ރާއްޖެއަށް ގައިރުދީން ތައާރަފު ކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވާހަކަ ދެެއްކެވި މައްސަލަ މަޖިލީހުގެ އިދާރާއިން ބަލަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑައިރެކްޓަރު ހަސަން ޒިއާއު "ވަން" އޮންލައިން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ މައްސަލަ މަޖިލިސް އިދާރާއިން ބަލަމުން އަންނަ ކަމަށެވެ.

"އެ މެންބަރު މަޖިލިސް ޖަލްސާގައި ވިދާޅުވީ ކޮން ބަސްފުޅެއްތޯ، މިދަނީ ބަލަމުން، އެކަން ބަލަމުން އަންނަނީ މަޖިލިސް އިދާރާއިން،" ޒިއާއު ވިދާޅުވިއެވެ.

އިސްލާމްދީން ނޫން އެހެން ދީންތަކުގެ މީހުންނަށް ރާއްޖެ އައިސް ނަމާދު ކުރެވޭ ގޮތް ހެދުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ވަނީ ވާހަކަ ދައްކަވައިފައެވެ.

ހެއްކާބެހޭ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ހެއްކަކީ އަމާނާތެއް ކަމަށެވެ. ކޮންމެ މީހަކުވެސް އެ އަމާނާތް އަދާކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތަށް ހެއްކާބެހޭ ގޮތުން އިރުކޮޅަކު ވާހަކަ ދެއްކެވުމަށްފަހު ޖާބިރު ވިދާޅުވީ އަޅުގަނޑުމެން ދިވެހިންނަކީ އެކި ގައުމުތަކުން ރާއްޖެ އައިސް އުޅޭ ބައެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެންނަކީ އެކި ގައުމުތަކުން އައިސް އުޅޭ ވަކަރުގޭ ކުދިން، ވީމާ ބެހިގެން މިތަނަށް އައި މީހުންކަން ކިތަންމެ ރީތިކޮށް ހުރި ޅ އެއްވިޔަސް ވަކަރުގޭ ކުދިން ވާނީ ހަމަ ވަކަރުގޭ ކުދިންނަށް،" ޖާބިރު ވިދާޅުވިއެވެ.

އަޅުގަނޑުމެން ރާއްޖެ އައީ އެކި ތަންތަނުގައި ފިލައިގެން އުޅުމަށްފަހުގައި ކަމަށާއި، ހަގީގަތަކީ އަޅުގަނޑުމެންނަކީ އެކި ގޮތްގޮތުން ރާއްޖެ އައިސްފައި ތިބި ބަޔަކަށް ވުން ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އަޅުގަނޑުމެން ތަހުޒީބު ވާން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން ކިތަންމެ ރީތި ރަން ވިދާ ހެދުމާއި މީއްޗިހި ލިޔަސް އަޅުގަނޑުމެން ތަހުޒީބު ވާން ޖެހޭ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ޝަރީއާ ތަހުޒީބު ކަމަށާއި، ކީރިތި ގުރުއާން ތަހުޒީބު ކަމަށެެވެ. އަދި މާތް ﷲ ވޮޑިގެންވާ ކަމަށާއި، ﷲ ސުބުހާނަހޫ ވަތައާލާގެ މިންވަރު ފުޅާއެކު އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން ކަމަށެވެ. މި ރާއްޖޭގައި މާމޮޅު ދީންވެރިޔަކު ނެތް ކަމަށާއި، ނަމަވެސް އެންމެންނަކީ ނަމާދު ކުރާ މީހުން ކަމަށްވެސް ވިދާޅުވިއެވެ.

ދެން ވިދާޅުވީ "އެެހެންދީންތަކަށް މިރާއްޖޭގައި ނަމާދުކޮށް އުޅެވޭނެ ގޮތުގެ މައްޗަށް ލަކުމް ދީނުކުމް ވަލިޔަދީން މިގައުމުގައި އުފައްދަން އެބަ ޖެހޭ، މާނައަކީ އެހެންދީންތަކުގެ މީހުންނަށް އައިސް ނަމާދުކޮށް މިތާނގައި އުޅެވެން ވާނެ،" ކަމަށެވެ.