މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ރާއްޖެއަށް ތާރީހީ މުބާރާތެކެވެ. މިއީ ރާއްޖޭގައި މުޅި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކެއް ކުޅުނީ 2008 ވަނަ އަހަރުއެވެ. އެއީ ރާއްޖެއާއި ސްރީލަންކާގައި ބޭއްވި ފަހަރެވެ. ރާއްޖެއަށް އަމިއްލަ ދަނޑުގައި މެޗުތައް ކުޅެން ލިބުނީ ހަމައެކަނި ގްރޫޕު ސްޓޭޖުގެ މެޗުތަކެވެ. އެ މުބާރާތުގެ ތަށި ރާއްޖެއިން އުފުލައިލީ ސްރީލަންކާގައެވެ. ފުރަތަމަ ފަހަރަށް ރާއްޖެއިން ސާފްގެ ތަށި އުފުލާލި ފަހަރުކަމުން، އެ މުބާރާތް ވެސް ރާއްޖެއަށް ވެގެންދިޔައީ ތާރީހީ މުބާރާތަކަށެވެ.

ދިވެހި ފުޓުބޯޅައިގެ ތާރީހުގެ ތެރޭގައި ލިޔެވިގެންދާ މިފަހަރުގެ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ކަށަވަރުވި ހިސާބުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ހާއްސަ މަސައްކަތްތަކެއް ފަށައިފައެވެ. އެގޮތުން މުބާރާތް ޕްރޮމޯޓުކުރުމަށް ތަފާތު މަސައްކަތްތަކެއް ކުރަން ފެށިތަން ވެސް ފެނިގެންދިޔައެވެ.

މިފަހަރުގެ މުބާރާތް ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގުލަދޭޝްގައެވެ. ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާއެކު މުބާރާތް ފަސްކުރަން ޖެހުނެވެ. އެއަށްފަހު ވެސް ބަންގުލަދޭޝްގެ ކޮވިޑުގެ ހާލަތު ގޯސްވުމުން، އެގައުމަށް ޖެހުނީ މިފަހަރުގެ މުބާރާތް ދޫކޮށްލާށެވެ. އެ ހިސާބުން ފެނިގެންދިޔައީ ރާއްޖެއިން މުބާރާތް ބޭއްވުމަށް އަވަސްވެގަތް މަންޒަރެވެ.

"އެންމެ ފަހުން ބަންގުލަދޭޝްގައި މުބާރާތް ނުބޭއްވޭ ގޮތް ވެގެން އެބޭފުޅުން ނިންމީ ހޮސްޓް ކުރާނެ ބަޔަކު ބިޑް ކުރުމަށްޓަކައި. އެގޮތުން އަޅުގަނޑުމެން ސަރުކާރާ މަޝްވަރާކޮށްގެން އަޅުގަނޑުމެންނަށް ފެނުނީ މި ސަރަހައްދުގައި އޮތް ހަތް ގައުމަށް ބެލި ކަމުގައިވިޔަސް، އެންމެ ހާލަތު ރަނގަޅުކޮށް އޮތް ގައުމަކީ ރާއްޖެއޭ. އެހެންވީމާ ރާއްޖޭގައި މި މުބާރާތް ބޭއްވުމުގެ ފުރުސަތު ބޮޑުކަމަށް. ސަރުކާރުން ފުރަތަމަ ވެސް އާނ ބަސް ބުނުމާއެކު އަޅުގަނޑުމެންނާ ގުޅިގެން ވަރަށް ވަރުގަދައަށް މަސައްކަތްތައް ކުރެވިގެން ގޮސް، ބިޑް ކާމިޔާބުކުރެވިފައި މިއޮތީ،" ވަން ޕްލަސްގެ ސާފް ޗެމްޕިއަންޝިޕަށް ހާއްސަ ޕްރޮގްރާމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވި ގޮތުގައި ސާފްގެ ބިޑް ރާއްޖެއަށް ކާމިޔާބުކުރެވުނީ ވަރަށް ބުރަ މަސައްކަތުން، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ގިނަ ކަންތައްތަކެއް ކޮށްގެންނެވެ. މިއީ ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް ލިބިގެންދާ ވަރަށް ބޮޑު ފަހުރެއް އަދި އުފާވެރި ދުވަސްތަކެއް ކަމަށް ބައްސާމް ގަބޫލުކުރައްވައެވެ.

ރާއްޖެއަށް ސާފްގެ ބިޑު ކާމިޔާބުކުރެވުމާއެކު އެފްއޭއެމުން ފުރަތަމަ ވެސް ފެށީ އެހެން އަހަރުތަކުގެ މުބާރާތާ ތަފާތުކޮށްލުމަށެވެ. ވޯލްޑް ކަޕާއި ޔޫރޯ ފަދަ މުބާރާތްތަކުގައި ފެންނަ ހާއްސަ ބްރޭންޑިންއަކާ އެއްކޮށް މުބާރާތް ބޭއްވުމަށް ނިންމައި، އެ މަސައްކަތް ފެށިއެވެ.

ބައްސާމް ގަބޫލުކުރައްވާ ގޮތުގައި މިއީ މުޅި ބްރޭޑިންއެއްގެ ދަށުން ސާފް ޗެމްޕިއަންޝިޕް ބޭއްވިގެންދާ ފުރަތަމަ ފަހަރެވެ. ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި ވެސް މުބާރާތް ބާއްވާ ގައުމަކާ ގުޅުވައިގެން ބްރޭންޑިން ގެންނަ ގޮތަށް، ރާއްޖެއިން ވެސް މިފަހަރު ގެންގުޅެނީ ގައުމީވަންތަ ބްރޭންޑިންއެކެވެ.

"އެހެންވީމާ އަޅުގަނޑުމެންނަށް ވެސް މި ބިޑް ކާމިޔާބުކުރުމާއެކީގައި އަޅުގަނޑުމެންގެ ވެސް ވިސްނުމަކަށް އައީ ވަރަށް ތަފާތު ސާފް ޗެމްޕިއަންޝިޕެއް ބޭއްވެން އެބަ ޖެހެއޭ. އަޅުގަނޑުމެންގެ ދިވެހިންނަކީ ވަރަށް ކްރިއޭޓިވް ބައެއް. ހަމައެއާއެކު އަޅުގަނޑުމެންގެ ތެރެއަށް މިއައި މާކެޓިން ޓީމާ ގުޅިގެން ވަރަށް ފުރިހަމަ ދިވެހިވަންތަ، ތަފާތު ބްރޭޑިންއެއްގެ ދަށުން އިރާދަކުރެއްވިއްޔާ މި ފެއްޓިގެންދަނީ. އަޅުގަނޑު ދަންނަވާނީ މީގެ ކުރިން ބޭއްވިގެންދިޔަ ސާފް ޗެމްޕިއަންޝިޕަކާ ރާއްޖޭގައި މިފަހަރު ބޭއްވިގެންދާ ސާފް ޗެމްޕިއަންޝިޕް ތަފާތު ވެގެންދާނެ ކަމަށް،" ބައްސާމް ވިދާޅުވިއެވެ.

ކްލަބު ފުޓުބޯޅަ ފޯރި ދަށްވެފައިވާ ކަމަށް ފަހަކަށް އައިސް ވާހަކަތައް ދެކެވުނު ނަމަވެސް، ގައުމީ ޓީމަށް ދޭން ޖެހޭ ސަޕޯޓު ދިވެހީން އަބަދުވެސް ދެމުންދެއެވެ. ގައުމީ ފުޓުބޯޅަ ދަނޑުގައި ރާއްޖޭގެ ޓީމު ކޮންމެ މެޗެއް ކުޅުނަސް، މުޅި ދަނޑުތެރެ ރަތް ކުލައިން ޖަރީކޮށްލައެވެ. މުޅި ދަނޑުތެރެއިން އިވެނީ ދިވެހީންގެ އަޑެވެ.

"ކުޅުންތެރިންނަށް އެ ތަރުހީބު ފެނުމާއެކީގައި އިތުރު ފޯރިއެއް އެބައާދޭ މުބާރާތް ނުވަތަ މެޗުތައް ކާމިޔާބުކުރުމަށްޓަކައި. އެހެންވީމާ އަޅުގަނޑު ދަންނަވާނީ މިއަދުން ފެށިގެން ވެސް ހުރިހާ ސަޕޯޓަރުން ގައުމީ ޓީމުގެ ފަހަތަށް ވަދެ، ގައުމީ ޓީމަށް ތަރުހީބު ދިނުން އެކި ލެވަލްތަކުގައި، އެކި ފެންވަރުތަކުގައި ތަރުހީބު ދެވިގެންދާ ތަން ފެނުން. އެއާއެކީގައި އަތޮޅުތެރޭގައި ވެސް މި ފޯރި ނަގައި، އަޅުގަނޑުމެންގެ ގައުމީ ޓީމުގެ ކުޅުންތެރިންނާ ސޯޝަލް މީޑިއާ މެދުވެރިކޮށް ވިޔަސް، ނުވަތަ މީޑިއާތައް މެދުވެރިކޮށް ނަމަވެސް އެ ފެނިގެންދިއުމަކީ ކުޅުންތެރިންނަށް މުބާރާތަށް ތައްޔާރުވެގެން ދާއިރުގައި ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދާނެ،" ބައްސާމް ވިދާޅުވިއެވެ.

އެފްއޭއެމުން މިފަހަރުގެ މުބާރާތަށް ތައްޔާރުވަމުން އައި އިރު، ހާއްސަ ޗޭންޓެއް ނުވަތަ އެއް އަޑަކުން މުޅި ދަނޑު ގުގުމާލުމަށް ބޭނުންކުރާނެ ދިވެހިވަންތަ ހާއްސަ ބަހެއް ވަނީ ކަނޑައަޅައިފައެވެ. ޗޭންޓެއްގެ ގޮތުގައި ދަނޑުތެރެއިން މިފަހަރު އިވިގެންދާނީ "މަގޭ މަހަލްދީބް، މަގޭ މަހަލްދީބް" ކިޔާ އަޑެވެ.

"މަގޭ މަހަލްދީބް، މަގޭ މަހަލްދީބަކީ ދަނޑުތެރޭގައި އެއްފަހަރާ އެންމެން ކިޔާލައިފި ކަމަށްވަންޏާ ވަރަށް ރީތި ޗާންޓަކަށް އަޅުގަނޑުމެންނަށް އަޑު އިވިގެން މިދަނީ. އެއީ ދިވެހިވަންތަ ގޮތަކަށް އެ ގެނައުމަށްޓަކައި. މިސާލަކަށް މޯލްޑިވްސް، މޯލްޑިވްސް ކިޔައިލެވިދާނެ. އެހެންނަމަވެސް ދިވެހި ބަހުން އެއްޗެއް ކިޔުމަށްޓަކައި މަގޭ މަހަލްދީބް، މިއީ ވަރަށް ދިވެހިންނާ ގުޅިފައި ހުންނާނެ ކަމެއްކަންނާނގެ. އަދި އެ ޗާންޓް ކިޔައިލަން ވެސް ފަސޭހަވެގެންދޭ ކަންނޭނގެ. ނުވަތަ ދިވެހިރާއްޖެ، ދިވެހިރާއްޖެ ކިޔާލުމަށް ވުރެ އަޅުގަނޑަށް ހީވަނީ ކިޔާލަން ފަސޭހަވޭ ކަންނޭނގެ މަގޭ މަހަލްދީބް، މަގޭ މަހަލްދީބް،" ބައްސާމް ވިދާޅުވިއެވެ.

އެފްއޭއެމްއެކޭ އެއްގޮތަށް ޓީމު ވެސް މުބާރާތަށް ތައްޔާރެވެ. ދެން އޮތީ ސަޕޯޓަރުން އަދާކުރަން ޖެހޭ ދައުރެވެ. އަދިވެސް ކޮވިޑުގެ ބަލިމަޑުކަން އެއްކޮށް ފިލައިގެން ގޮސްފައިނުވާތީ ދަނޑަށް ސަޕޯޓަރުން ވައްދާނީ ވަކި އަދަދަކަށް، ހާއްސަ ފިޔަވަޅުތަކަކާއެކުއެވެ. މާސްކު އަޅައި، ގައިދުރުކަން ބަހައްޓަން ޖެހެއެވެ. ދަނޑަށް ވަދެވޭނީ ވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ސަޕޯޓަރުންނަށެވެ.

މުޅި ދަނޑު ފުރާލުމުގެ ފުރުސަތު ނުލިބުނު ކަމުގައިވިޔަސް، ދިވެހި ޓީމާއެކު ތިބިކަން ދައްކުވައިދެވޭނެ ގިނަ ގޮތްތަކެއް ހުރެއެވެ. ހާއްސަކޮށް "މަގޭ މަހަލްދީބް" ޓީމާއެކު ތިބިކަން އަންގައިދިނުމަށް ސޯޝަލް މީޑިއާ އިން ވެސް އެކަން ކޮށްލުމަކީ މިހާރު އުނދަގޫކަމެއް ނޫނެވެ. ދަނޑަށް ވަނުމުގެ ފުރުސަތު ލިބިފައި ނުވާ އަދި އަތޮޅުތެރޭގައި ތިބި ދިވެހީންގެ ވެސް ސަޕޯޓު ދިވެހި ޓީމަށް ވަރަށް ބޭނުންވެއެވެ.

މިއީ ތިންވަނަ ފަހަރެވެ. ރާއްޖެއިން ފުރަތަމަ އިމްތިހާނަށް މިރޭ 9:00 ގައި ނޭޕާލާ ދެކޮޅަށް ނުކުންނަ އިރު، އެ މެޗަކީ ރާއްޖެއަށް ވަރަށް މުހިންމު މެޗެކެވެ. އެ މެޗުން މޮޅުވުމަށް ބޭނުންވަނީ ދިވެހީންގެ ފޯރިގަދަ ސަޕޯޓެވެ. މޮޅުވާންވީ އެކުގައެވެ. ފަހުވަގުތާ ޖެހެންދެން ތިބެންވީ ޓީމާއެކުގައެވެ. ދިވެހި ޓީމު ބޭނުންވާ ފަދަ ތަރުހީބު ދިނުމަށް ތައްޔާރުވާން ފަށަންވީއެވެ. އެންމެން ތައްޔާރު ދޯ؟