ރިސޯޓު ތަރައްގީކުރަން ހުޅުވާލި ރަށްތަކުގެ ތެރެއިން އެވޯޑު ކުރީ އެންމެ ރަށެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ރިސޯޓު ތަރައްގީކުރަން ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އިއުލާނު ކުރި 16 ރަށުގެ ތެރެއިން ބިޑު ހުށަހެޅީ ހަތް ރަށަކަށެވެ. އެ ރަށްތަކަށް ނުވަ ފަރާތަކުން 13 ބީލަން ހުށަހަޅައިފައެވެ.
- ހއ. ވެލިފިނޮޅު
- މ. ސީދިހުރާ އާާއެކު ސީދިހުރާ ވެލިގަނޑު
- ތ. ކާއްޑޫ
- ތ. އޮޅުފުށި، އޮޅުފުށި ފިނޮޅާއެެކު
- ލ. ބޮޑުމުންޏަފުށު
- ގއ. ފުނަދޫވިލިގިއްޔާ
- ގދ. ކަނޑަހަލަގަލާ
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، އެރަށްތަކުގެ ތެރެއިން އިވެލުއޭޝަން ޕްރޮސެސް ނިންމައި، އެވޯޑުކުރީ ހއ. ހޯރަފުށީ ކައިރީގައި އޮންނަ ވެލިފިނޮޅު އެކަނި ކަމަށެވެ. އެ ރަށަށް ބިޑު ހުށަހެޅީ ދެ ކުންފުންޏަކުންނެވެ.
އެއީ ބީޗްއެކްސް ޕްރައިވެޓް ލިމިޓެޑް އަދި ޕާލް ސޭންޑްސް އޮފް މޯލްޑިވްސް އެވެ. ޕާލް ސެންޑްސް އަކީ ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްގެ ފިރިކަލުން، މުހައްމަދު ނާޝިޒުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
އޮފިޝަލު ވިދާޅުވި ގޮތުގައި، ވެލިފިނޮޅު ފިޔަވައި، އެންމެ ފަހުން ރިސޯޓް ތަރައްގީކުރަން ހުޅުވާލި ރަށްތަކަށް ހުށަހެޅި ހުރިހާ ރަށްތަކެއްގެ ބިޑުތައް ވަނީ ކެންސަލްކޮށްފަ އެވެ. އެ ބިޑުތައް ކެންސަލް ކުރީ އިދާރީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން ފާހަގަވި ބައެއް މައްސަލަތަކާ ގުޅިގެން ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު