މުނިފޫހިފިލުވުން

މަސްތުވާތަކެތީގެ މައްސަލައެއްގައި ޝާހްރުކްހާންގެ ދަރިފުޅު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ޝާހްރުކްހާންގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔަން ހާން ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ވަނީ ރޭގެ ވަގުތެއްގައި މުމްބާއީ ކޯސްޓުގައި އޮތް ކްރޫޒް ޝިޕެއްގައި ކުރިއަށްދިޔަ ޕާޓީއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ. މި މައްސަލައިގައި އާރްޔަން ހާން އެންސީބީގެ ބެލުމުގެ ދަށަށް ރޭ ގެންގޮސްފައިވާއިރު މިއަދު ވަނީ އެ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެފައެވެ.

ވީޑިއޯގައި ފެނިގެންދަނީ އާރްޔަން ހާން އެންސީބީ އޮފީސްތެރެއަށް ވައްދާ މަންޒަރެވެ. އަދި އެމީހުން ފަހަތުން ޕާޓީން ހިފެހެއްޓި ގިނަ ބަޔަކު އޮފީހަށް ވަންނަ މަންޒަރާއި ބަންދުކޮށްފައި ހުރި ޕްލާސްޓިކު ކޮތަޅަކާއި ސޫޓުކޭހެއް އެންސީބީ އޮފިސަރަކު ވައްދާތަން ފެނިގެންދާއިރު މިއީ އެތަނުން އަތުލައިގަތް މަސްތުވާތަކެތި ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

''އަށް މީހަކު-- އާރްޔަން ހާން، އަރްބާޒް މާޗަންޓް، މުންމުން ދަމޭޗާ، ނުޕޫރު ސަރިކާ، އިސްމީތު ސިންގް، މޮހާކް ޖަސްވަލް، ވިކްރާންތު ޗޯކަރް، ގޯމިތު ޗޯޕްރާ އާ ވަނީ މުމްބާއި ކޯސްޓުގައި އޮތް ކްރޫޒެއްގައި ކުރިއަށްދިޔަ ޕާޓީއެއް ރެއިޑުކޮށް ސުވާލުކުރެވިފަ'' އޭންއެން އައި ނޫހަށް މައުލޫމާތު ދެމުން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ ޒޯނަލް ޑައިރެކްޓަރު ސަމީރު ވަންކާޑޭ ވަނީ ބުނެފައެވެ.

އޭގެ އިތުރުން އެންސީބީން އިންޑިއާ ޓުޑޭ އަށް މައުލޫމާތު ދީފައިވާގޮތުގައި އާރްޔަންގެ ފޯނު އެފަރާތުގެ ބެލުމުގެ ދަށަށް ގެންދެވި މަސްތުވާތަކެތީގެ މައްސަލައާ ގުޅުމެއް ވޭތޯ ބަލަމުން އަންނަ ކަމުގައި ވަނީ ބުނެފައެވެ.

އެންސީބީ އިން މި ކްރޫޒް ރެއިޑުކޮށްފައިވަނީ އެފަރާތަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.