އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގައި ނޭޕާލުން ކުޅުނު ފުރަތަމަ މެޗުގައި ރާއްޖެ ބަލިކުރެވުމުން އެ ލިބުނު ހިތްހަމަ ޖެހުމުން އަރައި ނުގަނެ، އެކަމުގެ އުފަލުގައި ތިބެ ލަންކާއާ ދެކޮޅަށް ކުޅެން ނުކުމެއްޖެ ނަމަ، ރޯން ޖެހިދާނެ ކަމަށް ނޭޕާލް ކޯޗު އަބްދުﷲ އަލްމުތައިރީ ބުނެފިއެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން 1-0 އިން ބަލިވެފައިވާއިރު، އެއީ ސާފްގެ ތާރީހުގައި ނޭޕާލުން ރާއްޖެ ކައިރީ ހޯދި ފުރަތަމަ މޮޅެވެ. އެ މޮޅާއެކު ނޭޕާލުން ވަރަށް ބޮޑަށް އުފާފާޅުކޮށްފައިވާ އިރު، ކޯޗު މުތައިރީގެ ނަޒަރުގައި އެ އުފާވެރިކަމުން އަރައިގަންނަން ޖެހެއެވެ. ދެން އޮތް މެޗު އުނދަގޫ ވާނެ ކަމަށް މުތައިރީ ފާހަގަ ކޮށްފައިވާއިރު، އޭނާ ބުނީ ލަންކާއަކީ އެންމެ އެގްރެސިވް ފުޓުބޯޅައެއް ކުޅޭ ޓީމު ކަމަށެވެ

"އަހަރެމެން ބުރަ މަސައްކަތުން ފުރަތަމަ މެޗުން މޮޅުވެފައި، މާދަމާ މޮޅެއް ނުލިބިއްޖިއްޔާ ރާއްޖެ މެޗުގައި ކުރި މަސައްކަތުގެ އެއްވެސް ބޭނުމެއް ނެތް. ލަންކާ މެޗަށް ނުކުންނައިރު އަހަރެމެން ރާއްޖެ މެޗުގެ އުފަލުގައި ތިބެއްޖެ ނަމަ މާދަމާ އަހަރެމެން ވަރަށް ގަދަޔަށް ރޯން ޖެހިދާނެ. ރާއްޖެ މެޗުން މޮޅުވުމުން އުފާވިޔަސް މިވަގުތު އެކަން ހަނދާނެއް ނުކުރާނަން. އަހަންނަށް އެނގޭ ލަންކާއަކީ ވަރަށް ވަރުގަދައަށް ޓެކްލް ކުރާ ޓީމެއް ކަން. އެ ޓެކުލްތަކުން ލަންކާ ކުޅުންތެރިންނަށް ފައިދާ ވިޔަ ނުދޭން ބޭނުން ހިފާނަން" މުތައިރީ ބުންޏެވެ.

އިއްޔެގެ ޕްރެސްގައި ލަންކާގެ ކޯޗު، ބޮސްނިއާގެ އާމިރް އަލަގިޗް ވަނީ ނޭޕާލް އަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ. މުތައިރީ ބުނެފައި ވަނީ އެފަދަ ވާހަކަތަކެއް ދައްކަނީ ކުޅުމުން ސަޕްރައިޒެއް ދޭން ކަމަށާއި، އެފަދަ ވާހަކަތަކަށް ހެއްލެން ބޭނުން ނުވާ ކަމަށެވެ.

އިއްޔެގެ ޕްރީ މެޗުގައި މުތައިރީ ވަނީ ފީފާ ރޭންކިން އަށް ފާޑު ކިޔައި ވަރަށް ތަފުސީލު ކޮށް ވާހަކަ ދައްކައިފައެވެ. އޭނާ ބުނެފައި ވަނީ އެއީ ބެލޭނެ އުސޫލަކުން މިނެ ކިރާ ރޭންކިން އެއް ނޫން ކަމަށާއި، އެ މަގާމުތަކަށް ބަލައި ޓީމުތަކުގެ ފެންވަރު ވަޒަން ކުރަން އުނދަގޫ ވާނެ ކަމަށެވެ. މުތައިރީ ޖުމުލަކޮށް ސިފަކޮށްފައި ވަނީ ފީފާ ރޭންކިން އަކީ އޮޅުވާލުމެއް ކަމަށެވެ.

ނޭޕާލާއި ލަންކާ ވާދަކުރާ މެޗު މިރޭ ގައުމީ ދަނޑުގައި އޮންނާނީ 9:00 ގައެވެ.