ގައުމީ ދަނޑުގައި ރޭ ކުޅުނު މެޗުގައި ނޭޕާލް އަތުން ރާއްޖެ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މި ބައްޔަކީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައިވެސް ނޭޕާލް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ. ހަމަލާތައް ގިނައިން އުފައްދައި، ރަނގަޅަށް ކުޅެ ރާއްޖެ މި މެޗުން ބަލިވީ ނޭޕާލުން ފަހު ވަގުތު ޖެހި ގޯލުންނެވެ. 86 ވަނަ މިނެޓުގައި ނޭޕާލުގެ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް މަނީޝް ޑަންގީއެވެ.
ރޭގެ މޮޅަކީ ނޭޕާލަށް ތާރީހީ މޮޅަކަށްވާއިރު، ނޭޕާލުގެ ކުވޭތު ކޯޗު އަބްދުﷲ އަލް މުތައިރީއަށްވެސް މި މޮޅު ހާއްސަ ވިއެވެ. ނޭޕާލް ޓީމާއެކު އޭނާ ރާއްޖެ އައި ފަހުން ބޮޑު ބޭބެ މަރުވުން ވެގެން ގޮސްފައި ވަނީ އަލް މުތައިރީ އަށް ބޮޑު ހިތްދަތި ކަމަކަށެވެ. ޕްރީ މެޗު ޕްރެސް އަށް މުތައިރީ ހާޒިރު ނުވީވެސް އެ ސަބަބަށް ޓަކައެވެ. އެ ހިތާމައިގެ ތެރެއިން ރޭގެ މެޗުގައި ލިބުނު އުފާ އޭނާ ހާއްސަ ކުރީވެސް ބޮޑު ބޭބެއަށެވެ.
"މިއީ އަހަންނަށް ވަރަށް އެމޯޝަނަލް ދުވަހެއް. އެއީ އިއްޔެ އަހަރެއްގެ ބޮޑުބޭބެ މަރުވުމުން އެ ކަމުގައި ހިތާމަކުރަން ޖެހުމުން. އެއީ މޮޅު ހާއްސަވި ސަބަބު. އިންޝާ ﷲ ބޮޑުބޭބެއަށް ހެޔޮ ރަހުމަތް ލައްވާނެ. މި މޮޅު ހާއްސަ ކުރާނީ ބޮޑު ބޭބެއަށް. ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލަށް ރާއްޖެ ބަލިކުރެވުމަކީ ވަރަށް އުފާވާ ކަމެއް،" މުތައިރީ މެޗަށްފަހު ފެންކަޅިވެ ހުރެ ބުނެފައިވެއެވެ.
ޓެކްޓިކަލީ ވާހަކަ ދައްކަމުން އޭނާ ބުނީ މެޗުގެ ކުރިން ރާއްޖެ ވަރަށް ރަނގަޅަށް ދަސްކުރި ކަމަށާއި، ނޭޕާލުން ކުޅުނީ ވަރަށް ބޮޑަށް ފޯކަސް ކޮށް، ރާއްޖެ އަށް ފުރުސަތުތައް ހޯދަން އުނދަގޫ ވާނެ ގޮތަށް ކަމަށެވެ.
"އަހަރެން ދަސްކުރިން ރާއްޖެ ވަރަށް ރަނގަޅަށް. އަހަރެމެންނަށް އެނގޭ ރާއްޖެ ކުޅޭ ސްޓައިލް. ދެން މެޗުގައި ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ވިސްނިން. ރާއްޖެ ކުޅުނީ ރާއްޖޭގެ ދަނޑުގައި. ރާއްޖެއަކީ ޗެމްޕިއަނުން. އެހެންވީމަ މެޗު 0-0 ގައި ނޫނީ 1-0 އިން ނޭޕާލު މޮޅުވެފައި އޮވެގެން ދާ ކޮންމެ މިނެޓަކަށް އަހަރެމެންނަށްވެސް ޕްރެޝަރު ވާނެ. އެކަމަކު އަހަރެމެން ކެތްކުރިން. ވަރަށް ރަނގަޅަށް ކުޅުނު. ރާއްޖެއަށް ފުރުސަތެއްވެސް ހޯދަން އުނދަގޫވި. އޯޕަން ކުޅުމުން ރާއްޖެއަށް ފުރުސަތު އުފައްދަން އުނދަގޫވި،" މުތައިރީ އޭނާގެ ވިސްނުން ހާމަކުރިއެވެ.
ނޭޕާލަށް އަދި މިހާތަނަށް ސާފް ޗެމްޕިއަންޝިޕް ހޯދިފައި ނުވާއިރު، އެޓީމަށް ފައިނަލާ ހަމައަށްވެސް މުބާރާތުގައި މިހާތަނަށް ދެވިފައެއް ނުވެއެވެ. އެކަން ބަދަލު ކުރުމަށް މިފަހަރު ނޭޕާލް ނުކުތީ ރަނގަޅު ތައްޔާރީތަކަކާއެކު ވަރުގަދަ ސްކޮޑެއްވެސް އެކުލަވާލައިގެންނެވެ. ނޭޕާލް ދެން ކުޅޭ މެޗުގައި ހޯމަ ދުވަހުގެރޭ ކުޅޭނީ ސްރީ ލަންކާއާ ދެކޮޅަށެވެ. ލަންކާ ވަނީ ކުޅުނު ފުރަތަމަ މެޗުގައި 1-0 އިން ބަންގްލަދޭޝް އަތުން ބަލިވެފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު