ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދާ ބަލިމީހުން ލާ ގައުންގައި އިއްޔެ ބޭރުތެރޭގައި އުޅުނީ ފަރުވާ ދިނުމަށްފަހު ފުލުހުންނާ ހަވާލުކޮށްފައިވާ މީހެއް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ އޭޑީކޭގައި ފަރުވާދޭ ބަލިމީހުން ލާ ހެދުމުގައި ބޮލަށް ޒަހަމުވެފައި ހުރި މީހަކު ބޭރުގައި އުޅޭތަނެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އޭޑީކޭއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.
އެކަމާ ގުޅިގެން އޭޑިކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް "ވަން" އަށް މިއަދު ވިދާޅުވީ ދައުރުކުރަމުންދާ ފޮޓޯތަކުން ފެންނަ މީހާއަކީ ފުލުހުންގެ ބެލުމުގެ ދަށުން އެ ހޮސްޕިޓަލަށް ފަރުވާއަށް ގެނައި މީހެއް ކަމަށާއި ފަރުވާއަށްފަހު އޭނާ ދޫކޮށްލިއިރު އޭނާ ލާނެ އަންނައުނެއް ނެތުމުން އޭނާ ފުލުހުންނާ ހަވާލު ކުރީ ޕޭޝަންޓް ގައުންގައި ކަމަށެވެ.
"އެ ޕޭޝަންޓު ގެނައީވެސް ފުލުހުން. ދެން އޭނާ ފަރުވާއަށްފަހު ދޫކޮށްލިއިރު ލާނެ އެއްވެސް އަންނައުނެއް ނެތް. އެހުރި ގޮތަށް އޭނާ ދޫކޮށްލީ ފުލުހުންގެ ބެލުމުގެ ދަށަށް. އެއީ ރަނގަޅު ގޮތެއް ނޫން. އެކަން މި ހޮސްޕިޓަލުގެ މެނޭޖްމަންޓާ ހިސާބަށް އައުމުން އެ ޕޭޝަންޓު ހޯދައި ގެނައިން،" އޭނާ ވިދާޅުވިއެވެ.
އަފްއާލް އިތުރަށް ވިދާޅުވީ، އެމީހާ ގެނެސް އޭޑީކޭގެ މުވައްޒަފުންގެ ފަރާތުން އޭނާއަށް އަންނައުނު ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި އޭނާ މިހާރު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ފުލުހުންގެ ބެލުމުގެ ދަށުން ހޮސްޕިޓަލަށް ގެނައި މީހަކު ލާނެ އަންނައުނެއް ނެތުމުން ބަލިމީހުންގެ ގައުންގައި ބޭރުތެރޭގައި އުޅެފައިވާ އިރު، މިކަމާ ގުޅިގެން ފުލުހުން ވަކި އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު