ހުޅުމާލޭ ދެވަނަ ފިޔަަވަހީގައި ބަހުގެ ހިދުމަތް އަންނަ އާދީއްތަ ދުވަހުން ފަށަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން ފުލެޓު ލިބުނު މީހުންގެ ތެރެއިން އެއްބަޔަކު ފުލެޓަށް ދިރިއުޅުން ބަދަލު ކޮށްފައިވާއިރު ދަރިން ސްކޫލަށް ގެންދަން ދަތިވާ ކަމުގެ ޝަކުވާތައް ވަނީ އިތުރުވެފަ އެވެ. އަދި ދަރިން ކޮނޑަށް ލައިގެން ހުޅުމާލޭ ފުރަތަމަ ފިޔަވައްސަށް ދާ މަންޒަރު ފެންނަ ވީޑިއޯއްވެސް ވަނީ އާންމުވެފަ އެވެ.
މި ވީޑިއޯ އާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރާއި ކަމާ ގުޅޭ އިދާރާތަކަށް ވަނީ އަމާޒުވެފަ އެވެ.
މިކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން ޓްރާންސޕޯޓު މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ދެވަނަ ފިޔަވަހީގައި ބަހުގެ ހިދުމަތް ދިނުމާ ގުޅޭ ގޮތުން އިއްޔެ މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވި ކަމަށެވެ.
ގްރޭޓާ މާލެ ސަރަހައްދުގެ ބަހުގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީ އާއި އެކު ކުރިއަށް ގެންދިޔަ މަޝްވަރާއަށްފަހު އޮފިޝަލު ވިދާޅުވީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ދެވަނަ ފިޔަވަހީގެ ބަހުގެ ހިދުމަތް ފަށަން ނިންމާފައިވާ ކަމަށެވެ.
"އިއްޔެގެ ޖޮއިންޓު މީޓިންގަ ނިންމީ އަންނަ ސަންޑޭ އިން ފެށިގެން ފޭސް 2 ގެ ބަހުގެ ހިދުމަތް ފަށަން. ދެން އެކަމަކު އަދި ނޭނގެ ކިހިނެއް ކަމެއް ރޫޓިން އޮންނާނީ. ކިތައް ސްޓޮޕަށް ކަމެއް މަޑުކުރާނީ. ދެން މަޝްވަރާ ކުރެވުނު ފޭސް ދެއަކުން ކުދިން ނަގައިގެން ފޭސް އެކަކަށް ގޮސް އެތާނގަވެސް ސްކޫލަށް ދާ ކުދިން ނަގައިގެން މާލެ ދާ ގޮތަށް. އެކަމަކު އަދި މިގޮތަށް ކަމެއް ފައިނަލް ވީއެކޭ ބުނާކަށް ނޭނގޭ." އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އެމްޓީސީސީ އަށް "ވަން" އިން ގުޅާލުމުން އެ ކުންފުނީގެ ޑެޕިއުޓި މެނޭޖިން ޑިރެކްޓަރު ޝާހިދު ހުސައިން މިއަދު ވިދާޅުވީ ބަހުގެ ހިދުމަތް ދޭން ތައްޔާރުވުމަށް މަޝްވަރާ ބައްދަލުވުންތައް މިހާރުވެސް ބާރަށް ކުރިއަށްދާ ކަމަށެވެ. އެކަމާ ގުޅޭ މައުލޫމާތު ވަރަށް އަވަހަށް އާންމުކުރައްވާނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު