ރައްޔިތުންގެ މަޖިލިސް

ސްޓެލްކޯ އިންޖީނުތަކުގެ ވައިބްރޭޝަން ކޮންޓްރޯލްކޮށް ދުންހޮޅިތައް އުސްކުރަން އެންގުމަށް ފާސްކޮށްފި

އިބްރާހިމް ޒަކީ

މާލޭގައި ހުންނަ ސްޓެލްކޯ މައި އިމާރާތުގައި ހުންނަ އިންޖީނުތަކުން އުނދަގޫވެ އެކި ބާވަތުގެ ގެއްލުން ލިބެމުންދާތީ އެ ސަރަހައްދުގައި އުޅޭ މީހުންނަށް ލިބެމުންދާ އުނދަގޫތަކުން ސަލާމަތް ކުރަން އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެތަނުގައި ހުރި އިންޖީނުތަކުގެ ވައިބްރޭޝަން ކޮންޓްރޯލް ކޮށް ދުންހޮޅިތައް އުސްކުރަން ސްޓެލްކޯ އަށް އެންގުމަށް، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމި ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފިއެވެ.

ވައިބްރޭޝަން ކޮންޓްރޯލް ކުރުމާއި ދުން ހޮޅިތައް މައްޗަށް ޖެއްސުމުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް އެންގުމުގެ އިތުރުން އެހެން ކަންތައްތަކެއް ކުރުމަށް ސްޓެލްކޯއަށް އެންގުމަށް ވެސް ކޮމިޓީން ހުށަހަޅައިގެން މަޖިލީހުން ފާސް ކުރި ރިޕޯޓުގައި ހިމަނާފައިވެއެވެ.

އޭގެ ތެރޭގައި އެތަނުގައި ހުރި ޖަނަރޭޓަރުތައް އަޕްގްރޭޑް ކުރާނެ ގޮތުގެ ޕްލޭނެއް 45 ދުވަހުގެ ތެރޭގައި އެކުލަވާލައި އެސްއޯއީ ކޮމިޓީއަށް ހުށަހެޅުމާއި، އިންޖީނުގެތައް ރީލޮކޭޓް ނުކުރެވޭ ނަމަ، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުގެ ޕޮލިސީ ލެވެލްގައި ގޮތްތަކެއް ނިންމުމަށް ދެންނެވުން ހިމެނެއެވެ. ކުރިއަށް އޮތްތަނުގައި، މާލެއަށް ކަރަންޓް ދޭނީ، ތިލަފުށްޓާއި ހުޅުމާލެ އިން ކަމަށް ވާތީ، އެ މަސައްކަތްތަކަށް ކަނޑައަޅާފައިވާ ސުންގަނޑިތަކަށް އެ މަސައްކަތް ނިންމަށް އެންގުންވެސް ހިމެނެއެވެ.

މީގެ އިތުރުން ތެޔޮ ރައްކާ ކުރާ ތާނގީތަކުން ނުރައްކާތެރި ހާދިސާއެއް ނުހިނގާނެކަން ކަށަވަރު ކުރުމަށާއި، ވަގުތީ ގޮތުން ބޭނުން ކުރުމަށް ޓަކައި ސްޓެލްކޯއާ ހަވާލުކޮށްފައިވާ މަގުތައް ހުޅުވާލުމަށާއި، އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރު ކުރުމަށް އެންގުމަށްވެސް ހިމަނާފައިވެއެވެ.

މި މައްސަލައަކީ، މާލޭގައި ހުންނަ ސްޓެލްކޯ އިންޖީނުގެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް، ނުވަތަ ސްޓެލްކޯ އިންޖީނުގެ މާލެއިން އެހެން ތަނަކަށް ބަދަލުކޮށް، މާލެ އަކީ ކާބަން އެމިޝަން ފްރީ ސިޓީއަކަށް ހެދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު ހުށަހެޅުއްވި ގަރާރަކާ ބެހޭ ގޮތުން ކޮމެޓީން ބެލި މައްސަލައެކެވެ.

އެކަންތައްތައް ހައްލުކޮށްދިނުމަށް އެދި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފަ އެވެ.