އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގައި ސްރީލަންކާއިން ކުޅުނު ފުރަތަމަ މެޗުގައި މިއަދު ބަންގްލަދޭޝް އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ބަންގްލަދޭޝްއިން ޖެހި ހަމައެކަނި ގޯލު، ދެވަނަ ހާފުގައި ޖެހީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީ ބަންގްލަދޭޝްއަށް ލިބުނީ ލަންކާގެ ޑިފެންޑަރު ޑަކްސަން ޕުސްލަސް އޭރިއާ ތެރެއިން އަތުގައި ބޯޅައިން ޖެހުމުންނެވެ.

ޕެނަލްޓީ ދިނުމުން ލަންކާގެ ކޯޗު އާމިރު އަލަގިޗާއި ޑަކްސަންވެސް ވަރަށް ބޮޑަށް ރެފްރީއަށް ޝަކުވާ ކޮށްފައިވާއިރު، އެ ޝަކުވާތަކާ އެކު ރެފްރީ ނިންމީ ޑަކްސަންއަށް މެޗުގައި ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކުމަށެވެ. ޑަކްސަންއަށް މެޗުގެ ފުރަތަމަ ހާފުގައިވެސް ރީނދޫ ކާޑެއް ދައްކާފައި ހުރުމާއެކު ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކުމުން، ލަންކާއިން މެޗުގެ ބޮޑުގައި ކުޅެފައި ވަނީ ކުޅުންތެރިޔަކު މަދުކޮށެވެ.

"ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް އަހަރެމެން ވަރަށް ފައިސާ ހަރަދުކުރަން. ސާފް ފެންވަރުގެ މި ލެވަލްގެ މުބާރާތަށް މިއަށް ވުރެ ރަނގަޅަށް އިންސާފުކުރާ ރެފްރީން މުހިއްމު. އަހަރެން އިތުރު ވާހަކަތަކެއް ދައްކައިފިނަމަ އަދަބެއް ލިބިދާނެ. އެކަމަކު މިއީ ވިސްނާލުން ވަރަށް ރަނގަޅު ކަމެއް ކަންނޭނގެ. މުބާރާތުގެ ލެވެލް ރަނގަޅުވާނީ މިހެން ހުންނަ ކަންތައްތައް ރަނގަޅުކޮށްގެން،" ކުރިން ނިއު ރޭޑިއަންޓަށް ކުރު މުއްދަތަކަށް ކޯޗުކޮށްދިން އަލަގިޗް ބުންޏެވެ.

އަލަގިޗް ބުނެފައި ވަނީ މެޗުގައި ރަތް ކާޑު ދެއްކި ޑަކްސަންއަކީ ސްރީލަންކާގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށާއި އެންމެނަށްވެސް އެކަން އެނގޭނެ ކަމަށެވެ. އެފަދަ ކުޅުންތެރިއަކަށް ދެއްކި ރަތް ކާޑަކާއެކު ކުޅުންތެރިޔަކު މަދުކޮށް ޓީމުން ކުރި ހިތްވަރަށް ބޮސްނިއާގެ އަލަގިޗް ތައުރީފް ކޮށްފައިވެއެވެ. އޭނާ ބުނެފައި ވަނީ ބަންގްލަދޭޝްއަކީ ރޭންކިންގައިވެސް މާ ކުރީގައިއޮތް ގައުމެއް ކަމަށާއި މެޗުން ބަންގްލަދޭޝް ހޯދީ އެގައުމަށް އެންމެ އެކަށޭނެ ނަތީޖާއެއް ނޫން ކަމަށެވެ.

"ސްރީލަންކާގެ ކުޅުން ރަނގަޅު. ފުރަތަމަ ހާފު ފެނުނީ ދާދި ހަމަހަމަ ކޮށް، ލަންކާއިން ބޯޅަ ހިފަހައްޓައި، ކައުންޓާ އެޓޭކް ކުރަން މަސައްކަތް ކުރި. ބަންގްލަދޭޝްއިން ފުރަތަމަ ހާފުގައި ނުރައްކާ ކުރީ ދިގު ބޯޅަތަކުން. އެކަން ރަނގަޅު ކުރުމަށް ދެވަނަ ހާފަށް ނުކުތީ ބަދަލުތަކަކާއެކު. ކުއްލިއަކަށް މެޗު ބަދަލުވީ ޕެނަލްޓީއަކުން. ޕެނަލްޓީ ދިން ގޮތެއް، ރަތް ކާޑު ދެއްކި ގޮތެއް ނުވެސް އެނގޭ. އެވާހަކަތައް އެކްސްކިއުޒްއަކަށް ދައްކަން ބޭނުމެއްވެސް ނޫން" އަލަގިޗް ބުނެފައިވެއެވެ.

ލަންކާއިން މުބާރާތުގައި ކުޅޭ ދެވަނަ މެޗަށް ނުކުންނާނީ އޮކްޓޯބަރު ހަތަރު ވަނަ ދުވަހު ނޭޕާލާ ދެކޮޅަށެވެ.