ރިޕޯޓް

ރަސޫލާ އަށް ފުރައްސާރަކޮށް މަދަހަ ކީ ކަމަށް ބުނެ ސޯޝިއަލް މީޑިއާ ކެކެނީ

ރިފާ ހަލީލު

1

ފާއިތުވި ދެތިން ދުވަހު މުޅި ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސްކޫލެއްގެ ޓީޗަރަކު އޭނާގެ ދަރިވަރުންނާއި ބެލެނެވެރިންނާއި ސްކޫލުގެ އިސްވެރިންތަކެއް ކުރިމަތީ ރަސޫލާ އަށް ފުރައްސާރަކޮށް މަދަހަ ކީ ކަމަށް ބުނާ ވީޑިއޯއެކެވެ. ވީޑިއޯއިން ގިނަ ބަޔަކު ފެންނަން ތިއްބަސް މަދަހަ ކިޔަން ހުރި މީހާ ހުއްޓުވަން ނުވަތަ ތިގޮތަށް މަދަހަ ނުކިޔަން އެއްވެސް މީހަކު އުޅޭތަނެއް ނުފެނެ އެވެ. އެކަމަކު މަދަހަ ކިޔާ ވަރަކަށް މީހުންތައް ހޭ އަޑުން މުޅި އެ ހޯލު ގުގުމާލަ އެވެ.

ސޯޝަލް މީޑިއާއަށް ވީޑިއޯ ދޫކޮށްލި ހިސާބުން ފާޑު ކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އެންމެންވެސް ބުނަމުން ދަނީ މިއީ ހިނގައިގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެއްބަޔަކު އެ ވީޑިއޯގައި އެ މަދަހަ ކިޔާ މީހާ ހައްޔަރު ކުރުމަށްވެސް ގޮވާލަމުން އެބަދެ އެވެ. އަދި އޭނާއާ މެދު ފިޔަވަޅު އަޅަންވެސް ގޮވާލަމުން އެބަ ދެއެވެ.

ވީޑިއޯއާއެކު ދީނީ އިލްމުވެރިންވެސް ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ. މަޖަލަކަށް ވިޔަސް ސަކަރާތުގެ ތެރެއިން ވިޔަސް އަޑު ޓެސްޓު ކުރުމަށްވެސް ރަސޫލާ އަށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިލްމުވެރިން އަންނަނީ ވިދާޅުވަމުންނެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ މަޖިލިސް މެންބަރަކަށް އިންޒާރުދީ ބިރުދެއްކުމުން ޓީޗަރު ވަޒީފާއިން ވަކިކުރި ގޮތަށް މާތް ނަބިއްޔާ އަށް ފުރައްސާރަކޮށް ހަޖޫ ޖެހުމުން އެ ޓީޗަރަކު ވަގުތުން ވަޒީފާއިން ވަކި ކުރަން ޖެހޭ ކަމަށެވެ.

ޑރ. އިޔާޒު ވިދާޅުވީ މާތް ރަސޫލާއަށް ފުރައްސާކޮށް، ލަވަކީ ޓީޗަރު ވަގުތު ވަޒީފާއިން ވަކިކުރަން ޖެހޭ ކަމަށާއި އެފަދަ މީހުންނާ މެދު ފިޔަވަޅު ނޭޅޭއިރު މަޖިލިސް މެންބަރަކަށް ބިރުދެއްކި ޓީޗަރު ވަޒީފާއިން ވަކިކުރުމުން ހަމަނުޖެހޭ ކަމަށެވެ.

މީގެ އިތުރުން ޑރ.އިޔާޒު ވިދާޅުވީ މައިކު ޓެސްޓް ކުރުމަށްވެސް މާތް ރަސޫލާއަށް ފުރައްސާ ކުރެވިގެން ނުވާނެ ކަމަށާއި އެއީ ކަނޑައެޅިގެން ހަރާމް ކަމަކަށްވާއިރު އެކަން ކުރި މީހާއާމެދު އެއްވެސް ފިޔަވަޅެއް ނޭޅޭ ކަމީ މިފަދަ ކަންކަމަށް ޖާގަ ދެވިގެންދާނެ ކަމެއް ކަމަށެވެ.

ކަން ހިނގައި ދިޔަ ގޮތް އޮޅުން ފިލުވާލުމަށް "ވަން" އިން ފޯކައިދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު މަތީނަށް ގުޅާލުމުން މިއަދު ވިދާޅުވީ، ހަގީގަތުގައި ދައުރުވަމުންދާ ވީޑިއޯގައި އެ ބުނަނީ ތެދު ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ރަސޫލާ އަށް ފުރައްސާރަ ކުރާ ކަމަށް ބުނެ އެ ވީޑިއޯގެ ތަންތަންކޮޅު ލުމުން އެއްވެސް ހަގީގަތެއް ހާމައެއް ނުވާނެ ކަމަށެވެ.

މަތީން ވިދާޅުވީ އެ ސްކޫލަކީ އެފަދަ ކަމަކަށް ހިތްވަރު ދޭނެ ސްކޫލެއް ނޫން ކަމަށެވެ. އަދި މަދަހަ ކީ މުދައްރިސަކީ އެ ސްކޫލުގައި ހުރި އެންމެ އަހުލާގު ރަނގަޅު އެއްޓީޗަރު ކަމަށާއި އޭނާ އަކީ ދީނީ ކަންކަމަށް ލޯބި ކުރާ މީހެއް ކަމަށެވެ. އަދި އޭނާ އެފަދަ ނިޔަތެއްގައިވެސް އެ ނޫން ގޮތަކަށްވިޔަސް އެ މަދަހަ ނުކިޔާނެ ކަމަށެވެ.

"އަސްލު މިވާ ގޮތަކީ މަދަހަ މުބާރާތު ސޯލޯ މަދަހަތައް ކުދިން ކިޔައި ނިމުމުން 15 މިނިޓުގެ ބްރޭކެއް ދިނީ ގުރޫޕު މަދަހަތަކަށް ރެޑީވާން. ދީފަ ސައުންޑާ އެއްޗެހި ޗެކު ކުރީ. ދެން އޭ ސާހިބާ މަދަހައިގެ ތަންކޮޅެއް ކީ އެ ޓީޗަރު. އެ ތަންކޮޅު ކިޔާލިތަނުން އެތަނުން އެއްބަޔަކު އެބަ ބުނޭ ގަރުދިޔާޔާ ބަތާ ޖައްސާށޭ. ބުނީމަ ދެން އޭނަ އެ ރާގުގަ ކިޔާލީ. މީގަ ކުރިން އެ މަދަހައިގެ ރާގުގަ "އޭ އާދަނާ" ކިޔާފަ އިން ލަވައެއް ޓީވީއެމްއިންވެސް ގެނެސްދިން. މިސާލަކަށް މައިކު ޗެކު ކުރަން އަޅުގަނޑުމެންވެސް ބިސްމި ވެސް ކިޔަން. ކިޔާފަ ޗެކް ވަން ޓޫ ތިރީވެސް މި ކިޔަނީ. ދެން އެވެސް ވީޑިއޯ ކޮށްފަ ބުނެވިދާނެ ބިސްމީގެ ތެރެއަށް ހިސާބު އަކުރު ލީއޭ. އެ ވީޑިއޯ ދައުރު ކުރި ގޮތް ގޯހީއޭ އަޅުގަނޑު ބުނާނީ." އޭނާ ވިދާޅުވި އެވެ.

މަތީން ވިދާޅުވީ އެ ސްކޫލުގެ މަދަހަ މުބާރާތް ދިޔައީ އެ ސްކޫލުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކުރަމުން ކަމަށާއި އެފަދަ ކަމެއް ހިނގި ނަމަ ލައިވް ވެސް މެދުކަނޑާނެ ކަމަށެވެ. އެހެން ކަމުން ދައުރުވާ ވީޑިއޯއިން އެ ފެންނަނީ ދަރިވަރުން ކުރިމަތީގައި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމަށް ކިޔާފައިވާ މަދަހައެއް ނޫން ކަމަށެވެ. އަދި އެ ސްކޫލަކީ ދީނީ ކަންކަމަށް ލޯބި ކުރާ، އެފަދަ ކަންކަމަށް ބާރުއަޅާ ސްކޫލެއް ކަމަށާއި އެހެންކަމުން ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އެއްވެސް އަމަލަށް ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަނުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ނަމަވެސް މަތީން ވިދާޅުވީ މި ކަން ހިނގައި ދިޔަ ގޮތް ބެލުމަށް އެޑިއުކޭޝަނުން އެ ސްކޫލަށް އަންގާފައިވާ ކަމަށެވެ.

ފޯކައިދޫ ކައުންސިލް ރައީސް އަހުމަދު އާސިފް "ވަން" މިއަދު ވިދާޅުވީ އެ ވީޑިއޯގައި އެފެންނަ ޓީޗަރަކީ އެފަދަ ކަމެއް ކުރާނެ އަދި އެފަދަ ކަމަކަށް ހިތްވަރުދޭނެ ޓިޗަރެއް ނޫން ކަމަށެވެ. އެ ވީޑިއޯ އެގޮތަށް ދައުރުވަނީ ސައުންޑް ޓެސްޓު ކުރުމަށް މަދަހައެއްގެ ތަންކޮޅެއް ކިޔާލުމަށްފަހު އެ ރާގުގައި އެހެން އެއްޗެއް ކިޔާތީ ކަމަށެވެ. އެކަމަކު އެއީ ދީނަށް ނުވަތަ ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ.

ފޯކައިދޫ ސްކޫލުގެ ކިޔަވަމުން އަންނަ ދަރިވަރުންގެ ބައެއް ބެލެނިވެރިންވެސް ބުނަނީ މިއީ ރަސޫލާ އަށް ފުރައްސާރަ ކުރުމުގެ ނިޔަތުގައި ކިޔާފައިވާ މަދަހައެއް ނޫން ކަމަށެވެ. އަދި ފޯކައިދޫ ސްކޫލަކީ އެފަދަ ކަމަކަށް ހިތްވަރުދީ އެފަދަ ކަމެއް ކުރާނެ ސްކޫލެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

މައިކް ޓެސްޓު ކުރެވޭނެ އެތައް ގޮތެއް އޮތް އިރު ރަސޫލާ އަށް ނިސްބަތްކޮށް ކިޔާފައިވާ މަދަހައެއްގެ ކަޑިތަކެއް ކިޔުމަށްފަހު އޭގެ ފަހަތުން އަމިއްލައަށް ހަދަހަދައިގެން މަދަހަ ކިޔުމަކީ ޓީޗަރަކަށް ވެ ހުރެ ދަރިވަރުންނަށް ދައްކާ ނުރަނގަޅު މަންޒަރެއް ކަމަށް އެއް ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ. އޭނާއާ މެދު ފިޔަވަޅެއް ނާޅައިފި ނަމަ މިފަދަ ކަންކަން ކުރާ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އެފަދަ މީހުން ދެކެ އެވެ.

ސޯޝަލް މީޑިއާ މި މައްސަލާގައި ކެކިފައިވާ މިންވަރުން ދިވެހީންގެ ތެރޭގައި މި ކަމަށް އޮތް ހިޔާލު ތަފާތުވުން ފާހަގަ ވެއެވެ. އެހެން ކަމުން މިއީ ޓެސްޓަކަށް ވެސް ކުރުން ރަނގަޅު ކަމެއް ނޫން ކަމަށް ދެކޭ މީހުން މަދު ނޫންކަން ސާފުވެ އެވެ.