ޚަބަރު

ކުދިންނަށް ފިޔަވަތީގެ ފުރާޅުމައްޗަށް ނޭރޭ ގޮތަށް ހަދައިފި

އައިޝަތު ނިއުޝާ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ ފުރާޅުމައްޗަށް ނޭރޭނެގޮތަށް ހަދައިފިއެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު އިއްޔެ "ވަން" އަށް ވިދާޅުވީ ފިޔަވަތީގައި އުޅޭ ބައެއްކުދިން މިދިޔަ މަހުގެ 17 ވަނަ ދުވަހު އެތަނުގެ ފުރާޅަށް އެރުމުން ދިމާވި ކަންކަމާ ގުޅިގެން އުފެދުނު ނުތަނަވަސްކަމާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ ކުދިން ފުރާޅަށް އެރުން ހުއްޓުވަން ލަފާ ދީފައި ކަމަށެވެ.

އެހެންކަމުން ކޮމިޓީގެ ލަފަޔާ ގުޅިގެން ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކުދިންނަށް ފުރާޅަށް ނޭރޭނެގޮތަށް ތަނުގެ އިމާރާތަށް މިހާރު ބަދަލު ގެނެސްފައިވާ ކަމަށެވެ. އެހެން ނަމަވެސް ގެނައި ބަދަލުގެ ތަފުސީލެއް ހާމައެއް ނުކުރެއެވެ.

ޖެންޑާގެ އޮފިޝަލް ވިދާޅުވީ ކުދިންނާއި މުވައްޒަފުންގެ ނަފުސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް ކޮންސަލްޓަންޓެއްގެ އެހީތެރިކަމާއެކު ފަންނީ މަސައްކަތްތަކެއް ކުރަން މިހާރު ފަށާފައިވާ ކަމަށެވެ. އަދި ހުސްވަގުތުގައި ކުދިންނަށް ހިންގާ ހަރަކާތްތަކަށް ކުޅިވަރު އިތުރު ކުރުމަށްވެސް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ސްޕޯޓްސް ކޯޕަރޭޝަނާއި ހޭންޑް ބޯލް އެސޯސިއޭޝަނާ ގުޅިގެން، ފުޓްބޯޅަ އާއި ހޭންޑްބޯލް ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ. އަދި މިކަންކަމަކީ ކުރިން ރާވާފައިވާ ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.

މިދިޔަ މަހު 17 ވަނަ ދުވަހު ފިޔަވަތީގައި ހިނގި ހާދިސާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން، ޖެންޑާ މިނިސްޓްރީއަށް ވަނީ ގިނަ ކަންކަން އިސްލާހު ކުރަން އަންގާފައެވެ.

އެގޮތުން އެތަނުގެ ކުދިން ފުރާޅަށް އެރުމަކީ ސަލާމަތީ ގޮތުން އިންތިހާއަށް ނުރައްކާ އޮތް ކަމެއްކަން ފާހަގަކޮށް، ކުދިންނަށް ފުރާޅަށް ނޭރޭ ގޮތަށް ހެދުމަށް ޖެންޑާ މިނިސްޓްރީއަށް އެންގުމަށްވެސް ކޮމިޓީން ފާސްކުރިއެވެ.

އޭގެ އިތުރުން ފިޔަވަތީގައި ތިބި ކުދިންގެ ރީ އިންޓަގްރޭޝަން އާއި ފޮސްޓާ ކުރުމުގެ މަސައްކަތް އެކަށީގެންވާ ސްޕީޑުގައި ކުރިއަށްގޮސް، އެކަމުގައި ލަސްތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ. އެކަމުގެ ސަބަބުން ފިޔަވަތީގައި ތިބި ނަފުސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ކުދިންގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަކަން ފާހަގަވާ ކަމަށްވެސް ކޮމިޓީގެ މުގައްރިފު ޖީހާން ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން އެތަނުގައި ތިބީ އެއް އަހަރާއި 14 އަހަރާ ދެމެދުގެ ކުދިން ކަމަށްވުމުން އުމުރުގެ ފަރަގު ބޮޑުވެ ބޮޑެތި ކުދިން އަމަލުކުރާ ގޮތުގެ ސަބަބުން ކުޑަކުދިންނަށް ނޭދެވޭ އަސަރު ކުރާކަން ފާހަގަ ވެފައިވާ ކަމަށްވެސް ޖީހާން ވިދާޅުވިއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ނަފުސާނީ އެހީތެރިކަމަށް ބޭނުންވާ ކުދިންނާ އެހެނިގެން ކުދިން އެއްތަނެއްގައި ގެންގުޅުމާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ނަފުސާނީ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ވަގުތު ބޭނުންވާ ވަރަށް އެހީތެރިކަން ލިބިނުދެވޭކަންވެސް ޖީހާން ފާހަގަ ކުރައްވާފައިވެއެވެ.