ހިޔާ ފުލެޓުތަކުގައި އުފެދޭ ކުނިވާ ޒާތުގެ ތަކެތި އެޅުމަށް ހަ ސަރައްދެއްގައި ޑަސްބިން ބަހައްޓައިފި އެވެ.
އެޗްޑީސީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 700 ފުލެޓުގެ ތެރެއިން މިހާރު މީހުން ދިރިއުޅޭ ފުލެޓުތަކުގައި އުފެދޭ ކުނި އެޅުމަށް ހަ ސަރަހައްދެއްގައި ޑަސްބިން ބަހައްޓާފައިވާ ކަމަށެވެ.
އެޗްޑީސީން ބުނީ މި ޑަސްބިންތަކަކީ ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ) އިން ރަސްމީކޮށް ކުނި ނެގުމުގެ ހިދުމަތް ފަށަންދެން ކުނި އުކާލުމަށް ޓަކައި ބެހެއްޓި ޑަސްބިންތަކެއް ކަމަށެވެ.
އެހެން ކަމުން މިހާރު ފުލެޓުތަކުގައި ދިރިއުޅެމުން އަންނަ ފަރާތްތަކުން އެތަނެއްގައި އުފެދޭ ކުނި އެންމެ ކައިރީގައި ހުންނަ ޑަސްބިނަކަށް އެޅުމަށް އެޗްޑީސީން ވަނީ އަންގާފަ އެވެ. އަދި ފުލެޓު ތެރޭގައްޔާއި ފުލެޓު ހިމެނޭ ސަރަހައްދުގައި ކުނި ނުބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ފުލެޓުތަކުގެ ފިނިޝިން މަސައްކަތް މިހާރު ކުރަމުން އަންނައިރު ފުލެޓު ލިބުނު ބައެއް މީހުން އެތަން ނިމުނު ވަރަކަށް ނިންމައި ދިރިއުޅެން ވަނީ ފަށާފަ އެވެ. މިއާއެކު ތަނުގައި އުފެދޭ ކުނި އެ ފުލެޓު ހުރި ސަރަހައްދަށް ޖަމާކުރުމުގެ ސަބަބުން މުޅި ސަރަހައްދުގައި ވަނީ ކުނިތައް ގިނަ ވެފަ އެވެ.