ޚަބަރު

ގައުމުގެ ހެވާއި ލާބައަށްޓަކައި އެމްއާރުއެމުން ސަރުކާރާއެކު މަސައްކަތްކުރާނެ: ފާރިސް

މުހައްމަދު އިޝާން

ގައުމުގެ ހެވާއި ލާބައަށްޓަކައި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ސަރުކާރާއެކު މަސައްކަތް ކުރާނެ ކަމަށް އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

އެމްއާރްއެމްގެ ފުރަތަމަ ރައީސް ކަމަށް އިންތިހާބު ކުރި ފާރިސް ވިދާޅުވީ، އެމްއާރްއެމަކީ މިހާރު އޮތް ސަރުކާރު ހިންގާ ކޯލިޝަންގެ މެމްބަރެއް ކަމަށާއި ގިނަ ޕާޓީތަކެއް ގުޅި ކޯލިޝަނެއް އުފެއްދީ ގައުމުގެ ހެވާއި ލާބައަށްޓަކައި ކަމަށެވެ. ފާރިސް ވަނީ އެ މަސައްކަތް ކުރުމުގައި ސަރުކާރު ކޯލިޝަނާއެކު އެމްއާރްއެމް އޮންނާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ސިޔާސީ މައިދާނަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ މައިދާނެއް ކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާތީ ސިޔާސީ ކަންކަމުގައި ރައްޔިތުން އުޅެން ބޭނުންނުވާކަން ފާހަގަކުރައްވައި ފާރިސް ވިދާޅުވީ، އެމްއާރްއެމުން ކުށްހީތަކެއްކަން ރައްޔިތުންނަށް ސާބިތުކޮށްދެއްވާނެ ކަމަށެވެ. އަދި އެމްއާރްއެމްގެ އޮނިގަނޑު ބައްޓަން ކޮށްފައި ވަނީ ސިޔާސީ މައިދާނުގައި ނަޒާހަތްތެރިކަން ނުގެއްލޭ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ، އެމްއާރްއެމްގައި ޒުވާނުންގެ ދައުރު ބޮޑުވާނެ ކަމަށާއި އެ ޕާޓީގެ ސިޔާސަތުތައް ކަނޑައަޅާފައި ވަނީ ޒުވާނުންގެ ވިސްނުންތަކުގެ މައްޗަށް އެމީހުން ބައިވެރިކޮށްގެން ކަމަށެވެ. އަދި އެމްއާރްއެމުން މަސައްކަތް ކުރާނީ ސިޔާސީ މައިދާނަކީ ނަޒާހަތްތެރި މައިދާނަކަށް ހަދައި ސިޔާސީ މަސްރަހާމެދު އެންމެންގެވެސް އުންމީދު އާލާ ކުރުމަށް ކަމަށް ވިދާޅުވިއެވެ.