކަކީ ވިޔަފާރުތަކެއްގެ ގޮތުގައި މަސައްކަތްކުރަންޖެހޭ ތަންތަން ކަމަށާއި އެހެންކަމުން އެމީހުން މަސައްކަތް ކުރަން ޖެހޭނީ ކޮމްޕެޓިޓިވް މާކެޓެއް ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީފާތަކަށް ގެންނަ ބިދޭސީންއަތުން ޑައިރެކްޓްކޮށް ނުވަތަ އިންޑައިރެކްޓްކޮށް ފީއެއް ނެގޭ ގޮތަށް ނޯންނަނީ، އައިއެލްއޯގެ މުއާހަދާގައި ކަނޑައަޅާފައިވާތީ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އެކަމަށް ހަނި ފުރުސަތެއް އޮންނަ ކަމަށާއި އެއީ އެއްޗެއް ނަގަންޖެހޭ ސަބަބުން އައިއެލްއޯއަށް އޮޅުންފިލުވައިދިނުން ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން އެފަދަ ފީއެއް ނެގޭގޮތަށް ބައެއް ގައުމުތަކުގައި ދީފައިވާ ފުރުސަތު ރާއްޖެއަށް ހޯދުމަށް އައިއެލްއޯއާ ވާހަކަ ދައްކަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ބިދޭސީންގެ ކަންކަން ނިންމަނީ އެޖެންސީތަކާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. އަދި ހިއުމަންޓްރެފިކިންގެ ބަދުނާމު އެޖެންސީތަކުގެ ބޮލުގައި ނާޅުވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު