އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ޝާހިދު ހުސެއިން މޫސާއެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ.
ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 9.61 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި 170 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 57 މީޓަރުގެ އެއްގަމު ތޮށިލުމާއި ނުވަ މީޓަރު ދިގު ނުވަ މީޓަރު ފުޅާ ރޭމްޕެއް ހެދުން ހިމެނެ އެވެ. އަދި 250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހެދުމުގެ އިތުރުން ބަނދަރުގައި ބައްތި ހަރުކުރުން ހިމެނެއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 150 ދުވަސް ތެރޭގައި ނިންމުމަށެވެ.