ޚަބަރު

މާދަމާއިން ފެށިގެން ކުނި ނަގާނީ ރެޖިސްޓާކޮށްފައިވާ އެޕާޓްމެންޓްތަކުން: ވެމްކޯ

އަލީ ޔާމިން

1

މާދަމާއިން ފެށިގެން ކުނި ނަގާނީ ރެޖިސްޓްރީކޮށްފައިވާ އެޕާޓުމަންޓުންތަކުން އެކަނި ކަމަށް ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ކޮވިޑުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކުގެ ސަބަބުން ވެމްކޯއިން ކުނި ނަގަމުން އައީ ގެތަކުގެ ތިރިންނެވެ. ނަމަވެސް އެގޮތަށް ކުނި ނަގާއިރު ރަޖިސްޓްރީ ނުކޮށް ގިނަ އަދަދެއްގެ ގޭބިސީތަކުން ވެމްކޯގެ ހިދުމަތް ހޯދަމުން ދިއުމާ ގުޅިގެން އެކުންފުނީގެ އާމްދަނީ ވަނީ ދަށްވެފައެވެ. އެހެންވެ މާދަމާއިން ފެށިގެން ކުރިއެކޭވެސް އެއްގޮތަށް އެޕާޓްމެންޓްގެ ދޮރުމަތިން ކުނި ނަގާ ގޮތަށް ވެމްކޯއިން ވަނީ ހަމަޖައްސައިފައެވެ.

ވެމްކޯއިން ބުނީ އެކުންފުނިން ހިދުމަތް ދޭނީ ރެޖިސްޓާކޮށްފައިވާ ގޭބިސީތަކަށް އެކަނި ކަމަށެވެ. އެގޮތުން ވެމްކޯގެ ހިދުމަތް ހޯދުމަށް ރެޖިސްޓާވުމަށް މިމަހުގެ ހަތް ވަނަ ދުވަހު ހުޅުވާލި ފުރުސަތުގައި މިއަދާ ހަމައަށް ރަޖިސްޓާކޮށްފައިވަނީ 2،398 ގޭބިސީއަކުން ކަމުގައި ވެމްކޯއިން ބުންޏެވެ.

ވެމްކޯއިން އިތުރަށް ބުނީ މާދަމާއިން ފެށިގެން އެކުންފުނިން ކުނި އުކައިދޭނީ މިހާތަނަށް ހިދުމަތަށް އެދި ރަޖިސްޓާކޮށްފައިވާ 12،765 ގޭބިސީތަކުން އެކަނި ކަމަށެވެ.

ވެމްކޯއިން ގޭބިސީތަކަށް އަރައި ކުނި ނެގުމަށް ހަމަޖެހިފައިވާއިރު، މާލޭގެ މަގުތައް މަތީގައި ކުނި ބެހެއްޓުމަކީ މަނާ ކަމެއް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެހެންކަމުން މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.