ޚަބަރު

ކަނޑު އުޅަނދުތައް ޓްރެކްކުރެވޭ ހާއްސަ ޕޯޓަލްއެއް ބޭނުންކުރުމަށް އިންޑިއާއާއެކު އެއްބަސްވުމަކަށް

މުހައްމަދު އިޝާން

ރާއްޖެއިން ލޯންގް ރޭޖް އައިޑެންޓިފިކޭޝަން އެންޑް ޓްރެއިނިން (އެލްއާރުއައިޓީ) ބޭނުންކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިންޑިއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ސޮއިކުރެވުނު އެ އެއްބަސްވުމުގެ ދަށުން، ކަނޑުއަޅުނދުތައް ޓްރެކްކުރުމަށް ތައްޔާރުކޮށްފައިވާ ހާއްސަ ޕޯޓަލްއަކުން އުޅަނދުތައް 24 ގަޑިއިރު ޓްރެކް ކުރެވެން ހުންނާނެއެވެ.

އެ އެއްބަސްވުމާ ގުޅޭގޮތުން އިންޑިއާ އެމްބަސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ އެއްބަސްވުމުގެ ދަށުން އިންޑިއާގެ އެލްއާރުއައިޓީ ހިދުމަތްތަކާއި އެގައުމުގެ ނޭޝަނަލް ޑޭޓާ ސެންޓަރު (އެންޑީސީ) އަދި އެތަނުގެ އެލްއާރުއައިޓީ ކޮންފޯމަންސް ޓެސްޓު ފެސިލިޓީ ވެސް ހިލޭ ބޭނުންކުރެވޭނެ ކަމަށެވެ.

އިންޑިއާ އެމްބަސީގެ ބަޔާނުގައި އިތުރަށް ބުނީ، އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)ގެ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު، އިތުރު ޑޭޓާ ސެންޓަރެއް ބޭނުންކުރަން ނުޖެހި މިހާރު އަދާކުރެވެން ހުންނާނެ ކަމަށެވެ. މީގެ އިތުރުން ކުންފުނިތަކަށް އުޅަނދުތައް ވަގުތުން ވަގުތަށް ބެލެހެއްޓި، ހައިޖެކުކޮށް، އެކްސިޑެންޓެއް ނުވަތަ ހާދިސާއެއް ދިމާވި ނަމަވެސް ވަގުތުން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެލްއާރުއައިޓީ ސިސްޓަމުން ގެނެވެން ހުންނާނެ ކަމަށެވެ.

އެލްއާރުއައިޓީ ސިސްޓަމް މެދުވެރިކޮށް ބައިނަލްއަގުވާމީ އައިޑެންޓިފިކޭޝަން އަދި އުޅަނދުތަކުގެ ސަލާމަތްތެރިކަން އިތުރުކުރަން މަސައްކަތް ކުރެވެން ހުންނާނެއެވެ. އަދި މެރިޓައިމް ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ އިތުރުން އުޅަނދު އޮތް ތަނުގެ މައުލޫމާތު އެއްކޮށް ވަގުތުން ބޭނުންވާ ސިސްޓަމަކަށް ނުވަތަ އޮފީހަކަށް ފޮނުވެން ހުންނާނެއެވެ.