ބަނގުރާ އެތެރެ ކުރި މީހެއްގެ މައްޗަށް، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރިކަމުގެ ދައުވާކޮށް، 10،800 ރުފިޔާއިން ޖޫރިމަނާ ކުރަން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ، ގދ. ރަތަފަންދޫ/ މުޝްތަރީގެ ހަމްޒާން ފަރީދުގެ މައްޗަށެވެ.

މި މައްސަލައަކީ މާލޭ ޓީޖެޓީ ސަރަހައްދު ޕެޓްރޯލް ޖެޓީއަށް ލޯންޗެއް ކައިރިކޮށް ބަނގުރާ ބާލަން އުޅޭ ކަމަށް މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިގެން ފުލުހުން ޓީޖެޓީ ސަރަހައްދަށް ދިޔައިރު، އެތަކެތި ޕިކަޕަކަށް ލާފައި ވަނިކޮށް ފުލުހުން އަތުލި މައްސަލައެކެވެ. އެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައިވާ ގޮތުގައި، އެކަމާ ގުޅިގެން ހަމްޒާންގެ މައްޗަށް ދައުލަތުން އުފުލީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރި ކަމުގެ ދައުވާއެވެ.

ޝަރީއަތުގެ މަޖިލީހުގެ އެ ދައުވާއަށް ޖަބާބުދާރީވުމަށް ފުރުސަތު ދިނުމުން އެ ދައުވާއަށް ހަމްޒާން ވަނީ އިއުތިރާފުވެފައެވެ.

އެހެންކަމުން އެ މައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. އަދި އެ ކުށުގެ އަދަބާބެހޭ ގޮތުން ވާހަކަ ދެއްކުމަށް ދައުލަތަށާއި ދައުވާލިބޭ ފަރާތަށް ފުރުސަތު ދީފައިވެއެވެ.

އެ ކުށަކީ ޖުނަހުގެ ދެވަނަ ދަރަޖައިގެ ކުށެއް ކަމުން އެ ކުށުގެ އަސާސީ އަދަބަކީ ދެ މަހާ 12 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް ކުށަށް އިއުތިރާފުވެފައިވާތީ ކުށުގެ އަދަބުގެ އަސާސީ މިންގަނޑުން އެއް ދަރަޖަ ދަށްވާނެ ކަމަށާއި އަދަބުގެ އަސާސީ މިންގަނޑު މަތި ކުރެވޭނެ ފަދަ ކުށުގެ ރެކޯޑެއް ހަމްޒާންގެ ނެތުމުން އެ ކުށުގެ އަދަބު ބަދަލު ކުރީ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

އެހެންކަމުން އެ ކުށުގެ އަދަބު 10،800 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އަދަބަކަށް ބަދަލުކޮށް އެ ފައިސާ ހަތަރު މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސް ކުރުމަށް އަންގައި ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.