ޚަބަރު

މޯލްޑިވްސް ބޯޑާ މައިލްސްގެ ގޯލްޑް މެންބަރުންނަށް ވީއައިޕީގެ ހިދުމަތް ހިލޭ ލިބޭ ގޮތް ހަދައިފި

ފަތުރުވެރިންނަށް ހާއްސަ އިނާޔަތްތަކެއް ލިބޭ "ބޯޑާ މައިލްސް" ޕްރޮގްރާމުގެ ގޯލްޑް ޕެކޭޖު "އަބާރަނަ"އިގެ މެންބަރުންނަށް ވީއައިޕީގެ ހިދުމަތް ހިލޭ ލިބޭނެ ގޮތް ހަދައިފިއެވެ.

މޯލްޑިވްސް ބޯޑާ މައިލްސް އަކީ މޯލްޑިވްސް އިމިގްރޭޝަނުން ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހު ތައާރަފު ކުރި ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމް ފެށީ މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މިއީ އެގޮތަށް ދުނިޔޭގައި ވެސް ތައާރަފު ކުރި ފުރަތަމަ ޕްރޮގްރާމެވެ. އެ ޕްރޮގްރާމުގެ ދަށުން ތިން ޕެކޭޖެއް ވަނީ ތައާރަފު ކޮށްފަ އެވެ. އެއީ ބްރޯޒް ޕެކޭޖު "އައިދަ"، ސިލްވާ ޕެކޭޖު "އަންތަރަ" އަދި ގޯލްޑް ޕެކޭޖު "އަބާރަނަ" އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، އަބާރަނަ ޕެކޭޖުގެ މެންބަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ހިދުމަތް ހިލޭ ލިބޭނެ ގޮތް ތައާރަފު ކޮށްފައިވާ އިރު، އެ ޕެކޭޖުގެ މެންބަރަކަށް ވެވޭނީ 4،000 ޕޮއިންޓްސް ލިބިގެން ކަމަށެވެ.

ބޯޑާ މައިލްސް ޕްރޮގްރާމްގެ މެންބަރަކަށް ވުމުގެ ފުރުސަތު ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް ވެސް އޮވެއެވެ. އެ ޕްރޮގްރާމް މައިގަނޑު ގޮތެއްގައި ބިނާވެގެން ވަނީ ފަތުރުވެރިޔާ ރާއްޖެ ޒިޔާރަތްކުރާ އަދަދަށާއި ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދަށެވެ. އަދި ހާއްސަ މުނާސަބަތަކާއި ގުޅުވައިގެން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިތުރު ޕޮއިންޓުތަކެއް ލިބޭނެއެވެ.