ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ މުޅި މުބާރާތް ރާއްޖޭގައި ބާއްވާތީ ދިވެހީން ތިބީ ބޮޑު އުންމީދެއްގައެވެ. ތިންވަނަ ތަށީގެ އުންމީދުގައެވެ. "މަގޭ މަހަލްދީބް" ޓީމު ކޮންމެ މެޗަކުން މޮޅުވާނެ ކަމުގެ އުންމީދުގައެވެ. ދިވެހީން ތިބީ ރާއްޖޭގެ ޓީމަށް ފުރިހަމަ ތަރުހީބެއް ދޭން ތައްޔާރަށެވެ.

ރާއްޖެއަށް އެންމެ މުހިންމު މެޗަކަށް ވެގެންދިޔައީ ރާއްޖޭގެ ފުރަތަމަ މެޗެވެ. ނޭޕާލާ ދެކޮޅަށް ރޭ ކުޅުނު މެޗެވެ. ސާފް ޗެމްޕިއަންޝިޕްގެ ދިގު ތާރީހުގައި ނޭޕާލް އަތުން ރާއްޖެ ބަލިވެފައި ނުވާތީ، މޮޅުވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. ނަމަވެސް މެޗު ނިމިގެންދިޔައީ ރާއްޖެ އަތުގައި އޮތް އެ ރެކޯޑަށް ވެސް ނިމުމެއް އައިސްގެންނެވެ. ފުރަތަމަ ފަހަރަށް ސާފްގައި ރާއްޖެ އަތުން ނޭޕާލް ހޯދި މޮޅުން ދިވެހީންނަށް މާޔޫސްކަމެއް ގެނުވިއެވެ.

ނޭޕާލް އަތުން ރާއްޖެ ބަލިވުމުން ޕްރެޝަރުތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. ހާއްސަކޮށް އަމިއްލަ ގައުމުގައި ބާއްވާ މުބާރާތެއް ކަމުން ފެށުން ވެސް ވެގެންދާނީ ޕްރެޝަރަކަށެވެ. އަދި މުބާރާތުގެ ފުރަތަމަ މެޗުން ބަލިވުމުން އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަންނަ ޕްރެޝަރު އިތުރުވެގެންދާނެއެވެ.

ގްރޫޕު ސްޓޭޖު އުސޫލުން ކުޅޭ މުބާރާތްތަކާ ހިލާފަށް ލީގު އުސޫލުން ކުޅޭ މުބާރާތްތަކަކީ ފައިނަލަށް ދަތުރުކުރުމަށް އުނދަގޫތަކެއް ކުރިމަތިވާނެ މުބާރާތްތަކެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ލީގު އުސޫލުން ކުރިއަށްގެންދާތީ ފައިނަލަށް ދިއުމަށް ކޮންމެ މެޗަކީ ވެސް މުހިންމު މެޗެކެވެ.

ފުރަތަމަ ހާފުގައި ރާއްޖޭގެ ކުޅުން ވަރުގަދައެވެ. އެޓޭކް ވަރުގަދައެވެ. ނޭޕާލަށް މަޖުބޫރުވީ ފަހަތަށް ޖެހިގެން ޑިފެންސިވް ގޭމެއް ކުޅޭށެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ގެ ނުރައްކާ ބޮޑެވެ. ލަނޑުޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކުރިއެވެ.

ފުރަތަމަ ހާފުގައި އަދި މުޅި މެޗުގައި ވެސް ރާއްޖެއިން އެންމެ ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިޔަކީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މެޗުގެ ކުރީކޮޅު ދަގަނޑޭ އާއި ހަމްޕުގެ ޕާޓްނާޝިޕް ވަރުގަދައެވެ. ނޭޕާލުގެ ޑިފެންޑަރުން އެންމެ ބުރަކޮށް މަސައްކަތްކުރަން ޖެހުނީ އެ ދެ ކުޅުންތެރިންގެ ޕާޓްނާޝިޕް ހުއްޓުވާށެވެ.

ރާއްޖެއިން ފުރަތަމަ ހާފުގައި ވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް، މެޗަށް ނެރުނު ފުރަތަމަ 11 އެންމެ ރަނގަޅޭ ބުނެވޭކަށް ނެތެވެ. ރާއްޖޭގެ އެޓޭކުގައި ބައިވެރިވި ތަޖުރިބާކާރު އަލީ ފާސިރު (ސެންޓޭ) އާއި އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)ގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފައިފައެއް ނުވެއެވެ. ސެންޓޭ އަތުން ގިނަ ބޯޅަތަކެއް ގެއްލުނު އިރު، ދަގަނޑޭއަށް ފައުލްކުރުމާ ގުޅިގެން ލިބުނު ފުރަތަމަ ދެ ހިލޭ ޖެހުން ވެސް ސެންޓޭއަށް ގޯލާ އަމާޒުކޮށް ފޮނުވައިލެވިފައެއް ނުވެއެވެ. އަދި ފުރަތަމަ ހާފުގައި ވެސް ފޭދޫ އިއްބެ ފެނުނީ ވަރަށް ބޮޑަށް މެޗު ތެރެއިން ގެއްލިފައި ހުރި މަންޒަރެވެ.

ފުރަތަމަ ހާފުގައި ނޭޕާލަށް ރާއްޖޭގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވައިލެވިފައެއް ނުވެއެވެ. ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ފެނުނީ ވަރަށް ހަމަޖެހިލައިގެން ކުޅުނު ތަނެވެ. ނަމަވެސް ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފު ނޭޕާލުން ފެށީ އެޓޭކުކޮށް، ރާއްޖޭގެ ޑިފެންސަށް ޕްރެޝަރުތައް ކުރަމުންނެވެ.

ދެވަނަ ހާފުގައި ރާއްޖޭގެ މެދުތެރެއިން ފެނުނީ ދަށް ކުޅުމެކެވެ. ފޯވަޑް ލައިނަށް ރަނގަޅު ބޯޅަތަކެއް ސަޕްލައިކޮށްދެވިފައެއް ނުވެއެވެ. ގިނަ ބޯޅަތަކެއް ގެއްލި، ގިނަ ގޯސްތަކެއް ހެދުނެވެ. ފުރަތަމަ ހާފުގައި ހަމްޕު އާއި ދަގަނޑޭއަށް ބޯޅަތަކެއް ލިބުނު ނަމަވެސް، ދެވަނަ ހާފުގައި އެ ދެ ކުޅުންތެރިންނަށް ރަނގަޅު ބޯޅަތަކެއް ލިބިފައެއް ނުވެއެވެ. ދަގަނޑޭގެ އެންމެ ރަނގަޅު ކުޅުން ފެނިފައެއް ނުވެއެވެ. ރާއްޖެއަށް ބޯޅަ ލިބުމާއެކު ނޭޕާލުން ޕްރެސް ކުރުމުން، ދިވެހި ކުޅުންތެރިންނަށް އުނދަގޫތަކެއް ކުރިމަތިވިއެވެ.

ރާއްޖޭގެ ކޯޗު އަލީ ސުޒޭން ބަދަލުތައް ގެނައިލެއް ލަސްވިކަން ފާހަގަވިއެވެ. އެގޮތުން ދެވަނަ ހާފު ފެށުމަށް ބަދަލެއް މުހިންމުވެފައިވީ ނަމަވެސް، ހާފަށް ނުކުތީ ބަދަލަކާ ނުލައެވެ. ރާއްޖޭގެ ފުރަތަމަ ބަދަލު ފެނިގެންދިޔައީ މެޗުގެ 59 ވަނަ މިނެޓުގައެވެ. އެ ބަދަލު ވެގެންދިޔައީ ގޯސް ބަދަލަކަށެވެ. އިބްރާހިމް އައިސަމްގެ ބަދަލުގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ކުޅެން ނެރުނު ނަމަވެސް، އިއްބެގެ ފަރާތުން ވެސް ފެނުނީ އެންމެ އެދެވޭ ކުޅުމެއް ނޫނެވެ.

