ބްރިޓްނީ ސްޕިއާސްގެ 13 އަހަރުގެ ކޮންސަވޭޓާޝިޕުން ބްރިޓްނީ ސްޕިއާސްގެ ބައްޕަ ޖެމީ ސްޕިއާސް އެންމެފަހުން ސަސްޕެންޑުކޮށްފިއެވެ.

ލޮސް އެންޖެލިސްގެ ސުޕީރިއާ ކޯޓުގެ ފަނޑިޔާރު ބްރެންޑާ ޕެނީ ވަނީ ދެފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު ބްރިޓްނީގެ މިލްކިއްޔާތުން ޖެމީ ސްޕިއާސް ސަސްޕެންޑުކުރުމަކީ އެންމެ ރަނގަޅު ނިންމުންކަމުގައި ކަނޑައަޅާފައެވެ.

ޕޭޖް ސިކްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފަނޑިޔާރުގެ އެ ނިންމުމާއެކު ބްރިޓްނީ ވަނީ އުފަލުން ރޯން ފަށާފައެވެ. ބްރިޓްނީގެ ބެލެހެއްޓުންތެރިއެއްގެ ގޮތުގައި ކޮންސަވޭޓާޝިޕެއްގެ ދަށުން ޖެމީ ސްޕިއާސް މީގެ 13 އަހަރު ކުރިން ވަނީ އެމެރިކާގެ ކޯޓުން ބްރިޓްނީގެ މައްޗަށް ކަނޑައަޅާފައެވެ. ނަމަވެސް މި 13 އަހަރުގެ ތެރޭގައި އެކި ގޮތްގޮތުން ކުރިމަތިލާން ޖެހުނު ކަންތައްތަކާއި އޭނާއަށް މަޖުބޫރު ކުރުވި ކަންތައްތަކުގެ ވާހަކަ ބްރިޓްނީ ވަނީ މީގެ ކުރިން ކޯޓުގައި ދައްކާފައެވެ.

ކޮންސަވޭޓާޝިޕުން ޖެމީ ސްޕިއާސް ސަސްޕެންޑު ކުރި ހަބަރާއެކު ބްރިޓްނީގެ ލޯބިވެރިޔާ ސޭމް އަސްގަރީވެސް ވަނީ އުފާ ފާޅުކޮށްފައެވެ. ބްރިޓްނީގެ ފޭނުން ހިންގަމުން ގެންދިޔަ #ފްރީބްރިޓްނީ ގެ ކެމްޕޭން ކާމިޔާބުކުރެވިފައިވާ ކަމަށް ބުނެ އަސްގަރީ ވަނީ އެ ހަރަކާތުގެ ބައިވެރިންނަށް ޝުކުރު އަދާ ކޮށް އިންސްޓަގްރާމުގައި ޕޯސްޓުތައް ކޮށްފައެވެ.

ބްރިޓްނީގެ ކޮންސަވޭޓާޝިޕްގެ ވާހަކަތައް ބޮޑަށް އެނގެން ބޭނުންވާ ފަރާތްތަކަށް މިހާރު ނެޓްފްލިކްސްގައިވަނީ ބްރިޓްނީގެ ޑޮކިއުމެންޓަރީއެއް ރިލީސްކޮށްފަ އެވެ. 28 ސެޕްޓެމްބަރުގައި ނެޓްފްލިކްސްގައި ރިލީސްކުރި ''ބްރިޓްނީ ވާސަސް ސްޕިއާސް'' އިން އޭނާގެ ހަޔާތުގައި ތަހައްމަލުކުރަމުން އައިސްފައިވާ ގިނަ ކަންތައްތަކަށް ވަނީ އަލި އަޅުވައިލައިފަ އެވެ.