މެންޗެސްޓާ ޔުނައިޓެޑުން ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި އެވަޓަންއާ އެއްވަރުވެއްޖެއެވެ.
ޔުނައިޓެޑުގެ ދަނޑުގައި މިއަދު ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ގޯލެއް ޖަހައިފައި ވަނިކޮށް، ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް އެވަޓަން އިން މެޗުން ޕޮއިންޓެއް ހޯދިއެވެ. އެންމެފަހުން ލީގުގައި ކުޅުނު ދެމެޗުންވެސް ޔުނައިޓެޑަށް މޮޅެއް ނުހޯދި އޮތް އިރު، މިރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ ތިންވަނައިގައެވެ. ހަތް މެޗުން 14 ޕޮއިންޓާއެކު ޔުނައިޓެޑް ތިންވަނައިގައި އޮތް އިރު، އެވަޓަން ހަތަރު ވަނައިގައި އޮތީވެސް 14 ޕޮއިންޓާ އެކުގައެވެ.
ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޮލްސްޖާ މެޗަށް ނެރުނު ފުރަތަމަ 11 ގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނިފައެއް ނުވެއެވެ. މި ސީޒަނަށް ޔުނައިޓެޑަށް ގޮސް ފޯމުގައި ކުޅެމުންދާ ރޮނާލްޑޯއަށް މެޗުގައި ރެސްޓް ދިން ނަމަވެސް ފަހު ހާފުގައި ސޮލްސްޖާ ވަނީ ދަނޑު މައްޗަށް ރޮނާލްޑޯ ނެރެފައެވެ. އެހެންނަމަވެސް މެޗުން ތިން ޕޮއިންޓް ނެގޭ ގޮތެއް ނުވިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުގެ ގޯލު ޖެހީ އެންތޮނީ މާޝިއަލްއެވެ. އެ ގޯލަކީ މާޝިއަލް ފެބްރުއަރީ މަހުގެ ފަހުން ޖެހި ފުރަތަމަ ގޯލެވެ. ލީޑުގައި އޮވެގެން ޔުނައިޓެޑުން ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅުގައި އަންޑްރޯސް ޓައުންސެންޑް ވަނީ އެވަޓަންއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ޓައުންސެންޑްގެ ގޯލާއެކު އޭނާ ސެލެބްރޭޓް ކުރީ ރޮނާލްޑޯގެ "ސެލެބްރޭޝަން" އާއެކުގައެވެ.
މެޗަށްފަހު ޓައުންސެންޑް ބުނެފައި ވަނީ ރޮނާލްޑޯގެ ސެލެބްރޭޝަން އޭނާ ހެދީ އިހުތިރާމު ކުރުމަށް ކަމަށާއި، ރޮނާލްޑޯއަކީ އޭނާ ވަރަށް ބޮޑަށް އިހުތިރާމުކުރާ، ރޯލް މޮޑެލްއެއްގެ ގޮތުގައި ބަލާ ކުޅުންތެރިއެއް ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު