ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ގިނަ ދަރިވަރުންނަށް ލޯނު ނުލިބި ޑިސްކޮލިފައިވެއްޖެއެވެ.

މިދިޔަ ފެބްރުއަރީ މަހު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިއަހަރުގެ ސްޓުޑޭންޓް ލޯނަށް ކުރިމަތިލުމަށް ހުޅުވާލައިފައެވެ. ހަޔާ އެޑިއުކޭޝަނުން ވަނީ 720 ފުރުސަތު ހުޅުވާލައިފައެވެ. އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 417 ފުރުސަތާއި، މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ދިން 303 ފުރުސަތެވެ.

ސްޓޫޑެންޓް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އެޕްރީލް މަހުގެ 11 ވަނަ ދުވަހު ހަމަވިއިރު އެ ލޯނަށް 1،000 ދަރިވަރުން ވަނީ ކުރިމަތިލައިފައެވެ.

ހަޔާ އެޑިއުކޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ، މިއަހަރު ލޯނު ލިބޭނީ 393 ދަރިވަރުންނަށް ކަމަށެވެ.

"އަޅުގަނޑުމެން ގެޒެޓުކޮށްފައިވާ އުސޫލާ އެއްގޮތަށް ލޯނު މި ދެވެނީ 393 ދަރިވަރުންނަށް، އަޅުގަނޑުމެން ވަރަށް ބޮޑަށް ޑިސެޕޮއިންޓްވި ލޯނު ލިބޭ ދަރިވަރުންގެ އަދަދު ނިސްބަތުން މަދުވިކަމަށްޓަކައި،" މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސްޓޫޑެންޓް ލޯނު ދޫކުރަނީ ރާއްޖެއަށް މީހުން ބިނާކުރަން ބޭނުންވާ ހުރިހާ ދާއިރާއަކަށް ހުޅުވާލައިގެން ކަމަށެވެ. އެގޮތުން ޕައިލެޓުކަން ކިޔަވަން ހުޅުވާލި ދިހަ ޖާގައަށް 252 ދަރިވަރަކު ކުރިމަތިލި އިރު، 240 ދަރިވަރަކު ޑިސްކޮލިފައިކުރަން ޖެހުނު ކަމަށާއި އެމްބީބީއެސް ކިޔަވަން ހުޅުވާލި 25 ޖާގައަށް 129 ދަރިވަރުން ކުރިމަތިލުމުން 104 ދަރިވަރަކު ޑިސްކޮލިފައިވެފައިވާ ކަމަށެވެ.

ޕީއެޗްޑީ ކިޔަވަން ހުޅުވާލި ފަސް ޖާގައަށް 31 ދަރިވަރަކު ކުރިމަތިލުމުން 26 ދަރިވަރަކު ޑިސްކޮލިފައިވެފައިވެއެވެ. މީގެ އިތުރުން ޓްރެއިނިން ނީޑްސްގައި ނުހިމެނޭ ދާއިރާތަކުން ކިޔެވުމަށް 29 ދަރިވަރުން ހުށަހަޅާފައިވާ އިރު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)ގެ މިންގަނޑުތަކަށް ނުފެތޭ 35 ހުށަހެޅުމެއް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން އޯ-ލެވެލް/އޭ-ލެވެލް ސެޓްފިކެޓުތައް ފުރިހަމަނުކޮށް 37 ދަރިވަރަކު އެޕްލިކޭޝަން ހުށަހެޅި އިރު، ބޭނުން ނުވާ ކެޓަގަރީއަކުން ލޯނަށް ހުށަހަޅައިގެން 30 އަށްވުރެ ގިނަ ދަރިވަރުން ޑިސްކޮލިވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިފަހަރު އިއުލާނުކުރި ފުރުސަތުތަކަށް ވުރެ މަދުން ދަރިވަރުންނަށް ލޯނު ލިބުމުން، އެކަމަށް ކަނޑައެޅި ބަޖެޓުން 21 މިލިއަނެއްހާ ރުފިޔާ ބާކީވާނެ ކަމަށެވެ. އެހެންވެ، އިތުރު ލޯނުތައް ދޫކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ސްޓޫޑެންޓް ލޯނު ލިބުނު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލެވިފައި ހުންނާނެ ކަމަށެވެ.

ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ނަތީޖާ ނެރޭނީ އަންނަ މަހުގެ ފަސްވަނަ ދުވަހުއެވެ.