ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވާ ކުރީގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިތައް ކޯޓަށް ބަލައިނުގަނެވޭނެ ކަމަށް ދައުލަތުން ވިދާޅުވެއްޖެއެވެ.

ރަސްމީ ހައިސިއްޔަތުން ނަހަމަ ގޮތުގައި ބޭނުން ކުރުުމުގެ ދައުވާ ޒިޔާދުގެ މައްޗަށް ކުރަނީ ޒިކުރާ މިސްކިތް ހުރި ބިިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި މައްސަލައިގައެވެ. ޒިޔާދުގެ އިތުރުން ދެން އެ މައްސަލައިގައި ދައުވާކުރަނީ އިސްލާމިކް މިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަންގެ އޭރުގެ ވެރިޔާ އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމަކީ ހުށަހަޅާފައިވާ ހެއްކާ ގުޅެގޮތުން ދެ ފަރާތަަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބޭއްވި އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި ދައުލަތުން ވިދާޅުވީ ދިފާއީ ހެކިން ދީފައިވާ ހެކިބަހުގައި ބުނާ ވާހަކަތަކަކީ ތަހުގީގު މަރުހަލާގައި ފާހަގަ ކޮށްފައި ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ބައެއް ހެކިން ބުނާ ވާހަކަތަކާ މެދު ސުވާލު އުފެދޭ ކަމަށާއި އެސްޖޭ ކުންފުންޏާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ބަދަލުކުރި ކަމަށް ބުނާ އީމެއިލްތަކެއްގެ ވާހަކަ ދިފާއީ ހެކިން ބުންޏަސް، އެފަދަ އީމެއިލްތަކެއް ތަހުގީގަށް ލިބިފައިނުވުމުން އެއީ އަސްލު އެއްޗެއް ކަމާމެދު ސުވާލު އުފެދޭ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވައި ޒިޔާދުގެ ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ދިފާއީ ހެކީންގެ ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށް ދައުލަތުން ބުނެފައިވިޔަސް، ހެކި ބަލައިނުގަތުމަށް ކުރިން ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ބައެއް ހެކީންނަކީ އެ މުއާމަލާތުން ފައިދާ ލިބުނު ބައެއް ކަމަށް ދައުލަތުން ބުނާއިރު މަނީ ލޯންޑްރިން ފަދަ ބޮޑެތި މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ވެސް އެފަދަ ހެކިން ހުށަހަޅާ ކަމަށެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ކަން ނޫރުއްސަލާމް ފާހަގަކުރެއްވިއެވެ.

ޒިޔާދު މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ ދައުލަތަށް ގެއްލުންވާ ގޮތަށްކަން ފާހަގަކުރައްވައި ދައުލަތުން ވިދާޅުވީ، އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ވެވުނު އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރީ ޒިޔާދުކަން ފުލުހުންގެ ފޮރެންސިކް ތަހުލީލުތަކުން އެނގޭ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ސަބަބުން ދައުލަތަށް ފައިދާ ނުވާ ކަމަށާއި ފައިދާ ލިބިގެން ދިޔައީ އެސްޖޭ ކޮންސްޓްރަކްޝަނަށް ކަމަށް ދައުލަތުން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އެއަށް ރައްދު ދެއްވައި ނޫރުއްސަލާމް ވިދާޅުވީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރި ކަމަށް ދައުލަތުން ބުންޏަސް، ދައުލަތަށް ގެއްލުންވީ މި ސަރުކާރުން އެއްބަސްވުން ބާތިލު ކުރުމުން ކަމަށެވެ. އެހެންވެ، ސިވިލް ކޯޓުން ވެސް އެގޮތަށް ހުކުމް ކޮށްފައިވާ ކަމަށާއި އެ މަޝްރޫއު އެސްޖޭ ކުންފުންޏާ ހަވާލުކުރީ ފިނޭންސް މިނިސްޓްރީގެ އެދުމުގެ މަތިން ރައީސް އޮފީހުން ކަމަށެވެ. އަދި ލިޔުންތަކުން އެކަން ފެންނަން އެބައޮތް ކަމަށާއި އެއީ ބަހުސް ކުރެވެން ނެތް މިންވަރަށް ސާފު މައްސަލައެއް ކަމަށްވެސް ނޫރުއްސަލާމް ވަނީ ވިދާޅުވެފައެވެ.

ނޫރުއްސަލާމް ވިދާޅުވީ އެސްޖޭ ކުންފުންޏާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ބަދަލުކުރި އީމެއިލްތަކެއް ހުރި ކަމާ މެދު ދައުލަތުން މިހާރު ސުވާލު އުފެއްދި ނަމަވެސް، އެ އީމެއިލްތައް ހޯދަން ތަހުގީގީ މަރުހަލާގައި ދައުލަތުން މަސައްކަތް ނުކުރާ ކަމަށެވެ. އެހެންކަމުން މި ހެކިތަކަކީ ބަލައި ނުގަނެވޭނެ ހެކިތަކެއް ކަމަށް ކަނޑަނެޅޭނެ ކަމަށް ވިދާޅުވިއެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ހެއްކާބެހޭ ގޮތުން ވާހަކަ ދައްކައި ނިމުމުން، އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ ދެން އޮންނާނީ ހުލާސާ ބަޔާން ހުށަހެޅުން ކަމަށެވެ. ހުލާސާ ބަޔާން ހުށަހެޅުން މިއަދު ކުރިއަށް ގެންދަން ޒިޔާދާއި އިބްރާހިމްގެ ފަރާތުން އެދުނަސް، ގާޒީ ނިންމެވީ އެ ބައި ދެން އޮންނަ އަޑުއެހުމުގައި ކުރިއަށް ގެންދިއުމަށެވެ.

ހުލާސާ ބަޔާނަށް ފަހު އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.