ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖެއް ގާއިމު ކުރުމުގެ މަސައްކަތް ނިންމައި 2023 ވަނަ އަހަރު އެތަނުގައި ކިޔަވައިދޭން ފެށޭވަރު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިބްރާހީމް ހަސަން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކޮލެޖުގެ މަސައްކަތްތަކާ ބެހޭގޮތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ދިއްދޫގައި ޖޫނިއާ ކޮލެޖެއް ގާއިމު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.

މިނިސްޓަރާ ސުވާލު ކުރައްވަމުން މެންބަރު އަބުދުﷲ ވަހީދު ވިދާޅުވީ ދިއްދޫގައި ޖޫނިއާ ކޮލެޖެއް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށާއި، 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ވެސް އެ ޕްރޮޖެކްޓް ހިމަނާފައިވާ ކަމަށެވެ.

ނަމަވެސް 2021 ވަނަ އަހަރުގެ މިހާ ހިސާބަށް އައިއިރުވެސް، އެ ކޮލެޖް ދިއްދޫގައި ގާއިމުކުރެވިފައި ނުވާތީ، އެ ކޮލެޖް ގާއިމުކުރުމުގެ މަސައްކަތް މިހާރު ގޮސްފައި އޮތް ހިސާބަކީ ކޮބައިތޯ އާއި އެ ކޮލެޖް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށޭނީ ކޮންއިރަކުންތޯ އާއި ކޮލެޖް ހުޅުވައި، އެ ތަނުގައި ކިޔަވައިދޭން ފެށޭނީ ކޮން ތާރީހެއްގައިތޯ މެންބަރު ސުވާލު ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ޕްރޮޖެކްޓަށް 2020 ވަނަ އަހަރު ބަޖެޓުގައި 1.6 މިލިޔަން ރުފިޔާ ހިމަނާފައިވާ ކަމަށާއި، މިއަހަރު ތިންލައްކަ ރުފިޔާ ހިމަނާފައިވާ ކަމަށެވެ. ނަމަވެސް އެ އަދަދަކީ އެފަދަ ކޮލެޖަކަށް އެކަށީގެންވާ އަދަދެއް ކަމަށް ނުވާތީ، އެ ޕްރޮޖެކްޓް ޕަބްލިކްޕާޓްނާޝިޕް ޕްރޮގްރާމް (ޕީޕީޕީ) ގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ފަހަރަކު ތަންކޮޅަކުން ތަންކޮޅަކުން އެހެން ބައެއް ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔަ ނަމަވެސް، އެއާ ހިލާފަށް ޖޫނިއާ ކޮލެޖްގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ، ހުރިހާ ކަމެއް ފައިނަލް ކޮށް މުޅި ޕްރޮޖެކްޓް އެއްކޮށް ކުރިއަށް ގެންދާ ގޮތަަށް ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ޕީޕީޕީގެ ދަށުން އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހާމަ ކުރުމަށް މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޕީޕީޕީގެ ދަށުން އެ ޕްރޮޖެކްޓް ކުރިއަށް ނުގެންދެވިއްޖެ ނަމަ، އެކަމަށްވެސް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން އެ ޕްރޮޖެކްޓްގެ ކޮންސެޕްޓް ޑިޒައިން އާއި ޑީޓެއިލް ޑްރޯއިންގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށްވެސް ވިދާޅުވިއެވެ. އެ ޕްރޮޖެކްޓާ ބެހޭގޮތުން ގިނަ ގައުމުތަކެއްގެ ސަފީރުންނާ މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިހާރު ކަންތައް ކުރިއަށް ގޮސްފައިވާ ގޮތަށް ބަލާއިރު އެ ޕްރޮޖެކްޓްގެ މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. މިިމިސްޓަރު ވިދާޅުވީ އުއްމީދަކީ، ކޮލެޖްގެ މަސައްކަތް ނިމި އަންނަ އަހަރުގެ ފަހުކޮޅު އެތަނުން ކޯސްތަކަށް އިއުލާނުކޮށް 2023 ވަނަ އަހަރު އެތަނުގައި ކުދީންނަށް ކިޔަވައިދޭތަން ފެނިގެން ދިއުން ކަމަށެވެ.