ޚަބަރު

ލައިސަންސް ފޮތުގެ މައުލޫމާތު އޮޅުވާލުމުގެ ސަބަބުން ކުރި ޖޫރިމަނާ ބޮޑުވެގެން ހައިކޯޓަށް

މުހައްމަދު އިޝާން

ލައިސަންސް ފޮތުގެ މައުލޫމާތު ތަކަށް ބަދަލު ގެނައުމުގެ ސަބަބުން ދަށުކޯޓުން ކޮށްފައިވާ ޖޫރިމާނާ އަދަބު ބޮޑުވެގެން ސަބަބުން ހައި ކޯޓުގައި އެ ހުކުމް އިސްތިއުނާފު ކޮށްފި އެވެ. މި މައްސަލައިގެ އަޑުއެހުންތައް ނިންމައި މިހާރު ވަނީ ހުކުމްވެސް ކޮށްފަ އެވެ.

ލައިސަން ފޮތުގައި ހުންނަ މައުލޫމާތު ބަދަލުކުރުމުގެ ސަބަބުން ޖަލަށް ލާން ޖޫރިމާނާ ކޮށްފައި ވަނީ، މ.މުލައް / ކުރިބޯށި އަލީ ޝަހީމް އެވެ. ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާއަކި އެނގިހުރެ ސައްހަ ނޫން އެއްޗެއް ތެދުކަން ދައްކަން އުޅުމުގެ ދައުވާ އެވެ.

އެ މައްސަލައިގެ ކަން ހިނގާފައިވާ ގޮތަކީ މ.އަތޮޅު ކައުންސިލްގެ އިދާރާއިން އަލީ ޝަހީމަށް ދޫކޮށްފައިވާ އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ފޮތަކީ ޝަހީމަށް ދޫކޮށްފައިވާ ފޮތެއް ކަމަށް ދެއްކުމަށް އެލައިސަންސް ފޮތުގައިވާ މައުލޫމާތު ބަދަލުކޮށް ލައިސަންސް ފޮތް އާކުރުމަށް އެދޭ ފޯމް ފުރައި މ.އަތޮޅު ކައުންސިލްގެ އިދާރާއަށް ހުސައިން ޝަހީމް ވަނީ ހުށަހަޅައިފަ އެވެ. ޝަހީމްގެ އެ އަމަލަކީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ ގާނޫނުގެ ދަށުން ކުށަކަށް ވާތީ ދައުލަތުން ވަނީ ޝަހީމުގެ މައްޗަށް ދައުވާކޮށްފަ އެވެ. އެ ދައުވާގެ އަޑުއެހުން ކުރިއަށް ގެންދިޔައީ މުލަކުއަތޮޅު މެޖިސްޓްރޭޓް ކޯޓުގަ އެވެ.

ޝަހީމް ވަނީ އޭނާގެ މައްޗަށް ކުރެވޭ ކުށުގެ ދައުވާއަށް އިބްތިދާއީ އަޑުއެހުމުގައި އިއުތިރާފުވެފަ އެވެ. އަދި އެ އިއުތިރާފު ދަމަހައްޓަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އޭނާ ވެފައިވާ އިއުތިރާފަށް ރިއާޔަތްކޮށް މުލަކުއަތޮޅު މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރީ، އެނގިހުރެ ސައްހަ ނޫންގޮތުގައި ލިޔުމަކަށް ބަދަލު ގެނައުމުގެ ކުށުން ޝަހީމް ކުށްވެރިވެއްޖެ ކަމަށާއި، މިކުށަށް ގާނޫނުލްއުގޫބާތުގެ 1002 ވަނަ މާއްދާގައި އަދަބު ކަނޑައަޅައި މިންގަނޑުން ދެވޭ އަދަބުގެ އަސާސީ މިންގަނޑަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކަމަށް ކަމަށާއި، މައްސަލައާ ގުޅިގެން ބޭއްވުނު އިބްތިދާއީ އަޑުއެހުމުގެ މަޖިލިސްގައާއި، ޝަރީއަތުގެ މަޖިލިސްގައި ޝަހީމް ކޮށްފައިވާ ކުށަށް އިއުތިރާފުވެ ކުރެވުނު ކުށާމެދު ދެރަވެ އިއުތިރާފު ދެމެހެއްޓެމުން ގާނޫނުލްއުގޫބާތުގެ 1106 ވަނަ މާއްދާގެ (ށ) އާއި ހަވާލާދީ އެ ގާނޫނުގެ1002 ވަނަ މާއްދާގެ (ހ)ގެ ދަށުން ޝަހީމްގެ މައްޗަށް ކަނޑައެޅިފައިވާ އެއް އަހަރާ ހަތް މަހާއި ހަ ދުވަހުގެ ޖަލު އަދަބު އެ ގާނޫނުގެ 1005 ވަނަ މާއްދާގެ (ށ)އަށް ރިއާޔަތްކޮށް 74،400 ހަތްދިހަ ހަތަރުހާސް ހަތަރުސަތޭކަ ރުފިޔާގެ ޖޫރިމަނާ އަށް ބަދަލުކޮށް އެފައިސާ 13 ނޮވެމްބަރު 2018 އިން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށެވެ.

މުލަކުއަތޮޅު މެޖިސްޓްރޭޓް ކޯޓުން ކުރި އެހުކުމާ މެދު ހިތްހަމަނުޖެހުމުގެ ސަބަބުން ޝަހީމް ވަނީ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ހައިކޯޓަށް ހުށަހެޅި އެ މައްސަލައިގައި ބުނަނީ ދަށުކޯޓުގައި ކުށަށް އިއުތިރާފުވެ އެ އިއުތިރާފު ދަމަހައްޓާފައިވާތީ ގާނޫނުލްއުގޫބާތުގެ 1106 ވަނަމާއްދާގެ (ށ) އާއި ހަވާލާދީ ދަށު ކޯޓުން ހުކުމްކޮށްފައި ވަނީ، ގާނޫނު އުގޫބާތުގެ 1106 ވަނަ މާއްދާގެ (ށ)ގައި ރިއާޔަތްކޮށްފައިވާ އެއް ދަރަޖައިގެ ދަށްކޮށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ އެވެ.

ޝަހީމުގެ އިސްތިއުނާފީ ނުކުތާއަށް ރައްދު ދެއްވައި ދައުލަތުން ވިދާޅުވެފައި ވަނީ، ޝަހީމްގެ ފަރާތުން ހަވާލާދީފައިވާ ގާނޫނުލްއުގޫބާތުގެ 1106 ވަނަ މާއްދާގެ (ހ) އަކީ، ކުށްވެރިޔާގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން އޭނާ ކުޅަ ކުށާމެދު ހިތުގެ އަޑިން ދެރަވާކަމަށް އާއްމުކޮށް ފާޅުކޮށްފިނަމަ ކަންކުރާނެ ގޮތްކަމަށާއި، ޝަހީމްގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން އެފަދަ ކަމެއް އޭނާ ކޮށްފައި ނެތް ކަމަށާއި، ޝަހީމްގެ ފަރާތުން ހަވާލާދީފައިވާ ގާނޫނު އުގޫބާތުގެ 1107 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރަނީ، ކުށްވެރިޔާ ކުށެއް ކުރުމަށްފަހު އެކުށް ކުރުމުގައި ބައިވެރިވިމީހުން ހިފައި ހައްޔަރު ކޮށް އެ މީހުންގެ މައްޗަށް ދައޔުވާ ކުރުމުގައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމުން ކަންކުރާ ގޮތްކަމަށާއި، މި މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު ފަރާތެއް ނެތްއިރު ތުހުމަތު ކުރެވޭ އިތުރު ފަރާތެއް މި މައްސަލައިގައި ހައްޔަރުވެސް ކޮށްފައި ނުވާނެ ކަމަށާއި، އެހެންކަމުން ޝަހީމްގެ މައްޗަށް އަދަބު ލުއިވާނެ ހަމައެކަނި ހާލަތަކީ ގާނޫނޫ އުގޫބާތުގެ 1106 ވަނަ މާއްދާގެ (ށ) ގައި ބުނާ ހާލަތު އެކަނި ކަމުން މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުން މި މައްސަލަ ނިންމަވާފައިވާ ގޮތް ރަނގަޅު ކަމަށެވެ.

އެ މައްސަލަ ބެލުމަށްފަހު ހައި ކޯޓުން ހުކުމްކުރީ ޝަހީމް އެދުނު ގޮތަށް އަދަބުގެ ގޮތުގައި ކޮށްފައިވާ ޖޫރިމާނާ ކުޑަކޮށް ދިނުމަށެވެ. ހައި ކޯޓުން ވަނީ ޝަހީމުގެ 74،400 ރުފިޔާގެ ޖޫރިމާނާ 28،800 އަށް ކުޑަކޮށްފަ އެވެ. ހައި ކޯޓުން އެގޮތަށް ހުކުމް ކުރީ ޝަހީމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާއަށް ރިއާޔަތް ކުރުމަށްފަހު އެވެ.