އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 އަށް ވަގުތު ކުޑަތަން ވެއްޖެއެވެ. ރާއްޖޭގެ ހިތްހެޔޮ މެހެމާންދާރީގައި ޓީމުތަކަށް މަރުހަބާ ކިޔައި، މުބާރާތުގެ ހުރިހާ ކަމެއް އަކުރުން އަކުރަން ތައްޔާރު ވެއްޖެއެވެ. ރާއްޖެއަށް މުބާރާތް ހޯސްޓް ކުރަން ލިބުނީ މަދު ވަގުތު ކޮޅެއް ނަމަވެސް، ބްރޭންޑިންގެ އާ ވައްޓަފާޅިއަކާއެކު މުޅި ސާފް ޗެމްޕިއަންޝިޕަށް އިންގީލާބެއް މިފަހަރު އެފްއޭއެމް އިން ގެނެސްފިއެވެ. މުބާރާތަށް އައި ފަސް ޓީމުގެ ވާހަކަތަކުންވެސް އެކަން ސާފެވެ. މިއީ އިންތިޒާމުގެ ފުރިހަމަ މުބާރާތަކަށް ވުމަށް އެ ހުރިހާ ޓީމުތަކުންވެސް އިންތިޒާރު ކުރިއެވެ.

އިއްޔެގެ ޕްރި މެޗު ޕްރެސް ކޮންފަރެންސްތަކަށް ނަޒަރެއް ހިންގާލާއިރު، ދިވެހީންނަށް އެންމެ ބޮޑަށް ފާހަގަވެގެން ދާނެ ދެ މޫނަކަށް ވާނީ ނޭޕާލްގެ ކެޕްޓަން، ތަޖުރިބާކާރު ގޯލްކީޕަރު ލިންބޫ ކިރަން ކުމާރާއި، ސްރީލަންކާގެ ކެޕްޓަން، ގޯލްކީޕަރު ސުޖަން ޕެރޭރާ އެވެ. ލަންކާއާއި ނޭޕާލް ގައުމީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިންގެ ގޮތުގައި ކެޕްޓަން ބޭންޑް އަޅައިގެން އެ ނުކުންނަ ދެ ގޯލްކީޕަރުންނަކީ ރާއްޖެއަށް ފަރިތަ، ރާއްޖެއަށް ދޯޅަ ދެ ކުޅުންތެރިންނެވެ. ކިރަންގެ ކެރިއަރުގައި ތަފާތު ތަޖުރިބާއަކަށް ރާއްޖެ އައިސް ހޯދި ކާމިޔާބީ އާއި، ސުޖަންގެ ކެރިއަރުގެ އެންމެ މުހިއްމު ދުވަސްތައް ރާއްޖޭގައި ހޭދަކޮށް، އޭނާގެ ބައިނަލްއަގުވާމީ ލެވެލްއަށް ދިޔައިރު ރާއްޖޭގެ ކްލަބު އީގަލްސް އިން ހޯދި ތަޖުރިބާ މުހިއްމު ވެފައި އޮތް އޮތުން އެއީ ދެ ގޯލްކީޕަރުންގެ ވާހަކަ ދައްކާލަން ޖެހުނު ސަބަބެކެވެ.

ކިރަން ރާއްޖެ އައީ 2017 ވަނަ އަހަރުއެވެ. ޓީސީ ސްޕޯޓްސް ކްލަބަށް އައިސް އެ ކްލަބާއެކު ކުޅުނު ފުރަތަމަ މުބާރާތް ކަމަށްވާ ބަންގްލަދޭޝްގެ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕް އޭނާ ކާމިޔާބުވެސް ކުރިއެވެ. އެ މުބާރާތުން ހޯދި އިތުބާރާއެކު ކިރަން ރާއްޖެއަށް ތައާރަފް ވެލިއެވެ. އޭގެ ފަހުން ޖެހިގެން އައި ސީޒަންގައި އިންޑިއާގެ މިނެރާވް ޕަންޖާބާއެކު އައި ލީގު ހޯދައި، އަނެއްކާވެސް ޖެހިގެން އައި ސީޒަނަށް ޓީސީއަށް އައިސް، ކިރަން ރާއްޖޭގެ ލީގު ކާމިޔާބު ކުރިއެވެ. އެ ދަތުރަށްފަހު ގައުމީ ޓީމާއެކު ސާފް ޗެމްޕިއަންޝީޕްގައި މިރޭ ކިރަން ރާއްޖޭގައި ނުކުންނާނީ ރާއްޖޭގެ ޓީމާ ދެކޮޅަށެވެ.

"ރާއްޖެއަށް ހޯމް އެޑްވާންޓޭޖު އެބަ އޮތް، ހޯމް ސަޕޯޓަރުން އެބަތިބި، އެކަމަކު އޭގެ ތަފާތެއް ނުދައްކާނެ. ރާއްޖެއަށް އައީ ތާރީހު ބަދަލުކުރަން. އިހުތިރާމް ކުރުމާއެކު ބުނަން ބޭނުން ވަނީ ރާއްޖޭގެ ސަޕޯޓަރުން ތިބި ނަމަވެސް މައްސަލައެއް ނެތް ކަމަށް. އަހަރެމެން ފައިޓު ކުރާނަން. އެންމެ ފަހު މިނެޓާ ޖެހެން ދެންވެސް ޓީމު ފައިޓް ކުރާނެ. ޒުވާން ކުޅުންތެރީންނާއި ސީނިއާ ކުޅުންތެރިން އެކުވެ، މިހާރު އޮތީ ވަރަށް ރަނގަޅު ޓީމެއް. މި މުބާރާތުގެ ފައިނަލެއް ކުޅެލަންވެސް ކުރިން ނުލިބި އޮތީ ހަމައެކަނި ނޭޕާލަށް. އެހެންވީމަ އެކަމަށް ފައިޓްކޮށް، އެކަން ހާސިލުކުރަން މި ނުކުންނަނީ. ހުރިހާ މެޗެއްވެސް ޓަފް ވާނެ. އެކަމަކު މަސައްކަތް ކޮށް ޓާގެޓް ކާމިޔާބު ކުރެވޭނެ. މި މުބާރާތް ނެގުން،" ނޭޕާލް ކެޕްޓަން ކިރަން އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ބުނެފައިވެ އެވެ.

ޓީސީގައި ކިރަންއާ އެއްކޮށް ކުޅުނު އަލީ އަޝްފާގު (ދަގަނޑޭ) އާ ދެކޮޅަށް އޭނާ މިރޭގެ މެޗުގައި ނުކުންނައިރު، ދަގަނޑޭއަށް އޭނާ ދޭން އޮތީ ފުރިހަމަ އިހުތިރާމެވެ.

މިރޭ ރާއްޖެ މެޗުގެ އިތުރުން ދެން މިއަދު ސާފް ޗެމްޕިއަންޝިޕްގައި ކުޅޭނީ ސްރީލަންކާ އާއި ބަންގްލަދޭޝް އެވެ. ފުޓުބޯޅައިގެ އުނދަގޫ ހާލަތެއްގައި އޮތް ލަންކާއަށް ނަޒަރު ހިންގާލަމާ ހިނގާށެވެ. 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާ ހަމައިން އައިސް، މިއަދުވެސް ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ މީގެ ކުރިން ރާއްޖޭގައި ހަ އަހަރު، ކްލަބު އީގަލްސްގައި ހޭދަކޮށްފައިވާ ގޯލްކީޕަރު ސުޖަން ޕެރޭރާ އެވެ. ސުޖަންގެ ފުޓުބޯޅަ ކެރިއަރުގައި އަދިވެސް އެންމެ މުހިއްމު ކްލަބަކަށް ވާނީ ކްލަބު އީގަލްސް އެވެ. އެންމެ މުހިއްމު އެއް ކޯޗަކަށް ވާނީ މިވަގުތު ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރައިނަރު މުހައްމަދު އަސްލަމެވެ. ތަކުރާރު ކޮށް ސުޖަން ކުރިންވެސް ވަނީ އެވާހަކަތައް ދައްކާފައެވެ.

2015 ވަނަ އަހަރު ސުޖަން ރާއްޖޭގެ ކްލަބު އީގަލްސްއާ ގުޅުނު އިރު، އޭނާގެ އުމުރަކީ 22 އަހަރެވެ. ކެރިއަރުގެ ޅަ ދުވަސްވަރު، އޭނާ ނިންމި ނިންމުމަކީ، ކުރިއެރުމަށް އުފަން ގައުމު ދޫކޮށް، ރާއްޖޭގެ ލީގު ފަދަ ލީގެއްގައި ކުޅުމަށް ނިންމި ނިންމުމެކެވެ.

އޭރުވެސް ލަންކާ ގައުމީ ޓީމަށް ކުޅެމުން އައި ސުޖަން އީގަލްސްގައި ތަމްރީނު ވަމުން ދިޔައީ ރާއްޖޭގެ ގައުމީ ޓީމުގެވެސް ގޯލްކީޕަރު ޓްރެއިނަރު އަސްލަމްގެ އިރުޝާދުގެ ދަށުންނެވެ. ދުވަހެއް ދުވަހަކަށް ސުޖަންގެ ފަރާތުން ކުރިއެރުން ފެންނަމުން ދިޔަ އިރު، 2016 ވަނަ އަހަރަކީ އޭނާއަށް ކާމިޔާބު އަހަރެކެވެ. ހާއްސަކޮށް އީގަލްސްގެ ހަޔާތުގައިވެސް ލިބުނު ފުރަތަމަ ޓޮޕް ފްލައިޓް ޓްރޮފީ، 2016 ވަނަ އަހަރުގެ ޕްރެސިޑެންޓްސް ކަޕާއެކު ސުޖަން އަށް ދިވެހި ލީގުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމުވެސް އެ ސީޒަންގައި ލިބުނެވެ.

ހަ އަހަރު އީގަލްސްގައި ހޭދަކުރުމަށްފަހު އާއިލީ ކަންކަމަށް ވިސްނައި ސުޖަން ލަންކާގެ ކްލަބަކަށް ކުޅެން ނިންމީ 2020 ވަނަ އަހަރު ސެޕްޓެމްބަރު ގައެވެ. އެއީ ކެރިއަރުގައި ނިންމި އެންމެ އުނދަގޫ ނިންމުން ކަމަށް އޭރު ސުޖަން ބުނެފައިވެ އެވެ. އެ އަލްވަދާއަށްފަހު މިއަދު ލަންކާގެ ކެޕްޓަން ކަމުގައި ސުޖަން ފުރަތަމަ ފަހަރަށް ގައުމީ ދަނޑަށް ނުކުންނާނެ އެވެ.

"އަހަރެން ރާއްޖޭގައި ހޭދަކުރީ ވަރަށް މުހިއްމު ހަ އަހަރު. އެއީ ވަރަށް އުފާވެރި ހަ އަހަރު. މިއީ ވަރަށް މުހިއްމު މުބާރާތެއް. ރާއްޖެ އައީ ޗުއްޓީއަކަށް ނޫން. ފުޓުބޯޅައަށް އައީ. ކޮންމެ މެޗަކީވެސް ފައިނަލެއް. ބަންގްލަދޭޝް މެޗަކީވެސް ފައިނަލެއް. މީގެން ކޮންމެ މެޗަކީ ފުރުސަތެއް. އެ ފުރުސަތު ފަހިކޮށްދިނީތީ ރާއްޖޭގެ އެފްއޭއާއި ސާފްގެ ހުރިހާ ކަމެއް އިންތިޒާމުކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވޭ. މިއީ މި ސަރަހައްދުގެ ގައުމުތަކަށް އެންމެ މުހިއްމު މުބާރާތް،" އިއްޔެގެ ޕްރެސްގައި "ހިތްހަމަ ޖެހިފައި އިން" ސުޖަން ބުނެފައިވެއެވެ.

ސުޖަން އަށް މިއީ ދެވަނަ ހޯމް އެވެ. ލަންކާގެ ފުޓުބޯޅައަށް މިއަދު އޭނާގެ ޓީމުން ހިތްވަރު ކުރާނެއެވެ. ފެވަރިޓަކީ ބަންގްލަދޭޝް ނަމަވެސް ސުޖަންގެ ކުޅުމަށް ނަތީޖާ ވަރަށް ބޮޑަށް ބިނާވާނެއެވެ. އެއީ ކުރިންވެސް ލަންކާގެ "ސޭވިއާ"އެވެ. އެކަން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ފެނިގެން ދިޔައެވެ. ލަންކާއިން ރާއްޖެއަށް ގޯލެއް ޖެހިޔަ ނުދީ އެ މުބާރާތުގައި ހިފެހެއްޓީވެސް ސުޖަންގެ އިތުބާރު ކުޅުމުންނެވެ.

16:00 ބަންގްލަދޭޝް - ސްރީލަންކާ

21:00 ދިވެހި ރާއްޖެ - ނޭޕާލް