ޚަބަރު

އުޝާމް އާއި ރިޔާޒު އިންތިހާބަކާ ނުލައި އެމްއެންޕީގެ ނައިބު ރައީސް ކަމަށް

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފައުންޑަރުންގެ ގޮތުގައި ތިއްބެވި ތިމަރަފުށީ ދާއިރާ މެންބަރު އަބްދުﷲ ރިޔާޒު އާއި ވިލިމާލެ ދާއިރާ މެންބަރު އަހުމަދު އުޝާމް އެޕާޓީގެ ނައިބު ރައީސް ކަމަށް ހޮވިއްޖެއެވެ.

އެމްއެންޕީގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު އިއްޔެގެ ނިޔަލަށް ހަމަވި އިރު، އެމްއެންޕީގެ ރައީސް ކަމަށާއި އެ ޕާޓީގެ ހަ ނައިބު ރައީސުންގެ ތެރެއިން ހަތަރު މަގާމަށް ބޭފުޅުން ހޮވިފައި ވަނީ އިންތިހާބަކާ ނުލައެވެ.

އެމްއެންޕީގެ ރައީސަކަށް ހޮވިފައި ވަނީ، ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމެވެ.

ރިޔާޒު ހޮވުނީ މެދު ދެކުނު ސަރަހައްދުގެ ނައިބު ރައީސް ކަމަށެވެ. އަދި އުޝާމް ހޮވުނީ މެދު ސަރަހައްދުގެ ނައިބު ރައީސް ކަމަށެވެ. ނައިބު ރައީސް ކަމަށް ދެން ހޮވުނީ ދެކުނު ސަރަހައްދުގެ ނައިބު ރައީސް ކަމަށް އަހުމަދު ޝަރީފު އަދި އުތުރު ސަރަހައްދު ނައިބު ރައީސް ކަމަށް ހުސެއިން އިސްމާއިލް އެވެ.

އެމްއެންޕީގެ އަންހެނުންނަށް ހާއްސަ ނައިބު ރައީސް ކަމަށް ދެ ބޭފުޅަކު ކުރިމަތިލާފައިވާ އިރު، މަތި އުތުރު ސަރަހައްދުގެ ނައިބު ރައީސްގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފައިވެ އެވެ.

އެމްއެންޕީ ވަގުތީ މަގާމުތަކަށް މީހުން ހޮވައި ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަނީ އަންނަ ހުކުރު ދުވަހުއެވެ.