ދެވަނަ ހާފުގައި ކޯޗު ސުޒޭން ގެނައި އެންމެ ރަނގަޅު ބަދަލަކީ މެޗުގެ 69 ވަނަ މިނެޓުގައި ފޭދޫ އިއްބެގެ ބަދަލުގައި ނާއިޒް ހަސަން (ދާދު) ކުޅެން ނެރުމެވެ. ނަމަވެސް އެ ބަދަލު ގެނައީ މާ ލަސްވި ފަހުންނެވެ. އެ ބަދަލާއެކު ދާދުގެ ހަލުވި ކުޅުމާއެކު ފުރުސަތުތަކެއް ތަނަވަސްކުރި ތަން ވެސް ފެނިގެންދިޔައެވެ. ނޭޕާލުގެ ކީޕަރު ކިރަން ކުމާރަށް ވެސް ޕްރެޝަރުތަކެއް ކުރިމަތިކުރުވިއެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ގެނައި ބަދަލުތަކާއެކު ރާއްޖޭގެ ޓީމުގެ ކުޅުމުން އެއީ ގޯސް ބަދަލުތަކެއް ކަން ފާހަގަކުރެވުނެވެ. އައިސަމްއަށް ފަހު ޑިފެންސިވް މިޑްފީލްޑަރެއްގެ ގޮތުގައި ރަނގަޅު ކުޅުމެއް ދެއްކި އަސްހަދު އަލީ (އަޑޭ) ވެސް ބޭލުމުން، ޓީމުން ވަރަށް ބޮޑަށް އެތަން ފެނިގެންދިޔައެވެ. ރާއްޖެ އަތުން ބޯޅަ ގެއްލުމުން އަނބުރާ އެ ބޯޅަ ހޯދުމަށް އުނދަގޫތަކެއް ކުރިމަތިވިއެވެ.

އެ ދެ ބަދަލަކީ އަޑޭގެ ބަދަލުގައި މުހައްމަދު އުމައިރު އަދި ސެންޓޭގެ ބަދަލުގައި އިސްމާއިލް އީސާ (މެސީ) ކުޅެން އެރުވުމެވެ. ކޯޗު ސުޒޭން ބޭނުންވީ މެދުތެރެއިން ރަނގަޅު ބޯޅަތަކެއް ސަޕްލައިކޮށް، އެޓޭކިން ކުޅުމެއް ކުޅެ، މޮޅަކާއެކު މެޗު ނިންމާލަން ކަމަށް ވެދާނެއެވެ. ނަމަވެސް އެ ބަދަލުތަކަށް ފަހު، މާގިނައިރުތަކެއް ނުވަނީސް ކައުންޓާ އެޓޭކެއްގައި ރާއްޖޭގެ ޑިފެންސަށް ކުރި ޕްރެޝަރަކަށް ފަހު ނޭޕާލުން ވަނީ ލަނޑު ޖަހައިފައެވެ.

ނޭޕާލުން ލަނޑު ޖެހި ވަގުތުކޮޅަކީ ރާއްޖޭގެ ޑިފެންސް ލައިނުން ގިނަ ގޯސްތަކެއް ފެނިގެންދިޔަ ވަގުތުކޮޅެކެވެ. ފުރަތަމަ ކަމަކަށް ފެނިގެންދިޔައީ އެޓޭކުގައި ބައިވެރިވުމަށް ރާއްޖޭގެ އެންމެ ފަހަތުން ކުޅޭ ސަމޫހު އަލީ (ސަމުއްޓޭ) ކުރިއަށް ޖެހުމަށްފަހު ފަހަތަށް ފޭބިފައި ނުވުމެވެ.

ސަމުއްޓޭ ވަރަށް ކުރިއަށް ޖެހި ހުއްޓައި، ރާއްޖެ އަތުން ބޯޅަ ގެއްލުމާއެކު އެ ބޯޅަ ހޯދުމަށް ސަމުއްޓޭއާއެކު އެންމެ ފަހަތަށް ކުޅޭ ކެޕްޓަން އަކުރަމް އަބްދުލްޤަނީ (އަކޫ) ވެސް ކުރިއަށް ޖެހުނެވެ. ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އަކޫ ވެއްޓުމާއެކު އިތުރު ޕްރެޝަރަކަށް ދިޔައެވެ. ސަމުއްޓޭ އާއި އަކޫ ހުރީ ނޭޕާލުގެ ހާފުގެ ތެރޭގައެވެ.

އެ ބޯޅައާއެކު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ނޭޕާލުގެ މަނީޝް ޑަންގީ ހަލުވި ދުވެލީގައި ރާއްޖޭގެ ހާފުގެ ތެރެއަށް ވަދެގަނެގެން ދިޔައެވެ. އެއަށްފަހު ދެން ފެނިގެންދިޔަ ގޯހަކީ ސަމުއްޓޭ އެނބުރި ފަހަތަށް އައިސް، މަނީޝް އަތުން ބޯޅަ ހޯދުމަށް ޖެހި ބޭކާރު ޓެކުލްއެވެ. މަނީޝް ވަނީ ފައިދާ ނަގައި، ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ރާއްޖޭގެ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ދިވެހީން މާޔޫސްކޮށްލައިފައެވެ.

ރާއްޖެއަށް ކުރިއަށް ދެން އޮތީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބަންގުލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗެވެ. ނޭޕާލު މެޗުގައި ހެދުނު ގޯސްތައް ތަކުރާރު ނުކުރުމަށް ކޯޗު ސުޒޭނަށް އޮތް އެންމެ ބޮޑު މަސައްކަތަކީ ރާއްޖޭގެ ޓީމަށް ބޭނުންވާ ބަދަލު ގެނައުމެވެ. ރަނގަޅު ބަދަލުތަކަކާއެކު ރަނގަޅު ފެށުމަކަށް އަމާޒު ހިފުމެވެ.

ބަންގުލަދޭޝްގެ މެޗަކީ ވެސް ރާއްޖެއަށް ވަރަށް އުނދަގޫ މެޗަކަށް ވެގެންދާނެއެވެ. ބަންގުލަދޭޝްގެ ޓީމު ވަރުގަދަކަމާއެކު އެޓީމުގެ ކޯޗު ވެސް ކާމިޔާބެވެ. ދާދިފަހުން ބަންގުލަދޭޝް ގައުމީ ޓީމާ ހަވާލުވި އޮސްކާ ބްރުޒޯންއަކީ ދިވެހި ގިނަ ކުޅުންތެރިންގެ ކުޅުން ދަންނަ ކޯޗެކެވެ. ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ކޯޗެކެވެ.

އޭގެ އިތުރުން ދެން އޮތް ޕްރެޝަރަކަށް ވާނީ ބަންގުލަދޭޝްގެ ސަޕޯޓަރުންނެވެ. ރާއްޖޭގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބަންގުލަދޭޝް ސަޕޯޓަރުން ދަނޑަށް ވަންނާނެއެވެ. އެ ޕްރެޝަރުން އަރައިގަނެވޭނީ ދިވެހި ސަޕޯޓަރުންގެ އެހީތެރިކަމާއެކުއެވެ. މުބާރާތުގައި ކުރިއަށް ދިއުމަށް ދިވެހި ޓީމަށް ދިވެހި ސަޕޯޓަރުންގެ ވަރަށް ބޮޑު ތަރުހީބެއް ބޭނުންވާނެއެވެ. ފައިނަލުގެ ޖާގައެއް ކަށަވަރުކުރުމަށް ސަޕޯޓަރުންގެ އެހީއާއެކު ކުރިއަށް ހުރި ހުރިހާ މެޗެއް ކާމިޔާބުކުރަން ޖެހެއެވެ.