ސްޕޯޓްސް މަސްވެރިކަމަށް އަމާޒުކޮށްގެން ރާއްޖޭގެ އަތޮޅުތަކާއި ރަށްރަށް ކައިރީގައި، އަލުން މަސްކަނދުފަތި އެޅުމުގެ މަސައްްކަތް ކުރަމުންގެންދާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ސްޕޯޓްސް މަސްވެރިކަމަށް ވ. އަތޮޅުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަނދުފަތީގެ މަސައްކަތްތަކާ ބެހޭގޮތުން ކެޔޮދޫ ދާއިރާގެ މަޖިލިސް މެންބަރު ހުސެއިން ގާސިމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، "ސްޕޯޓްސް މަސްވެރިކަމަށް ބޭނުން ކުރެވޭގޮތަށް ރަށްރަށާއި، އަތޮޅުތަކުގެ ބޭރުދުނި ކައިރީގައި ކަނދުފަތި އެޅުމުގެ މަސައްކަތް ކުރަމުން އެބަދަން،" ކަމަށެވެ. ނަމަވެސް މިހާތަނަށް ހަރުުކުރި އެފަދަ ކަނދުފަތިތައް ކުރު މުއްދަތެއްގެ ތެރޭގައި ކަނޑައިގެން ގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން "އެއީ އޭގެ ޑިޒައިންގެ ސަބަބުން ދިމާވާކަމެއްތޯ، ނޫނީ އެންކަރިން މައްސަލަތޯ ބަލަމުންދާ،" ކަމަަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ހުއްޓިފައިވަނީ ކަނދުފަތި ހަރުކުރާ ސަރަހައްދުތަކުގެ ކަނޑުއަޑި ސާވޭކުރަން ބޭނުންވާ އާލާތްތައް ހަލާކުވެގެން ކަމަށެވެ. އެހެންކަމުން އެތަކެތި ގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަލަށް އަޅާ ކަނދުފަތިތައް އަޅާނީ އެ ސަރަހައްދުގެ ކަނޑުއަޑި ރަނގަޅަށް ސާވޭކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު