ފ. މަގޫދޫގައި އެއާޕޯޓެއް އަޅައިދިނުމަށް އެރަށު ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި ދަންނަވައިފިއެވެ.

ކައުންސިލުން މިގޮތަށް އެދިފައިވަނީ ރައީސާ އެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި މަގޫދޫ ނިސްބަތްވާ ބިލެތްދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު މިރޭ "ވަން" އަށް ވިދާޅުވީ އެރަށުގައި އެއާޕޯޓް އަޅުމުގެ މަސައްކަތް އަވަސްކޮށް ދިނުމަށް ރައީސްގެ އަރިހުން މިއަދު އެދިފައިވާ ކަމަށެވެ.

އެގޮތުން އެއާޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުވެސް ރައީސް ހިއްސާކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއާޕޯޓާ ގުޅިގެން ރައީސް ދެއްވީ އުންމީދީ ޖަވާބެއް. ރައީސް ވިދާޅުވީ އެއާޕޯޓް އެޅުމަށް މިހާރު ކުރެވެމުންދަނީ ބިން ހިއްކުމަށް އެމްޓީސީސީއާ ހަވާލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމަށް. އެކަން ވަރަށް އަވަހަށް ނިމޭނެ ކަމަށް ވިދާޅުވި،" ވަހީދު ވިދާޅުވިއެވެ.

މަގޫދޫގައި އެއާޕޯޓެއް އެޅުމަށް އެންމެ ފުރަތަމަ ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ނަމަވެސް 2016 ވަނަ އަހަރު އެ އަތޮޅުގެ ވެރިކަން ކުރާ ނިލަންދޫގައި އެއާޕޯޓް އަޅަން ނިންމިއެވެ. އެރަށުގައި އެއާޕޯޓް އެޅުމަށް ސާވޭގެ މަސައްކަތްތައް ކުރި ނަމަވެސް އެއާޕޯޓް އެޅުމުގެ މަސައްކަތް ކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ކައުންސިލުން ވަނީ ރަށުގެ ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެގޮތް ހެދުމަށާއި އޭޓީއެމެއް ގާއިމުކުރުމަށާއި ސްކޫލްގައި ލައިބްރަރީއެއް ގާއިމުކުރުމުގެ އިތުރުން ފުޓްސަލް ދަނޑުގެ މަސައްކަތްތައްވެސް އަވަސްކޮށްދިނުމަށް އެދުނެވެ.

މަގޫދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައި ހަމަޖެއްސެވެން ހުރި ކަންކަން ހަމަޖައްސަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ދަނޑުގެ މަސައްކަތާއި ސިއްހީ ހިދުމަތް ހަރުދަނާކުރުމުގެ މައްސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.