ޗާޓާޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނުކުރުމަށް 200 ސްކޮލާޝިޕްގެ ފުރުސަތަށް ކުރިމަތިލުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
ހަޔާ އެޑިއުކޭޝަނުން މިއަދު ބުނީ، އެ ސްކޮލާޝިޕްތަކަކީ އެކައުންޓިންގެ ދާއިރާގައި ފަންނީ މަސައްކަތް ކުރުމުގެ ފުރުސަތު ދިވެހީންނަށް ހޯދައިދިނުމުގެ ގޮތުން ސަރުކާރުގެ ހަރަދުގައި ޗާޓާޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނުކުރުމުގެ ގޮތުން ހުޅުވާލި ފުރުސަތުތަކެއް ކަމަށެވެ.
ޗާޓާޑް އެކައުންޓެންޓުން ތަމްރީނު ކުރުމަށް ހުޅުވާލި ސްކޮލާޝިޕްތަކުގެ މަގުސަދަކީ ދިވެހިންނަށް އެ ދާއިރާއިން ވަޒީފާ ފަހިކޮށްދިނުމާއެކު އެ ދާއިރާއިން ތަމްރީން ލިބިފައިވާ ފަންނީ ދިވެހިން އުފައްދައި، އެ ދާއިރާ ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.
އަދި އެ ދާއިރާއިން މިހާރު ކިޔަވަމުންދާ ފަރާތްތަކަށާއި އެ ދާއިރާއާ ގުޅުންހުރި ދާއިރާތަކުން ތައުލީމު ހޯދާފައިވާ ފަރާތްތަކުން ޕްރޮފެޝަނަލް ޗާޓާޑް އެކައުންޓެންޓުންނަށް ވުމަށް އެ ސްކޮލާޝިޕް ފުރުސަތުތަކުގެ ބޭނުން ހިފޭނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއަދު ހުޅުވާލި 200 ފުރުސަތަކީ ވަރަށް މުހިއްމު ފުރުސަތުތަކެއް ކަމަށާއި އެ ސްކޮލަޝިޕްގެ ދަށުން ޗާޓާޑް އެކައުންޓެންޓުންނަށް ވުމަށްޓަކައި އެކަމާ ގުޅުން ހުރި ހުރިހާ ހަރަދެއް މިނިސްޓްރީން ދޭނެ ކަމަށެވެ.
"ސީމާ އަދި އޭސީސީއޭގެ ފަހު ދެ ލެވެލްގެ އިމްތިހާނު ފީއާއި އެނޫންވެސް އެހެނިހެން ހަރަދުތައް ހިމެނޭގޮތަށް ދެވޭ ސްކޮލާޝިޕްގެ ބޭނުން މިދާއިރާގައި މަސައްކަތް ކުރާ ޒުވާނުންނާއި މިދާއިރާއިން ތައުލީމު ހާސިލުކުރަމުންދާ ޒުވާނުން ހިއްޕަވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން،" އޭނާ ވިދާޅުވިއެވެ.
އެ މިނިސްޓްރީން ބުނީ 200 ސްކޮލާޝިޕް ބަހާލައިފައިވަނީ ދެ ކެޓެގަރީއަށް ކަމަށެވެ. އެއީ 150 އޯޕަން ކެޓެގަރީ އަދި 50 ޕަބްލިކް ކެޓެގަރީއަށެވެ. 50 ފުރުސަތު ޕަބްލިކް ސެކްޓާއަށް ރިޒާވްކުރުމުގެ ބޭނުމަކީ ދައުލަތުގެ މާލީ ކަންކަމުގައި މަސައްކަތް ކުރާ ޒުވާނުންގެ ފަންނީ ގާބިލުކަން އިތުރުކުރުން ކަމަށް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.
އެ ސްކޮލާޝިޕްތަކަށް ހޮވޭ ފަރާތްތައް ދެ އަހަރުގެ މުއްދަތަކަށް ރާއްޖޭގައި ހިދުމަތް ކުރުމަށް ބޮންޑުކުރެވޭނެ ކަމަށެވެ. އަދި ސްކޮލާޝިޕްތަކަށް ހޮވޭ ފަރާތްތައް ބައިވެރިވާ ޕްރޮގްރާމް ފުރިހަމަ ކުރުމަށް ދެވޭނީ ގިނަވެގެން ދެ އަހަރު ދުވަސް ކަމަށް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.
ސްކޮލާޝިޕަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ހަޔާ އެޑިއުކޭޝަންގެ މައިއެޑިޔު ޕޯޓަލް މެދުވެރިކޮށެވެ. އެޕްލިކޭޝަން ހުށަހަޅުމުގެ އެންމެ ފަހުގެ ތާރީހާކީ މި މަހުގެ 26 ވާ އާދީއްތަ ދުވަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު