އިންޓަނެޓް އަގުހެޔޮކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް އެއްބާރުލުންދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދޭ މޮބައިލް އިންޓަނެޓް ޕެކޭޖުތައް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑްވްސްއިން އެޕްރޫވް ކޮށްފައިވާ ގޮތަށް މާދަމާއިން ފެށިގެން ބަދަލުކުރާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ދިރާގުން ބުނީ އެ ބަދަލާއެކު ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންތަކަށް 29 ޕަސަންޓާ ހަމައަށް އިތުރު އެލަވަންސް ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން، ޑޭޓާގެ އަގު 22 ޕަސަންޓާ ހަމައަށް ހެޔޮ ވެގެންދާއެވެ. ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކަށް 36 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެއެވެ. އެގޮތުން، ކޮމްބޯ ޕްލޭންގެ ޑޭޓާގެ އަގު 33 ޕަސަންޓާ ހަމައަށް ހެޔޮވެގެންދާނެއެވެ.

އެލްޓީއީ ބްރޯޑްބޭންޑް "ވަގުތުން ގެއަށް އިންޓަނެޓް" ޕެކޭޖުތަކަށް 30 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބުމާއި އިންޓަނެޓުގެ ސްޕީޑް 10 އެމްބީޕީއެސް އިން 25 އެމްބީޕީއެސްއާ ހަމައަށް އިތުރުވެގެންދާނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

ދިރާގުގެ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭނަކީ ކަސްޓަމަރުންނަށް މޮބައިލް ބޭނުންކުރުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ އަދި ވޮއިސް ބޭނުން މިންވަރަކަށް ސެޓްކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. އަމިއްލަ ޕޯސްޓްޕެއިޑްގެ "ވެލިއު ޕެކެސް"އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، މި ވެލިއު ޕެކްތަކުން ބޭނުންވާ ޕެކެއް ހިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ވެލިއު ޕެކްތަކުގެ ތެރޭގައި ޗެޓް، ސޯޝަލް މީޑިއާ، ވޮއިސް، ޑޭޓާ އަދި ސްޓްރީމިން އެޑްއޮންސް ހިމެނެއެވެ. ސްޓްރީމިން އެޑްއޮންގައި ދިރާގު ޓީވީ އަދި ދިރާގު ޕްލޭ ހިމެނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ގުޅާ ކަސްޓަމަރުންނަށް ހާއްސަކޮށް އައިޑީޑީ ވެލިއު ޕްކްސްވެސް ވަނީ ހިމަނައިފައެވެ.

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ކޮމްބޯ ޕްލޭން އެކްޓިވޭޓް ކޮށްގެން ވޮއިސް، އެސްއެމްއެސް އަދި ޑޭޓާ ހަމަ އެންމެ ޕްލޭނަކުން ލިބޭނެއެވެ. މި ޕްލޭންތަކުން ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ލިބިގެންދާ ސްޓްރީމިން، ޗެޓް އަދި ސޯޝަލް މީޑިއާގެ އިތުރު ހިލޭ ޕާކްސް ވެސް ލިބޭނެއެވެ.

ދިރާގުން ބުނީ، ދިރާގުގެ އިންޓަނެޓް ޕެކޭޖުތަކަށް އަންނަ ބަދަލުތައް މިރޭ 12:00 އިން ފެށިގެން ކަސްޓަމަރުންނަށް ލިބެން ފަށާނެ ކަމަށާއި މާދަމާ ހެނދުނު 6:00 އަށް ހުރިހާ ކަސްޓަމަރުންނަށްވެސް މި ބަދަލުތައް ފެންނާނެ ކަމަށެވެ. ނަމަވެސް ދިރާގު މައި އެކައުންޓް އަދި މޮބައިލް އެޕްލިކޭޝަންގައި މި ބަދަލުތައް ފެންނަން ވަގުތު ކޮޅެއް ނަގާފާނެ ކަމަށް ދިރާގުން ބުންޏެވެ.